އީވީ ހޮޅުއަށި : ދޮންފަނު ހަކީމްބޭގެ ކުރުވާހަކަ ފޮށި

DSCN4264-1024x768-1.jpg

ދޮންފަނު ހަކީމްބޭ އީވީއަށް މައުލޫމާތު ދެނީ. ރޯދަމަހު ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތުގައި ހަކީމްބެ ވަނީ ރަންވަނަތަކެއް ހޯދާފައި / ފޮޓޯ: އީވީ ޓީމް

ބ. ދޮންފަނު ހެޕީކޮޓެޖް އަބްދުލް ހަކީމޭ ބުނުމުން މިއަދުގެ ޒުވާނުންނަށް އެއީ ކާކުކަން ނޭނގިދާނެއެވެ. އެހެންނަމަވެސް ޓީވީގެ ހަކިތައް ރާއްޖޭގައި ހިއްޕާލުމުގެ ކުރިން ގޭގޭގެ ސިޓިންގރޫމްތަކުގައާއި ގޯތިތެރޭގައި އަދި ހޮޅުއަށި ތަކުގައާއި މަސްއޮޑިފަހަރުގައި ރޭޑިއޯ، ރަސްކަންކުރި ދުވަސްވަރު ،އެއީ ފިސާރި ނަމެކެވެ. ރޯދަމަހާއެކު އެއަޑަކަށް ރާއްޖޭގެ ގިނަބަޔަކު އިންތިޒާރު ކުރާ ނަމެކެވެ. ރޯދަމަހު ދިވެހިރާއްޖޭގެ އަޑުން ފޮނުވަމުންގެންދާ ކުރުވާހަކަ މުބާރާތްތަކުގެ އެންމެ މަޝްހޫރު ވާހަކަ ކިއުންތެރިޔާއެވެ.

އެ މުބާރާތްތަކުގެ އެންމެ ގަދަ އަޑަކީ އަދި އާއްމުން އެންމެ އަހާހިތްވާގޮތަށް ވާހަކަ ހުށަހަޅައިދިނުމުގެ ހުނަރާއެކު މީހުންގެ ލޭކައްކުވާލާ ގޮތަށް އަޑަށް ގެންނަ ބަދަލުތަކާ ވާހަކަ ކިއުމުގައި ގެންގުޅޭ ސްޓައިލްއަކީވެސް ސާބަސްދޭންޖެހޭ ކަމެކެވެ. އެ އަޑުގެ ޖާދޫގައި ޖެހިފައި ތިބި މީހުން އޭނާގެ “މާޑުމަޑުން މާޑުމަޑުން “އެކިޔާލާ ހިތްގައިމު ގޮތާއެކު އަޑަށް އެގެންނަ ލުއި ލުއި ބަދަލުތައް އަހާލުމުގެ ބޭނުމުގައި އެތައް ބަޔަކު އެބަތިއްބެވެ.

ހަކީމްބޭ ގަދަވެ ސަލާމަތުން ދުނިޔޭގައި އެބަހުންނެވިއެވެ. އެކަމަކު ފަހަކަށް އައިސް ރޯދަމަހުގެ ކުރުވާހަކަތަކުން އެއަޑެއް ނުއިވެއެވެ. ސަބަބަކީ ސިއްހީ ގޮތުން އެކަމަށް އުޒުރުވެރިވުންކަމުގައި ހަކީމްބެ ބުންޏެވެ. އެހެންނަމަވެސް އެއަޑުގެ ރަންޒަމާނުގެ ފަތްފުށްތައް ނިއުޅާލަމުން ރޯދަމަހުގެ ކުރުވާހަކައިގެ ދުނިޔެއަށް ވަދެވުނު ގޮތް ކިޔައިދިނެވެ.

ދިވެހިރާއްޖޭގެ އަޑުން ކޮންމެ އަހަރަކުވެސް ރޯދަމަހާއެކު ކުރުވާހަކަ މުބާރާތެއް ބާއްވަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. އެ މުބާރާތުގައި ވާހަކަ ހުށަހަޅައިދޭން ފެށުމުގެ ކުރިންވެސް އޭނާއަކީ ވާހަކަ ކިއުންތެރިއެކެވެ. ދިވެހި އެންމެ މުސްކުޅި ސްޓައިލަށް ބޮޑުގޮހޮޑާ ރާގުގައި އަދި ހޮޅުއަށި ރާގާއި މިނޫންވެސް ދިވެހި ކާބައިންގެ ގަދީމީ ވާހަކަ ކިއުމުގެ ރާގުގައި ވާހަކަ ހުށަހަޅައިދިނުމަކީ ހަކީމްބޭ މިކަމަށް ކުރިއަރާފައިވާ ވަރު އަންގައިދޭ ހެއްކެކެވެ. ހަކީމްބޭމެން ކަހަލަ ވަރަށްމަދު ދިވެހިންކޮޅަކަށް ނޫނީ އެނގޭނެ ފަންނެއް ވެސް ނޫނެވެ. އެހެންނަމަވެސް މި ފަންނުގެ ބޭނުންނުކޮށް މިމުބާރާތުގައި ބައިވެރިވުމަށް ފަހު އެންމެ ފުރަތަމަކީ ވާހަކަ އަކީ މީހަކު ލިޔެދިން ވާހަކައެކެވެ. އެވާހަކައިން އެއްވެސް ވަނައެއް ނުލިބުމުން ޚިޔާލު ބަދަލުވީ އަމިއްލައަށް ވާހަކަ ހަދައިގެން ކިއުމަށެވެ. އެގޮތުން އަމިއްލަ ޚިޔާލަށް ވާހަކަ ލިޔެގެން އެވާހަކަތައް ހުށަހަޅައިގެން 7 ފަހަރު ހަކީމްބެ ވަނީ މުޅި މުބާރާތުން އެއްވަނަ ދެވަނަ ތިންވަނަ ހޯދާފައެވެ.

“އަޅުގަނޑުގެ ކޮންމެ ވާހަކައެއްގައިވެސް ސްކޫލް ދަރިވަރުންނަށް އިބްރަތްތެރި ފިލާވަޅެއް އެކުލެވިގެންވާނެ.” ވާހަކަތަކާމެދު ފަޚްރުވެރިކަން ފާޅުކުރަމުން ހަކީމްބެ ބުންޏެވެ.

އެހެންނަމަވެސް ގިނަ މީހުންނަށް އޭނާ ތައާރަފްވެފައި އޮންނަނީ ބ.ދޮންފަނު ހެޕީ ކޮޓެޖް އަބްދުލްހަކީމްގެ ގޮތުގައި ނަމަވެސް އޭނާއަކީ އަސްލު ދޮންފަނު މީހެއް ނޫނެވެ. އޭނާގެ އުފަން ރަށަކީ ކާށިދޫއެވެ. އެންމެ ޒުވާން ދުވަސްވަރު ކާށިދޫން ދެމީހުންނާ ކައިވެނި ކޮށް އެދެކައިވެނިވެސް ރޫޅުމުގެ ފަހުން ދޮންފަނަށް ހިޖްރަކުރީ ދޮންފަނު އޭރުގެ މުދިމް ހާރޫނުގެ އެދުމާއެކުގައި ކަމަށް ހަކީމް ބުންޏެވެ.

މިއަދު އޭނާއަކީ ދޮންފަނުގައިވެސް ނަގާ ކިޔާ މީހެކެވެ. ދޮންފަނު މީހުންނަކީ ދިވެހި މުސްކުޅި ކުޅިވަރުތަކުގައި އަތޮޅުގެ ފެންވަރުން އެއްވަނައޭ ބުނާމީހުން މަދެއް ނުވާނެއެވެ. އެކަމުގެ ހުރިހާ ޝުކުރެއްވެސް އޮތީ ހަކީމްބޭއަށެވެ.

“ދޮންފަނު މީހުންނަށް ތާރަ ޖެހުމާއި ދަފިނަގަން ދަސްކޮށްދިނީ އަހަރެން. ބޮޑުބެރު، ކުރުފަލިޖެހުން، މިހެންގޮސް ސަގާފީއެއްވެސް ކުޅިވަރެއް އަހަރެން ނޫނީ ދަސްކޮށްދިން މީހަކު ނުހުންނާނެ.” ހަތަރުމީހުންނާ އިނދެ 13 ދަރިން ލިބިފައިވާ އުމުރުން 80 އަހަރުގެ ހަކީމްބެ ބުންޏެވެ.

މިކާމިޔާބުތަކާއެކު މިއަދު ހަކީމްބޭގެ ކުރިން ހަލަބޮލި ދުނިޔޭގައި މިއަދު ވަނީ ހިމޭންކަމެވެ. އުމުރުގެ ބާކީ އޮތް ދުވަސްތަކުގައި އޭނާ ބޭނުންވަނީ މި ހިމޭންކަމުގައި ދުނިޔެ އުޅެ ނިންމާލާށެވެ.

ހަކީމްބޭގެ އަގުހުރި މަސައްކަތްވަނީ ސަރުކާރުން ބަލައިގެންފައެވެ. އޭނާއަށް ވަނީ ހިތްވަރު ދިނުމުގެ ގައުމީ އިނާމާއެކު ބ.އަތޮޅު ކައުންސިލުން ވެސް ވަނީ އޭނާއަށް ރަންނާއެވޯޑްވެސް ލިބިފައެވެ. އިތުރަށް މިމަސައކަތުގައި ދެން ބޭނުންވާނެ އެއްޗެއް ނެތެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top