މީގެ ސާޅީހަކަށް އަހަރު ކުރިން އޭދަފުށީގައި ހަދާފައިވާ އަދި އޭދަފުށީގެ ވަރަށް ގިނަބަޔަކު އެވަޅުގެ ފެން ބުއިމަށާ، ކެއްކުމަށް ބޭނުންކުރަމުންދާ މަޝްހޫރު “ހަސަންބެ ވަޅު” ބިމުއަޑިއަށް ފައްތައި މަތިއަަޅަން ނިންމައިފިކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.
އޭދަފުށީގެ ރަސްމީ ބޯޅަ ދަނޑުގެ ސަރަހައްދުގައި ހުރި މިވަޅު ފައްތާލައި މަތިއަޅަން ނިންމާފައިވަނީ ފުޓްބޯޅަ ދަނޑުގެ ޕިޗް ކުރިން އޮތް ސަރަހައްދަށްވުރެ ދެކުނަށް ބަދަލު ކުރުމާ ގުޅިގެން އެވަޅު ދަނޑުގެ ތެރެއަށް އަރާތީކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ. އެކައުންސިލްގެ މެމްބަރ މުހައްމަދު ރިޒާ އީވީއަށް ވިދާޅުވީ ވަޅު ފައްތާލި ނަމަވެސް، އެވަޅުގެ ފެން އާންމުކޮށް ލިބޭނޭ އިންތިޒާމް ހަމަޖައްސާނެކަމަށެވެ.
“ނޫން ނޫން. ވަޅުގެ ފެން ހަމަ ބަރާބަރަށް ލިބޭނެ ވަޅު ފައްތާލިޔަސް. ވަޅު ފައްތާ މަތިއަޅާފައި، އިސްކުރު ބަރިއެއް މެދުވެރިކޮށް އަޅުގަނޑުމެން ފެން ލިބޭނޭގޮތަށް އިންތިޒާމް ހަމަޖައްސާގޮތަށް މިއޮތީ. ވަޅުގެ ފެން އިރާދަކުރެއްވިއްޔާ ހަމަ ލިބޭނެ. ތަފާތަކީ ވަޅު ފެންނަން ނުހުންނަކަން އެކަނި” ރިޒާ ވިދާޅުވިއެވެ.
ރިޒާ ވިދާޅުވީ ހަސަންބެ ވަޅަކީ ވަރަށް ޒަމާންވީ އަދި އޭދަފުށީގެ ރައްޔިތުން ނުހަނު ލޯބިވާ، އެވަޅުގެ ފެނާމެދު ޚާއްސަ ސަމާލުކަމެއް ދޭ ވަޅެއްކަމަށާ، ވަޅު ފައްތާއިރު ވަޅަށް ގެއްލުން ނުލިބޭނޭ ގޮތަކަށް ވިސްނަވާނޭކަމަށެވެ. އޭނާ ވިދާޅުވީ ވަޅު ފެއްތުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނޭކަމަށާ، މިނިވަން ޗެންޕިއަންޝިޕްއަށް ދަނޑު ތައްޔާރުކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފައްޓަވާނެކަމަށެވެ.
“ވަރަށް އަވަހަށް އެމަސައްކަތް އަޅުގަނޑުމެން ފަށާނަން. އަޅުގަނޑަށްވެސް އެނގޭ ވަރަށްގިނަ ބަޔަކު އުފައްދާ ސުވާލެއްކަން އެވަޅުގެ މައްސަލައަކީ. ހަމަ ވަރަށް ރަނގަޅަށް މިދަންނަވަނީ. ގެއްލުމެއް ނުވާނެއެކޭނޫން. އެހެންނަމަވެސް ވަރަށް ބަލައިގެން ވަޅުގެ މަތިއަޅާ ކަންކަން ކުރާނީ”
އޭދަފުށީގެ ގިނަ ބަޔަކު މިހާރުވެސް އެވަޅަކަށްޓަކައި ފަހްރުވެރިވާ އޭދަފުށީ “ހަސަންބެ” ވަޅަކީ އޭދަފުށީ ކަންމަތީގެ މަރްހޫމް ހަސަން އަހްމަދު އޭނާގެ އުމުރުގެ ފަހު ކޮޅު ޚާއްސަކޮށް ހުޅަނގުކޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ކަމާއެކު މީރު ބޯފެން ފޯރުކޮށްދިނުމަށް ސަދަގާތެއްގެ ގޮތުގައި ބިނާ ކޮށްފައިވާ ވަޅެކެވެ.
މި ވަޅަކީ މިހާރުވެސް އޭދަފުށީގެ ބައެއް މީހުން ބޯފެން ނެގުމަށް ބޭނުންކުރާ ހަމައެކަނި ވަޅެވެ. ޒަމާނަށް އައި ބަދަލާ ތަރައްގީގެ ސަބަބުން ފަސޭހަ ގޮތް ފަސޭހަ ކަމަށް ބަލައިގެން ދިޔަދޮވިތަކުންނާ ފެން ހިންދާ ވަޅުގަނޑުތަކުން ސީދާ މައި ޖަންކްޝަންތަކާއި ގުޅުމުން ބިމަށް ހިނދޭ ފެން މަދުވުމުން ރަށުގެ ބައެއް ހިސާބުގަނޑުގެ ފެން ތަޣައްޔަރުވެ ފެނުގެ އަސްލު ރަހައާއި ކުލަ ބަދަލުވެފައިވީ ނަމަވެސް މި ވަޅަށް އަދި އޭގެ އަސަރު ނުކުރާކަމަށް ވެއެވެ.