މަރުހަބާ ކިޔާށެވެ. އަތް ޖަހާލާށެވެ! ޑައުންޓައުން އުފަންވީއެވެ. މާތް މަގަސަދެއްގައެވެ. އޭދަފުށީގެ ތަރައްގީގެ މުހިއްމު ބައިވެރިއެކޭ ބުނަމުންނެވެ.
ވަރަށް ޒުވާންކުދިންކޮޅެއްގެ ދުވަސްވީ ހުވަފެނެއް ހަގީގަތަކަށް ވީއެވެ. މީގެހައެއްކަ އަހަރުކުރިން އިންޓެސްޓަރ ގެ ނަމުގައި ގޭދޮށު ކުދިންކޮޅަކާއެކު ދުނިޔެއަށް ނޭވާލި މި ގްރޫޕް ގެ އުއްމީދުތައް މިއަދު ހަގީގަތަކަށް ވެ ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާ އެއްގެ ސިފަ ލިބިގެން ޑައުން ޓައުން ހިންދެމިލާފައި މިތެދުވީ އެހެން އެއްވެސް ބޭނުނަކު ނޫނެވެ. ހުރިހާ ގޮތަކުން ވެސް އޭދަފުށްޓަށް ޚިދުމަތް ކުރާށެވެ. އޭދަފުށްޓަށް ޚިދުމަތް ދޭން ބޭނުންވަނީ ކޮން ރޮނގަކުންތޯ ބަލައި އެރޮނގަކުން ޚިދުމަތް ދިނުމަށެވެ. އޭދަފުށި ދެކެ ލޯބިވާ ޒުވާން ކުދިންކޮޅެއްގެ މި މަގްސަދާ މި އަމާޒުގެ މާނައަކީ ހަމަގައިމުވެސް އޭދަފުށީގެ ތަރައްގީއަށް އާބައިވެރިއަކު ލިބުމެވެ.
އޭދަފުށީގެ ރަށްވެހިކަމަށް އާ ދިރުމަކާ އޭދަފުށްޓަށް އާކަންތައް ތަކެއް ތައާރަފްކުރުމުގެ މޮޓޯއާއެކު މި ޖަމްއިއްޔާ ރަސްމީކޮށް ރަޖިސްޓްރީ ކުރިއިރު ޖަމިއްޔާގެ އެވަރެޖް އުމުރަކީ 21 އަހަރެވެ.
ނޫކަށި ފުރައިގެ ޒުވާންކަމާ އެކުދިންގެ ޒުވާން ހޫނުލޭގައި ހުރި ބާރާއެކު ޖަމިއްޔާގެ މުސްތަގްބަލަށް ކުރާ އުއްމީދުތައްވެސް ހުރީ އުޑާ ވާހަކަ ގޮވާ ހިސާބުގައެވެ. ޖަމިއްޔާއިން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއްގައިވެސް ޚިދުމަތް ނޫން އެހެން އެއްވެސް އެދުމެއް ނޯންނާނެކަމަށް ތަކުރާރު ކޮށް ބުނަމުން ދާއިރު މިއީ ކިހާވަރެއްގެ ޕަވަރެއް ހުރި ބައެއްތޯ ބަލައިލަމާ ހިނގާށެވެ. ޑައުންޓައުންގެ އަލަށް އިންތިޚާބުކުރެވުނު ރައީސް އިސްމާއީލް ހަސީބު އީވީއަށް ތަފްސީލު ދެއްވިއެވެ.
“އަޅުގަނޑާ އެއްފުރައިގެ ގޭދޮށު ކުދިންކޮޅެއް ގުޅިގެންފުރަތަމަ އުފެދުނީ ގްރޫޕެއް އިންޓެސްޓާރ ގެ ނަމުގައި. ގްރޫޕްގެ ހުރިހާ ކުދިންގެވެސް ވަކިން ޚާއްސަކޮށް އަންބުޗްގެ އެންމެ ބޮޑު ޝައުގުވެރިކަމެއް ދެވިފައި އޮންނަނީ ރަށުގެ ރައްޔިތުން ޝައުގުވެރިވާ އަދި އެކަމަކުން ރައްޔިތުންނަށް ކޮންމެވެސް ކަހަލަ ހިތްހަމަޖެހުމަކާއެކު ޚިދުމަތަކަށް ވެސް ފުދޭކަހަލަ ކަންތައް ތަކެއް ކުރުމަށް. ” ޑައުންޓައުން ވުޖޫދަށް އައިގޮތް ހަސީބު ފެއްޓިއެވެ.

ޑައިންޓައުންގެ ފުރަތަމަ ރައީސް އިސްމާއީލް ހަސީބު އީވީއަށް އިންޓަވިއުދެނީ. ޑައުންޓައުންގެ އުއްމީދުތައް ހުރީ ވަރަށް މަތީގައި / ފޮޓޯ: ޕްރިންސް ނަވާ ފޮޓޯގްރަފީ
ގްރޫޕްގެ ނަން ޑައުންޓައުންގެ ނަމަށް ބަދަލު ކުރީ މާލޭގައި ދިރިއުޅޭ އަވަށު ކުދިންކޮޅެއް ޗުއްޓީއެއްގައި އައިސް ބޮޑުބެރު ޗެލެންޖްގައި 2010ވަނަ އަހަރު ވާދަކުރަން ނިންމުމާ ހަމައިންނެވެ. އެހާ ހިސާބުން ޒަމާނީ ބޮޑުބެރުވެސް ގްރޫޕްގެ ތެރޭގައި އުފެދުނީއެވެ.
އެހެންނަމަވެސް އާއްމުންނަށް އަހަރެމެން އެންމެ ފުރަތަމަ ތައާރަފްވީ 2014ވަނަ އަހަރު އޭދަފުށީގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ސަބަބުން ކަމަށް ހަސީބު ބުންޏެވެ. “އެއީ ވަރަށް ކާމިޔާބު އިވެންޓެއް. ރައްޔިތުން އޭތި ބަލައިގަތީ ވަރަށް އުފަލުން ވަރަށް އުފެއްދުންތެރި މަސައްކަތެއްގެ ގޮތުގައި . އަދި މިކަހަލަ އެހެން ހަވީރެއް ލަސް ނޫން މުއްދަތެއްގައި ބާއްވައިދިނުމަށް އެތަކެއް ބެލެނި ވެރިން އެދުނު”
ރައީސް ހަސީބު ވިދާޅުވީ ކުޑަކުދިންގެ ހަވީރުގެ ކާމިޔާބީ ހިމެނިގެން ދިޔައީ ޑައުންޓައުން ގެ އަގު ރައްޔިތުންނަށް ވެސް އެނގިގެން ދިޔަ ރައްޔިތުންގެ އިތުބާރާއި ލޯބިވެސް ލިބިގެންދިޔަ އިވެންޓަކަށް ވާތީ ގްރޫޕްގެ ހިންގުމަށް ރަނގަޅު ހެޔޮ ބަދަލު ތަކެއްވެސް އައި ކަމަށެވެ. ހަމައެއާއެކު މިފަދަ އެހެން އިވެންޓެއް ލަސްނުކޮށް ބޭއްވުމަށް ގްރޫޕްގެ ހުރިހާ ކުދިންނަށްވެސް އެއްބަސްވެވުނެވެ. އެކަމަކު އެކަމުގައި އޮންނަންޖެހޭނެ ޚާއްސަ ސިފައަކީ އެކަން ވާން ޖެހޭނީ އެހެން ޖަމިއްޔާތަކުން ނުކުރާ ކަމެއް ކަމުގައެވެ.
މިގޮތުން އެގްރޫޕްގެ ދެވަނަ ކާމިޔާބީއެއްގެ ގޮތުގައި ހަސީބު ފާހަގަ ކުރެއްވީ ޑައުންޓައުންގެ ފަރާތުން ފާހަގކުރި މަސައްކަތް ދުވަހެވެ. މާތް މަގްސަދެއްގައި އެދުވަސް މި ޒުވާނުން ފާހަގަކުރީ ރަށުތެރެއަށް ނުކުމެ މުޅި ދުވަސް މީހުންނަށް މަސައްކަަތް ކޮށްދިނުމުގައެވެ.
“އޭދަފުށީގައި ކެންސަަރު ބައްޔާ ހަނގުރާމަ ކުރަމުން ދިޔަ ޒުވާނަކަށް އެހީ ވުމުގެ ގޮތުން ފައިސާ ހޯދުމަށް އަހަރެމެން ކުރި ކަމެއް އެއީ. ” ހަސީބުވިދާޅުވީ އެދުވަހުގެ މަސައްކަތުން ދިހަހާސް ރުފިޔާ ހޯދިކަމަށާ އެ ފައިސާ އޭނާ އާ ހަވާލުކުރުމަކީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.ހަމަ އެގޮތަށް އެތައް ބަޔަކު އަހަރެމެންނަށް ޝުކުރުއަދާ ކުރި ކަމެއް ކަމުގައެވެ.

ޑައިންޓައުންގެ ފުރަތަމަ ރައީސް އިސްމާއީލް ހަސީބު އީވީއަށް އިންޓަވިއުދެނީ. ޑައުންޓައުންގެ އުއްމީދުތައް ހުރީ ވަރަށް މަތީގައި / ފޮޓޯ: ޕްރިންސް ނަވާ ފޮޓޯގްރަފީ
މިހާ ހިސާބުން މަސްރަހް މަޑުމަޑުން ބަދަލުވާން ފެށިއެވެ. ޑައުންޓައުންގެ ޒުވާން ކުދިންގެ ޒަމާނީ ބޮޑުބެރުގެ ބުންއަޑު މުޅިރަށުތެރޭގައި ގަދަ ވެގެން ދިޔައެވެ. މިއަޑުގެ ޖާދޫގައި ރަށުގެ އެކި ހިސާބުތަކުގެޒުވާނުންވެސް ޖެހުނީއެވެ. ޑައުންޓައުން އާ ގުޅުނީއެވެ. ޒަމާނުއްސުރެ ބޮޑުބެރު ޖަހަމުން އައި ވަފާ ޖަމިއްޔާގެ ޒުވާން ބެރުޖެހުންތެރިންވެސް ދައުންޓައުން އާ ގުޅި މުޅިން އާޒަމާނަކަށް ޑައުންޓައުން ކުރިމަތިލީއެވެ.
ޑައުންޓައުންއަށް ރަސްމީ ހައިސިއްޔަތު ލިބެންޖެހޭ ވަގުތު އަތުވެއްޖެކަން ގަބޫލު ކުރެވުނީ މިހިސާބުންނެވެ. ބައެއް އިވެންޓްތައް ބޭއްވުމާއި ގަދަރުވެރި ޖަމާއަތެއްގެ ގޮތުގައި ތެދުވުމަށް ޖަމިއްޔާއަކީ ރަޖިސްޓަރީ ކޮށްގެން ހިންގާ ޖަމާއަތަކަށް ހެދުމަށް ގްރޫޕްގެ ހުރިހާ ކުދިންވެސް އިއްތިފާގުވެ މިއަދު ޑައުންޓައުންއަކީ އޭދަފުށީގައި އުފެދިފައިވާ ޖަމިއްޔާ ތަކުގެ ތެރެއަށް އިތުރުވި މިމަސައްކަތް ފަށައި މިހާރު މިއޮތީ ރަސްމީ ހައިސިއްޔަތު ލިބިފައިވާ ޖަމާއަތެއްގެ ގޮތުގައެވެ. އެދަފުށީގެ ތާރީކްގައި އެދަފުށީގައި އުފެދުނު އެނެމް ޒުވާން ޖަމިއްޔާގެ ގޮތުގައެވެ.
ޖަމިއްޔާ އަކީ އިހަށް ދުވަހު އުފަންވި ތަނަކަށް ވިޔަސް އެޖަމިއްޔާގެ ބޮޑުބެރު ގްރޫޕަކީ އާ ބައެއް ނޫނެވެ. ގްރޫޕްގެ ކޮންމެ މީހަކީވެސް މި ފަންނުގެ އުސްތާޒެކެވެ. އެއީ ނެށުން ތެރިންކަމުގައި ވިޔަސް ލަވަ ލިއުންތެރިންކަމުގައި ވިޔަސް ބައެއް ލަވަލަވަ މޮޑިފައިކޮށްގެން ކިޔާލަންވިޔަސް ބުނެވޭނީ “މިވަރެއް ހަމަ ނެތޭ ” އެވެ. އޭދަފުށްޓަށް އަންނަ ކޮންމެ އުފާވެރި މުނާސަބާއެއްގެ އެޖެންޑާގެ ކޮންމެވެސް ނަންބަރެއްގައި ޑައުންޓައުން ގެ ބޮޑުބެރު ނުހިމެނޭ ކަމަށް ވާނަމަ އެމުނާސަބަތަކަށް އަންނަންވާ އެންމެ ފުރިހަމަކަމެއް ނާންނާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކަން އެނގެނީ އެމިހުންގެ ޝޯތަކަށް ލިބެމުންއަންނަ ތަރުހީބުންނެވެ.
ޑައުންޓައުން ބޮޑުބެރު ގްރޫޕް ރަށުގެ ކަނޑުއޮޅިތަކުން ނުކުމެ ރިސޯޓަތަކާ ދިމާލަށް މިސްރާބުޖަހައިފިއެވެ. ސޮނޭވާ ފުއްޓާއި ފޯސީޒަން ލަނޑާ ގިރާވަރުގައި ގެސްޓުން މުނިފޫހި ފިލުވުމަށް ބޭނުންވާ އެންމެ މުހިއްމު ރަހައަކީ މި ގްރޫޕްގެ ބޮޑު ބެރެވެ.އެކަމަކު މިހިސާބުން ނިމޭނެ ހެއްޔެވެ.
“ބައެއް ކުދިންނަކީ އަދި ކިޔަވާކުދިންނަށް ވެފައި ވަޒީފާގެ ގޮތުން ގިނަ އޯވަރނައިޓަސް ދެވޭ ގޮތަށް ތިބި ބަޔަކަށް އަދި ނުވާތީވެ ލިބޭ ހުރިހާ އޯޑަރެއް ގަބޫލެއް ނުކުރަން. އެހެންނަމަވެސް މިއީ ޖަމިއްޔާ އަށް އާމްދަނީ ލިބޭ އެއްދޮރުކަންވެސް އަޅުގަނޑުމެންހަނދާން ނައތާލައިގެން ނުވާނެ. ގަސްދު ކުރަނީ ކުރިއަށް އިތް ތަނުގައި މިއަށްވުރެއ ފުޅާކޮށް މިކަން ކުރަން .” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިމަގުގައި ޑައުންޓައުން ފެނިގެންދާނީ އޭދަފުށީ ރައްޔިތުންގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ކަމަށާއި އުއްމީދަކީ ޑައުންޓައުންއަކީ ރަށުގައި ހުރީވީކް އަދި ލޫޕް ހޯލްތައް ބަލައި އެތަންތަނަށް ފަރުވާ ދީގެނ ރަނގަޅު ކުރުމެވެ. މި ދެންނެވީ އެންމެ ޖުމްލައަކުން އެތަކެއް ވާހަކަ ކަމާއި ޑައުންތައުން ގެ އަސްލު ސޫރައިގާ ފެނިގެންދާއިރު ރައްޔިތުންނަށް ފެންނާނެ ބޮޑު މަންޒަރަކީ ހަމައެކަނި މުނިފޫހި ފިލުވައިދޭ ބައިވެރިއެއްގެ ބަދަލުގައި ރައްޔިތުންނަށް އެހިދަކު އެންމެ ބޭނުންވެފައިވާ ދިމާލުގައި ޚިދުމަތުގައި ތިބި ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭ މުހިއްމު ބައިވެރިއެއްގެ ގޮތުގައެވެ.
” އަދި ކިރިޔާ މި ރަޖިސްޓަރީ ކުރެވުނީ. މާދަމާ ރޭ އޮންނަ ހިންގާ ކޮމިޓީގެ ޖަލްސާގައި އެންމެ ބޮޑަށް ވާހަކަ ދެކެވޭނީ ޖަމިއްޔާގެ އަހަރުގެ ކަލަންޑަރު ތައްޔާރު ކުރުމާ ބެހޭ ގޮތުން. އެ ކަލަންޑަރުގެ އެންމެ މުހިއްމު އަސާސް ކަމުގައި ވެގެންދާނީ ރަށަށް ކޮށްދެވޭނެ ކަންކަމަކީ ކޮބައިތޯ ބެލުމާއި އެއަމާޒާ ހަމައަށް ދިއުމަށް ރޯޑްމެޕެއް ގާއިމް ކުރުން ” ރައީސް ވިދާޅު ވިއެވެ.