ހާފިޒް މުސްތަފާގެ ފުރަތަމަ ތަރާވީހް ނަމާދާއެކު އޭދަފުށި “އަޖައިބު”ވެއްޖެ؟!

haafiz-2.jpg

އޭދަފުށި ބޮޑު މިސްކިތުގައި މިދިޔަ އަހަރު އިމާމުވެ ތަރާވީހް ނަމާދު ކުރަނީ. / ފޮޓޯ: އީވީ ޓީމް

އުމުރުން 11 އަހަރުގެ އޭދަފުށީ ހާފިޒް މުހައްމަދު މުސްތަފާ މިރޭ އޭދަފުށީ ހުކުރު މިސްކިތުގައި އިމާމުވެކުރި ފުރަތަމަ ތަރާވީހް ނަމާދާއެކު އޭދަފުށީގެ ގިނަބަޔަކު “އަޖައިބު” ވެއްޖެއެވެ.

އޭދަފުށީ، ޖަންބުމާގޭއާގޭ މުހައްމަދު މުސްތަފާ މިރޭ އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން (އޭދަފުށީ ހުކުރު މިސްކިތް) ގައި ތަރާވީހް ނަމާދު ކުރިއިރު މިއީ އޭދަފުށީގެ ތާރީޙްގައިވެސް ކުޑަކުއްޖަކު ތަރާވީހް ނަމާދު އިމާމުވެ ކުރި ފުރަތަމަ ފަހަރެވެ. 20 ރަކްއަތުގެ ތަރާވީހް ނަމާދުގައި މުސްތަފާ 10 ރަކްއަތް ކުރިއިރު އަނެއް 10 ރަކްއަތް ކުރީ ޕާކީސްތާނުގެ ހާފިޒެކެވެ.

700 އަށްވުރެ ގިނަ މީހުން ބައިވިރިވި މިތަރާވީހް ނަމާދު ނިމުމާއެކު ނަމާދުގައި ބައިވެރިވި ގިނަ ބަޔަކު މުސްތަފާއަށް ހޫނު މަރުހަބާ ކިޔައި، ފައިސާގެ އިނާމުވެސް ދިނެވެ. އަދި ބައެއް މީހުން އުފަލުން ގޮސް މުސްތަފާގެ ގައިގައި ބައްދައި، އޭނާއަށް މަރުހަބާ ކިއެވެ.

“މިހުރީ ހަމަ އަޖައިބުވެފަ. ކިޔެވުންގަނޑު ރީތީ ރީތިކަމަކަށް ނޫން. މީހަކު ލޯބިން މަރުވާ ވާރުވޭ. އަނެއްކާ އަޑާ މަޚްރަޖާވެސް ބުނާނެ އެއްޗެއް ނޭނގޭ. އެންމެ އުފާވަނީ މިރަށު ކުއްޖެއް މިހާ ހިސާބަށް އައީމަ، މަށަކަށް ނޭނގުނު އެސޮރު ފެނުނީމަ ހެދުނު ގޮތެއްވެސް. އުފަލުން ގޮސް އޮޅުލެވުނު ވަރެއްވެސް ނޭނގޭ” މިރޭ ތަރާވީހް ނަމާދުގައި ބައިވެރިވި އޭދަފުށީ ހުޅަނގު ސަރަހައްދު 50 އަހަރުގެ އަންހެނަކު ނަމާދަށް ފަހު ގެއަށް ދިޔަ މަގުމަތީގައި ބުންޏެވެ.

“އަޅުގަނޑު ހައިރާންވަނީ އެއްވެސް ޖެހިލުމެއް ނެތި އެވަރުގެ ކުޑަކުއްޖަކު މިހާ ބޮޑު ޖަމާއަތެއްގައި ނަމާދު ކުރީމާ، ކިޔެވުންވެސް އަޑުވެސް ވަރަށް ރީތި. އަޅުގަނޑު މިހުރީ ހަމަ އަޖައިބުވެފަ. މުސްތަފާއަށާ، އޭނާގެ މައިންބަފައިން އެކުރާ މަސައްކަތަށް އަޅުގަނޑު ސާބަސް ދެން” ތަރާވީހް ނަމާދަށްފަހު މިސްކިތުން ފޭބި ދެބައި އުމުރުގެ ފިރިހެނަކު ބުންޏެވެ.

ހާފިޒް މުއްތަފާ މިރޭ ތަރާވީހް ނަމާދަށްފަހު ބަޔަކާ ސަލާމް ކުރަނީ. ގިނަ ބައެއްގެ ތައުރީފް މުސްތަފާއަށް ވަނީ ލިބިފައި / ފޮޓޯ: އީވީ ޓީމް

ހުކުރު މިސްކިތުގެ މުދިމު އަލްޤާރީ އަހްމަދު ހަމްދޫންވެސް ބުނީ މުސްފަތާގެ ކެރުމާ، އަޑު މަހްރަޖަށް 100 ޕަސެންޓް ދޭ ކަމަށާ، ބޭރުން ގެނައި ހާފިޒަށްވުރެވެސް މުސްތަފާގެ ކިޔެވުން ރަނގަޅު ކަމަށެވެ.

“ހިޔެއް ނުކުރަން މުސްތަފާއަށް މިފެންވަރުގަ ކުރެވިދާނެއެކޭ. އެހެންނަމަވެސް އަޅުގަނޑު ބުނާނީ ޕާކިސްތާނުގެ ހާފިޒަށްވުރެވެސް މިރޭ ރަނގަޅީ މުސްތަފާއޭ. ވަރަށް ގިނަ ބަޔަކު މުސްތަފާއަށް މަރުހަބާ ކިޔާ ސަލާމްކުރި ނަމާދަށްފަހުވެސް. އޭގެން އެނގެނީ އޭނާއާމެދު އާންމުންގެ ހިތްހަމަޖެހުން އޮތްވަރު” ތަރާވީހް ނަމާދަށްފަހު އަހްމަދު ބުންޏެވެ.

މިރޭގެ ތަރާވީހް ނަމާދަށްފަހު މުސްތަފާއަށް މީހަކު ހަދިޔާއެއް ދެނީ. ގިނަ ބައެއްގެ ތައުރީފް މުސްތަފާއަށް ލިބުނު / ފޮޓޯ: އީވީ ޓީމް

މުސްތަފާގެ ބައްޕަ ތަރާވީހް ނަމާދަށްފަހު ފެންކަޅިވެހުރެ އީވީއާ ވާހަކަ ދައްކަމުން ބުނީ މިހާވަރުގެ ތަރުހީބެއް އާންމު ރައްޔިތުންގެ ފަރާތުން ލިބުމުން މިހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައިކަމަށާ، ހިތައް އަރާ އެއްޗެއް ބުނެދޭން ދަތިކަމަށެވެ.

މުސްތަފާ، އޭނާގެ ބައްޕަ ނަޝީދާއެކު މިއަދު އަސުރު ނަމާދަށްފަހު މިސްކިތުގައި މަޑުކޮށްލައިގެން / ފޮޓޯ: އީވީ ޓީމް

“ނަމާދު ނިމުމާއެކު މީހުންތައް ވިހުރާލީ އޭނާގެ ފަހަތާ ކުރިމަތީގައި. ލޯބިން ފިރުމާ، އޮޅުލާ ދެން ބުނާނީ ކީކޭ. ދެން އަނެއްކާ އަންހެނުންތައްވެސް އެސޮރު ގައިގައި ބައްދާ، ދެންބުނާނެ އެއްޗެއް ނޭނގޭ. މަށަކަށް ނޭނގޭ ބުނެދޭކަށް. އުފާވާނެތާ ދަރިއަކަށް މިހާބޮޑު ކަމެއް ވީމާ، ބުނަން ނޭނގޭ ގޮތްތަކެއް ވަނީ.” ކިރިޔާ ނުރޮވި ހުރި މުހައްމަދު ނަޝީދު އިހްސާސްތައް ބަންޑުންކޮށްލިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top