އަހަރީ ދުވަހަށް ޚާއްސަ: ނަމޫނާ ތައުލީމީ މަރުކަޒު އުފަންވީ ކިހިނެއް؟

3444312868_5c888e1d85_b.jpg

ބ. އަތޮޅު ތަޢުލީމީ މަރުކަޒު 1990ގެ އަހަރުތަކުގެ ފަހުކޮޅު ހުރިގޮތްދައްކައިދޭ ފޮޓޯއެއް. ނަމޫނާ ސްކޫލެއްގެ ގޮތުގައި ސަރުކާރުން ފުރަތަމަ އިމާރާތްކުރީ މިމަރުކަޒު .

އެޑިޓަރުގެ ނޯޓް: މިއަދަކީ ބ. އަތޮޅު ތަޢުލީމީ މަރުކަޒަށް 39 އަހަރުފުރޭ މުނާސަބާ ފާހަގަކުރެވޭ ތާރީހީ ދުވަހެވެ. މިއާޓިކަލް އަކީ ދުވަހާ ގުޅިގެން “ނަމޫނާ ތައުލީމީ މަރުކަޒު އުފަންވީ ކިހިނެއް؟” މިމައުލޫއުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ އާޓިކަލެކެވެ.

ބ. ކޮމިއުނިޓީ ސްކޫލް (މިހާރުގެ ގޮތުންނަމަ ބ. އަތޮޅު ތައުލީމީ މަރުކަޒު) ގެ މަޝްރޫއަކީ ޔުނިސެފާއި ދިވެހިސަރުކާރާއި ގުޅިގެން ފުރަތަމަ އެޅުނު ފިޔަވަޅެވެ. ހަމައެކަނި ތަޖުރިބާކުރުމުގެ އެއްމެތަނެއް އިމާރާތްކުރުމުގެ ހުއްދަ އޭރުއޮތްސަރުކާރުން ދެއްވުމުން ކޮމިއުނިޓީ މޮޑެލް ސްކޫލެއް ރާއްޖެތެރޭގެ އަތޮޅެއްގައި އިމާރާތްކުރުމާ ބެހޭގޮތުން ޔުނެސްކޯގެ ރީޖަނަލް މެނޭޖްމަންޓް އެޑިއުކޭޝަނަލް އެޑްވައިޒަރ ޑޮކްޓަރ ގްރޫޑޭ 1973ވަނަ އަހަރު އޭދަފުއްޓަށް ކުރެއްވި ޒިޔާރަތާ ގުޅިގެން ދިވެހިދައުލަތުގެ އިރުޝާދާ ލަފާގެމަތިން ކޮންމެވެސް މަގްބޫލް ސަބަބުތަކަކާއެކު ރާއްޖޭގައި އިމާރާތްކުރެވޭ ފުރަތަމަ ކޮމިއުނިޓީ މޮޑެލް ސްކޫލް އޭދަފުށީގައި އިމާރާތްކުރުމަށް ދައުލަތުން ހިޔާރުކުރެއްވިއެވެ.

އޭދަފުށީގައި ސްކޫލް ބިނާކުރާނޭ ބިމަކާމެދުވެސް ޔުނިސެފްގެ ތަޖުރިބާކާރުން ދިރާސާކުރައްވާ ނިންމެވި ބިމަކީވެސް ފަހްރުވެރިމާޒީއެއް އޮތްބިމެއްކަމުގައިވިއެވެ. އެދުވަހަކަށް އިންތިޒާރުކުރެވުނު އުއްމީދީ ހުވަފެންތަކުން ހަގީގީ ކުލަޖެހުނު މަޝްހޫރު އޭދަފުށީ ހެޕީ ގްރައުންޑް އަކީ މަދްރަސަތުލް ބަހިއްޔާގެ ދަރިވަރުންގެ އިލްމީ އަދި ރިޔާސީ ބަގީޗާއެއްގެ ފަރިކަމާ ފެހިކަން އެބިމަކަށް ގެނެސްދީފައިވާ މިއަދު ތިފެންނަ ބ. އަތޮޅު ތައުލީމީ މަރުކަޒު ބިނާކުރެވުނު ތާރީހީ ބިމެވެ.

6 މާރޗް 1976 ގައި ޔުނެސްކޯގެ އާކިޓެކްޓް މިސްޓަރ ނެގޫޗީ އެބިމަށް ޒިޔާރަތްކުރައްވައި ކޮމިއުނިޓީ މޮޑެލް ސްކޫލް އެބިމުގައި ބިނާކުރުމަށް ޕްލޭންކުރައްވައި 19 އޯގަސްޓް 1976ވީ ބުރާސްފަތިދުވަހު ހެނދުނު 8:30ގައި ކޮމިއުނިޓީ މޮޑެލް ސްކޫލް (ރާއްޖޭގެ ފުރަތަމަ ކޮމިއުނިޓީ ސްކޫލް) ގެ ބިނާ އެޅުނެވެ. އެޑިއުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ އެންގެވުމުގެ މަތިން އެތާރީހީ ބިނާގެ ބިންގާ އަޅުއްވައިދެއްވީ އޭރުގެ ބ. އަތޮޅުވެރިޔާ އަލްއުސްތާޒު މުހައްމަދު އިބްރާހީމް ލުތުފީއެވެ. އޭރު މަދްރަސަތުލް ބަހިއްޔާގެ އެންމެ ތުއްތު 2 ދަރިވަރުން ކަމުގައިވާ އޭދަފުށީ އޯކިޑްވިލާ މުހައްމަދު ރިފްއަތާ، ޗާނދަނީގޭ ފަރަހަނާޒް އަލީއާ ދެދަރިވަރުންގެ އަތުގުޅާލުމާ އެކުގައެވެ.

މިދެންނެވި ތާރީހީ ބިނާ އިމާރާތްކުރެއްވުމުގެ މަސައްކަތުގައި އަތޮޅުގެ ރަށްރަށުގެ ވެރިންނާއި، ރައްޔިތުން ހާއްސަކޮށް އޭދަފުށި އަންހެނުންނާއި، މަދްރަސަތުލް ބަހިއްޔާގެ ދަރިވަރުން ވެދެއްވި އެހީއާ މަދަދު މިއަދުގެ މިމުނާސަބަތުގައި ޒިކުރާ ކުރެވެއެވެ.

ސްކޫލް އިމާރާތްކުރުމުގައި ޔުނިސެޕްގެ ޕްލޭނާ އެއްގޮތަށް ސްރީލަންކާގެ 2 މާހިރަކުގެ ހަރަކާތާއެކު އޭދަފުށީ ދިރިމާގޭ އަލްފާޟިލް އިބްރާހީމް ހުސައިންގެ ހިދްމަތް ފާހަގަކުރެވޭނެއެވެ. ފެށުނީއްސުރެ ނިމުމަކަށް ދާންދެން އަލްއުސްތާޛު އަލްމަރުހޫމް މުހައްމަދު އިބްރާހީމް ލުތުފީއަކީ އިމާރާތްކުރުމުގެ އެންމެބުރަ މަސްއޫލިއްޔަތު އަދާކުރައްވާފައިވާ ހިދްމަތްތެރިޔާއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ވަކީލްގެ މަގާމްގައި ހުންނަވައިގެން އަދި ބ. އަތޮޅުވެރިޔާގެ ހައިސިއްޔަތުން އެންމެފަހުން އެޑިއުކޭޝަނަލް ޕްރޮޖެކްޓް ކޯޑިނޭޓަރުގެ ހައިސިއްޔަތުންނެވެ.

ރާއްޖޭގެ ފުރަތަމަ ކޮމިއުނިޓީ މޮޑެލް ސްކޫލް (މިހާރު ބ. އަތޮޅު ތައުލީމީ މަރުކަޒު) ހުޅުވުމުގެ ތާރީހީ ރަސްމިއްޔާތު އޮތީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް ނާސިރުގެ ލަފާފުޅާ އެއްގޮތްވާގޮތުގެ މަތީން 24 ފެބްރުއަރީ 1978 (14 ރަބީއުލް އައްވަލް 1398) ވީ ހުކުރުދުވަހުގެ ހެނދުނު 10 ޖެހިއިރުއެވެ. ހުޅުއްވައިދެއްވީ އޭރުގެ މިނިސްޓަރ އޮފް އެޑިއުކޭޝަން އޮނަރަބުލް އަލްފާޟިލް އަބްދުއްސައްތާރު މޫސާ ދިދީއެވެ.

މައުލޫމާތު: އޭދަފުށީ ޖަވާހިރުމާގޭ، އަބްދުﷲ އަހްމަދު

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top