މިނިވަން ޗެންޕިއަންޝިޕް ޒޯން 3 ގެ މުބާރާތުގައި އިއްޔެ ކުޅުނު ދެވަނަމެޗްގައި ޅ. އޮޅުވެލިފުއްޓާ، އުނގޫފާރު ވާދަކޮށް 2-0 ގެ ނަތީޖާއަކުން އޮޅުވެލިފުށި މެޗް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކޮށްފިއެވެ.
އިއްޔެ ހަވީރު އޮޅުވެލިފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މިމެޗް އޮޅުވެލިފުށި ކާމިޔާބު ކުރުމާއެކު އުނގޫފާރަށް މިހާރުވަނީ ޒޯން މުބާރާތުގެ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ކެނޑި، ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައެވެ. 3 ޓީމް ވާދަކުރާ މުބާރާތުގެ ޕޮއިންޓް ޓޭބަލްގެ އެއްވަނައިގައި އޮޅުވެލިފުށި އޮތީ 3 ޕޮއިންޓާއެކުއެވެ. 1 ޕޮއިންޓާއެކު އޭދަފުށި ދެވަނާގައި އޮތް އިރު އެއްޕޮއިންޓާއެކު ފައިދާ ގޯލްގެ ތަފާތުން އުނގޫފާރު އޮތީ 3 ވަނާގައެވެ.
މުބާރާތުގައި އޭދަފުއްޓާ، އޮޅުވެލިފުށި މާދަމާ ވާދަކުރާ މެޗުން 3 ލަނޑުގެ ތަފާތުން އޭދަފުށި ބަލެވެގެން ނޫނީ އުނގޫފާރަށް ދެން ފައިނަލަކަށް ނުދެވޭނެއެވެ. އޭދަފުށި ޓީމް މޮޅުވިޔަސް ނުވަތަ ޑްރޯއަކުންވެސް ފައިނަލަށް ދާނެއެވެ. ބަލިވެއްޖެނަމަ ފައިނަލަށް ދާނީ 2 ގޯލަށްވުރެ މަދު އަދަދަކުން ބައިވެއްޖެނަމައެވެ.
މިނިވަން ޗެންޕިއަންޝިޕް ޒޯންބުރުގައި 3 ޓީމް ވާދަކުރާއިރު، ފައިނަލަށް ދާނީ ކޮންމެ ޓީމެއް ކޮންމެޓީމަކާ ކުޅެ އެންމެގިނަ ޕޮއިންޓް ހޯދާ 2 ޓީމެކެވެ. މިމުބާރާތުގެ މެޗްތައް ކުޅެމުންދަނީ ޅ. އޮޅުވެލިފުށިގައެވެ. ޒޯން 3 ގެ މިދިޔަ 2 އަހަރުގެ ޗެންޕިއަންޓީމަކީ ބ. އޭދަފުއްޓެވެ.