އޮއްސުނު ތަރިން: ރިޒާގެ ވެއްޓުމާއި، އެނބުރި އައުން

DSC1788.jpg

ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ މުހައްމަދު ރިޒާ ވަފާ ޖަމްއިއްޔާގެ ރަންޔޫބީލް އީދުގައި ޕާފޯމް ކުރަނީ. 8 އަހަރުގެ މެދުކެނޑުމަކަށްފަހު ރިޒާ ޕާފޯމްކުރި މިއީ ފުރަތަމަ ޝޯވް / އީވީ ފޮޓީޯ އަލީ ސުވައިދު

ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު އޭދަފުށީ ޖަމިއްޔަތުލް ވަފާ މިއުޒިކް ބޭންޑުން ވިދާލި ލީޑް ވޯކަލިސްޓް މުހައްމަދު ރިޒާ ދަންނަމެއް ނޫންހެއްޔެވެ؟

ހަމަގައިމުވެސް ރިޒާގެ ރީތި އަޑުން ވިރުވާ އަޅާލި އަލީ ރަމީޒުގެ “ދީފާ ހިތާމޭ” އާއި ދޭތީ ހިލޭ އަދި މުސްތޮގެ “ދިލްކަޝްބާ އަނާ” ފަދަ ލަވަތަކުގެ މަތިން މިހާރުވެސް ގިނަ ބަޔަކު ހަނދާން ކުރާނެއެވެ. އެއީ އެ އަޑެއްގެ ޖާދޫގައިޖެހި އެތައް ހިތްތަކެއް ޒަޚަމަކޮށްލުވި “އަނިޔާވެރިޔާ”ގެ ނަމުން އޭރު މަޝްހޫރުވި ވަފާ މިއުޒިކް ބޭންޑުގެ ފުރާނައެވެ. ހިންދީ ދުނިޔެއިން ވަކިވެގޮސްފައިވާ މުޅި އިންޑިއާ އަދިވެސް އެ އަޑަކަށް ފަޚްރުވެރިވާ ރަފީއުގެ އަޑާ ވައްތަރުވުމަކީ އޭނާއަށް ލަވަކިއުމުގެ ރޮނގުން ލިބިފައިވާ ނަސީބަކަށް ވީމާކަން ނޭނގެއެވެ.  އަދިވެސް އެ އަޑު އަހާލުމަށް އިންތިޒާރު ކުރާ އެތައް ބަޔަކު އެބައުޅެއެވެ.

ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީރަމީޒްގެ “ފްރީޒް” ބޭންޑާއި ސަމީއުމެން ފަދަ މިއުޒިޝަނުންގެ “އަކަސަކަ” ފަދަ ބޭންޑްތައް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ރަސްކަން ކުރަމުން ދިޔަ ޒަމާނެއްގައި އަތޮޅުތެރޭގެ ރަށަކުން ވިދާލި ރިޒާގެ އަޑުގެ ޖާދޫ ދައްކަން ފެށީ އޭނާގެ އެންމެ ޒުވާން އަހަރުތަކުގައެވެ. އެކަމަކު އެ ޗާލާކީ ދުވަސްވަރު ރިޒާ ކުއްލިއަކަށް ގެއްލުނީއެވެ. ވަފާގެ ސްޓޭޖް ޝޯތަކުންވެސް މުޅިން ގެއްލުނީއެވެ. މިވީ ކިހިނެއް ހެއްޔެވެ؟

“އެއީ 2012ވަނަ އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ބަލިވީ، ވަރަށް ގިނަ ދުވަސްތަކަކަށް ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓުނީ. އެހިސާބުން ދިރިއުޅުމަށްވެސް ބޮޑެތި ބަދަލުތަކެއް އައީ. ގެއިން ބޭރަށްވެސް ނުކުންނަހިތް ނުވީ. ދެން މިކަންތައްގަނޑުން އަރައިގަނެވޭވަރުވީ ދެ އަހަރެއްހާދުވަސްފަހުން.” ރިޒާ “ގެއްލުނު ގޮތް ” އޭނާ އީވީއަށް ކިޔައިދިނެވެ.

ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ މުހައްމަދު ރިޒާ ވަފާ ޖަމްއިއްޔާގެ ރަންޔޫބީލް އީދުގައި ޕާފޯމް ކުރަނީ. 8 އަހަރުގެ މެދުކެނޑުމަކަށްފަހު ރިޒާ ޕާފޯމްކުރި މިއީ ފުރަތަމަ ޝޯވް / އީވީ ފޮޓީޯ އަލީ ސުވައިދު

އޭނާ ބުނީ އެއީ ދިރިއުޅުމުގައި ތަހައްމަލްކުރި އެންމެ ވޭންދެނިވި ތިން އަހަރުކަމަށެވެ. އެ ކަންތައްގަނޑުން އެނބުރި އާދެވުނީ ޚާއްސަކޮށް އޭނާގެ އަންހެނުން ރައީގެ އިތުރުން އާއިލާއާ، ގާތްތިމާގެ މީހުންގެވަރަށް ބޮޑު އެހީތެރިކަމަކާއެކު އެވެ.

“ސުބުހާނަﷲ. އެއްގޮތަކަށްވެސް ނުތެދުވެވި ބަލިއެނދުގަ އޮންނަންޖެހުނީ ކިތައް ދުވަސްކަމެއް ނޭނގޭ. ޑޮކްޓަރުންނަށް ބައްޔެއް ދެނެއެއް ނުގަނެވުނު. އެއްބަޔަކު ބުނަނީ ސިހުރު ހާހޫރަ ފަންޑިތައޭ. ދެން މިކަމުން ސަލާމަތްވީ އެތައް ބަޔަކު ކުރި މަސައްކަތާއެކު އަހަރެންގެވެސް ހިތްވަރުން.” ރިޒާގެ މާޒީ އީވީއާ ހިއްސާ ކުރަމުން ބުންޏެވެ.

މި އަޑިގަނޑަށްފަހު ރިޒާގެ އެނބުރި އައުން ފާހަގަކުރީ ދާދި މިދާކަށްދުވަހު ވަފާ ޖަމްއިއްޔާއިން އޭދަފުށީގައި ފާހަގަކުރި މާއްޑޫ އުނޑޫދޫ ފުނަދޫ މީހުން އޭދަފުއްޓަށް ބަދަލުކުރި ހާއްސަ ފެސްޓިވަލްގެ ތެރެއިންނެވެ. ވަފާ ބޭންޑުގެ ރަންތަރިންގެ ޝޯގައި ރިޒާގެ އަޑު ކުއްލިއަކަށް އިވިގެން ދިޔައީ ސަޕޯޓަރުންގެ ހަޅޭކުގެ އަޑާއެކު ސަރަހައްދު ގުގުމަމުންނެވެ. ވަފާ ބޭންޑުގެ އަލީ ރަމީޒް ގެ ނަމުން މަޝްހޫރުވެފައިވާ ރިޒާ އެނބުރިއައީ އޭރު ސަޕޯޓަރުންގެ ހިތުގައި ބިންވަޅުނެގިފައިވާ “ދިލްކަޝްބާ އަނާ” އާއި “މޫނާ މޫނާ” ފަދަ ލަވަތަކުންނެވެ.

“އެއްވެސް ޕްރެކްޓިސްއެއް ނުކުރަން. ހަމަ ކުއްލިއަކަށް އެރި ފޯރީގައި ސްޓޭޖަށް އަރާ ލަވަކިޔަންފެށީ. ހިޔެއް ނުކުރަން ކުރީގެ ޕާފޯމަންސް ދެއްކޭނެކަމަކަށްވެސް. އެކަމަކު ވަރަށް ސަޕޯޓް ލިބުނު.”

ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ މުހައްމަދު ރިޒާ ވަފާ ޖަމްއިއްޔާގެ ރަންޔޫބީލް އީދުގައި ޕާފޯމް ކުރަނީ. 8 އަހަރުގެ މެދުކެނޑުމަކަށްފަހު ރިޒާ ޕާފޯމްކުރި މިއީ ފުރަތަމަ ޝޯވް / އީވީ ފޮޓީޯ އަލީ ސުވައިދު

ރިޒާބުނީ އެނބުރި އައުމާއެކު ސަޕޯޓަރުން ވަރަށް ބޮޑަށް ހިތްވަރު ދެމުން އަންނަ ކަމަށާ، ޕާފޯމަންސާމެދު އެމީހުންވެސް ތިބީ ހައިރާންކުރަނިވި އުފަލެއްގެ ތެރޭގައެވެ.

“ވަރަށް ގިނަ ބަޔަކު ބުނި ރިޒާ ވަރަށް ރީއްޗޭ ހާއްސަގޮތެއްގައި މާލޭގެ މަޝްހޫރު ބައެއް މިއުޒިޝަނުން ވަރަށް ތައުރީފް ކުރި. އަދި ހާއްސަކޮށް ދިލްކަޝްބާ އަނާ އާއި، މޫނާ މޫނާއަށް އާދަޔާ ހިލާފު ތަރުހީބެއް ލިބުނު”

މި ތާރީޚީ ޝޯއަށް ފަހު ރިޒާ އަނެއްކާވެސް ގެއްލުނީ ހެއްޔެވެ.؟

“ލަވައަކާ ދުރަކަށް ނުދެވޭނެ. އެހެންނަމަވެސް އާއްމުކޮށް ސްޓޭޖްތަކުގައި ލަވަކިއުމުގެ ދުވަސް ދެން އެނބުރިއަންނާނެހެން ހިއެއް ނުވޭ. ދޭތެރެ ދޭތެރެއިން ފެންނާނޭ ބުނެވޭނީ” ރިޒާ ބުންޏެވެ.

ފަހަރުގައި އެއީ އެ ލަވަތަކާއެކު ރިޒާގެ މާޒީގެ ސަފްހާތަކެއް ހަނދާނުގެ ފަތްފުއްތަކުން ނިއުޅިގެން ދާތީވެ އެކަން ތަޖްރިބާ ކުރަން އަލުން ބޭނުން ނުވަނީ ކަމަށް ވެދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top