ކޮންމެ ޖަމިއްޔާއެއްވެސް އުފަންވަނީ ގައުމަށް ނުވަތަ ރަށަށް އެހެންނޫނީ ދިރިއުޅޭ މުޖްތަމައަށް ކަންތައްތަކެއް ކޮށްދިނުމަށެވެ. ރަށެއްގައި ނަމަ އެރަށެއްގެ ރަށްވެހިކަމާއި ކުރިއެރުމާއި ތަރައްގީ ގައިމު ކުރުމުގެ މަގްސަދުގައެވެ. ޖަމިއްޔާތަކުގެ ހިންގާ ގަވާއިދާ އަސާސީ ގަވާއިދު އެކުލަވާލާއިރު މި ބައި ހިމެނިފައި އޮންނަނީ ކުރީ ފޮޅުވަތްތަކުގައެވެ.
ރަށެއްގެ ނިސްބަތުން އަޅާކިޔާނަމަ ރަށުގެ ވަކި ޖަމާއަތަކުން އެ ހިންގަނީ ރައްޔިތުންނާ ސީދާ ގުޅުން ހުރި އެއް މުވައްސަސާއެވެ. ނުރަސްމީ އިދާރާއެއްގެ ގޮތުގައި އެހެންނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސި ކަންކަމާ އިޖްތިމާއީ އަދާލަތާ ސިއްހީ ދުޅަހެޔޮކަމާ އުމްރާނީ ތަރައްގީ އަށް ބޭނުންވާ ކަންކަން ވިލަރެސްކޮށް އެކަންކަމަށް އަމަލީ ސިފަ ގެނައުމަށް މަސައްކަތް ކުރާ ވުޒާރާއެއްގެ ގޮތުގައެވެ. އެކަމަކު ސަރުކާރުގެ އޮފީހެކޭ ވެސް އެއްފަދައިން މިއީވެސް ގާނޫނީ ޝަޚްސަކަށް ވާހިނދު މި ޖަމާއަތްތަކަށްވެސް ކުރިއަށްދެވި ނަތީޖާ ނެރެދެވޭނީ އެއްބާރުލުން ލިބެންޖެހޭ ފަރާތްތަކުން އެމަގު ފަހި ކޮށްދީގެންނެވެ. އެންމެ ފުރަތަމަ ސަރުކާރުގެ މުވައްސަސާތަކުންނެވެ.
ޖަމިއްޔާ އެއް ހިންގުމަކީ ރަށެއް ނުވަތަ އެޖަމިއްޔާއެއް ނިސްބަތްވާ ދާއިރާއެއް ހިންގުމެވެ. މިދެންނެވި ދާއިރާ ގައި ހިމެނޭ ރައްޔިތުންގެ މުހުތާދުތަކާ އުމުރާނީ ތަރައްގީއާ ގުޅިފައިވާ ހުރިހާ ކަމެއް ޖަމިއްޔާ ބަލާނެއެވެ. މިކަންކަން ބަރާބަރަށް ހިންގުމަށް ބޭނުންވާ އެންމެ މުހިއްމު ރުކުނަކީ ޖަމިއްޔާ ހިންގާނޭ މަރުކަޒެކެވެ. އިދާރީ ލިޔެކިއުންތަކާ ޖަމިއްޔާގެ މުދާ ރައްކާކުރެވި މީގެ އިތުރުން މެންބަރުންނާ ޖަމިއްޔާ ސީދާ ގުޅާލެވޭ ތަނަކީ މި މަރުކަޒެވެ.
ޖަމިއްޔާތައް ހިންގުމަށާއި ހަރަކާތްތެރިކަން އިތުރުކުރުމަށް ސަރުކާރުން ބާރު އެޅުމުގެ ބޭނުމަކީ ސަރުކާރުން ކޮށްދޭންޖެހޭ މުހިއްމު ބައެއްކަންކަން ތަންފީޒުކުރަން އޮތް ކުރުމަގަކީ ޖަމިއްޔާ ތައް ކަމަށްވާތީއެވެ. ޖަމިއްޔާތައް ހިންގުމަށް ބޭނުންވާ މަރުކަޒެއް ގާއިމުކުރުމަށް ބިން ދޫކުރަނީ މި ގޮތުގެ މަތިންކަމަށް ވެދާނެއެވެ.
އޭދަފުށްޓަށް ބަލާއިރު އަޅުގަނޑުމެންގެ ހަނދާން ހުންނަން ފެށިއިރު އުފައްދާފައިވާ ޖަމިއްޔާއަކި ބަހިއްޔާ ،ސައާދާ މުސްކުޅިދަރިވަރުންގެ ޖަމިއްޔާ ނުވަތަ ބސމދ ޖަމިއްޔާއެވެ. މި ޖަމިއްޔާ ހިންގުމަށް ބިމެއް ދޫކުރިއެވެ. އެ ބިމުގައި “އެވަރބްލޫ ” އޭ ކިޔާ ނަންދީފައިވާ ބސމދ ޖަމިއްޔާގެ ގެ އިމާރާތްކޮށް އެތަނުގައި ގިނަ ހަރަކާތްތަކެއް ހިންގިއެވެ. މަސްޖިދު ޔޫސުފްގެ ދެކުނުގައި އެހެރަ މާރަނަ 2 އަކީ އެ އިމާރާތެވެ.
މިހާރު އެތަން ބޭނުންކުރެވެނީ ގުދަނެއްގެ ގޮތުގައެވެ.
އޭގެ ފަހުން އުފެދުނު ޖަމިއްޔަތުލްއިއްތިހާދު ނުވަތަ ވަފާ ޖަމިއްޔާ ހިންގުމަށްވެސް ބިމެއް ދިނެވެ. އެބިމުގައި އިމާރާތެއް ކޮށް ޖަމިއްޔާއާއި މެންބަރުން ގުޅުވާލަދޭ މުހިއްމު ބިނާއެއްގެ ގޮތުގައި މިއަދާ ހަމައަށްވެސް އެތަން ހިންގަމުން އެބަ ގެންދެއެވެ. ރައްޔިތުންނާ ގުޅުން ހުރި ގިނަކަންތައްތަކެއް ކުރުމަށް އެޖަމިއްޔާއަށް ލިބިފައިވާ އެންމެ ބޮޑު ރައުސްމާލަކީ އެއިމާރާތްކަމަށް އެޖަމިއްޔާގެ މަސްއޫލު ވެރިންނާއި މެންބަރުން ދެކޭތީ ވަފާ ޖަމިއްޔާގެ އިމާރާތަކީ ވަރަށް އިޖްތިމާއީ ތަނެކެވެ. ޕާޓީތައް ބެއްވުމަށް އާއްމުންނަށް ދޫކުރުމާ މެންބަރުންގެ ބައްދަލުވުންތަކުގެ އިތުރުން ބައެއް ކަަހަލަ ކުޅިވަރު ފަރިތަކުރުމާއި ކޯސް ތައް ހިންގުންފަދަ މުހިއްމު ކިތަންމެ ކަމެއް އެތަނުގައި އަންނަނީ ކުރަމުންނެވެ.
1980ގެ އަހަރުތަކުގެ ކުރި ކޮޅުގައި އުފެއްދި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ އަށްވެސް ސަރުކާރުން ބިމެއް ދެއްވިއެވެ. އެހެންނަމަވެސް އެބިމުގައި އިމާރާތެއް އެޅުމަށް ބިންގާ އަަޅާފައި ހުރި ގޮތަށް ހުރީއެވެ. އޭރުގެ ޒުވާނުންގެ ޖަމިއްޔާ މިހާރު އޮތީ މުސްކުޅިވެ މަރުބަލީގައެވެ. ޒުވާނުންގެ ޖަމިއްޔާގެ ޒުވާން ދުވަސްވަރު އޭދަފުށްޓަށް ގިނަކަންތައްތަކަކާއި ރީތި ނަން ހޯދައި ދިނުމުގައި ވަނީ ރެކޯޑްތަކެއް ހަދާފައެވެ. ޚާއްސަކޮށް އޭދަފުށީގެ މައި ބަދަ ކަމުގައިވާ ފުޓުބޯޅައިގެ ރޮނގުން މޮޅު ދަރިންތަކެއް އުފައްދުމުގެ ސިލްސިލާ މިއަދާހަމައަށްވެސް ދެމިގެން އައީ ޖަމިއްޔާގެ މިންނެތް މަސައްކަތުންނެވެ.
ޖަމިއްޔާގެ ރަސްމީ އިމާރާތް އެޅުމުގެ ވިސްނުން ހުރިކަމަށް ވިޔަސް އެކަންއޮތީ ނުކުރެވި ކިތަންމެ ރަނގަޅަކަށްވެސް ފެއިލްވެފައެވެ. ޖަމިއްޔާގެ ބައްދަލުވުންތަކާއި އަހަރީ ޖަލްސާ ފިޔަވައި ހުރިހާ ޖަލްސާއެއް ބާއްވާފައިވަނީ މާލޭގައި ކަމަށްވުމާއެކު ރަށުގައި އިމާރާތް ކުރުމުގެ ޚިޔާލަށް ހުރިހާ އެންމެންނަށް އެއްބަސްނުވެވުނީއެވެ. އެހެންނަމަވެސް އެތަން އިމާރާތްކޮށް ކުއްޔަށް ދިނުމުގެ ވިސްނުން އޮތްނަމަ ހަމަގައިމުވެސް އެ އިމާރާތް ހުންނާނީ ނިމިފައެވެ.
މިޒަމާނަށް އަލިވިލުނުއިރު ދެން ފެނިގެން ދިޔައީ ބސމދ ޖަމިއްޔާގެ ބަނޑުން އުފަންވި ފޭލި ޖަމިއްޔާ އެވެ.
އެމީހުންނަށްވެސް 5000 އަކަފޫޓުގެ ބިމެއް ވަނީ ދީފައެވެ.
އެހެންނަމަވެސް އެބިން އަދި ބޭނުންކުރަމުންދަނީ ޖަމިއްޔާއެއްގެ މަގްސަދާ ފުށުއަރާ ގޮތަށެވެ. ޖަމިއްޔާ އެއް ހިންގުމަށް ބިމެއް ދިނުމުގެ މާނަ އަރާރުންވާ ގޮތަށެވެ. މިހައިވަރުން ފުއްދާލަމާ ހިނގާށެވެ.
ފޭލި ޖަމިއްޔާގެ ފާހަގަކޮށްލެވޭ އެންމެ ބޮޑުކަމަކަށް ވީ ރީތި އިމާރާތެއް ހަދައި އޭދަފުށީ ރައްޔިތުންނަށް ހަދިޔާ ކުރުމެވެ. މީގެ އިތުރުން މީހުން ބިނާކުރުމަށް ތަފާތު ފެންވަރުގެ ތަފާތު ގިންތީގެ ކޯސްތަކެއް އޭދަފުށީގައި ހިންގުމުގެ އިތުރުން ރީތި ސްޓޭޖެއްވެސް ރައްޔިތުންނަށް ހަދިޔާ ކޮށްދީފައިވެއެވެ.
އޭގެ ފަހުން ކްލަބް ބިގިނާސް (ޓީބީ )އަށް ވެސް މިހާރު ވަނީ ބިމެއް ދީފައެވެ. ކިތަންމެ ބާރު ލާފައި ޓީބީން އެތަން ބޭނުންކުރާނީ ރައްޔިތުންނަށް ފައިދާ ހުރި ގޮތުގައި ކަމަށާ ކުއްޔަށް ދޫކުރާ ވިސްނުމެއް ނެތްކަމަށާ އެތަނަށް ރައްޔިތުންނަށް އަގު އަދާކުރަން ޖެހޭނެކަމަށް ބުންޏަސް އެވާހަކަ ގަބޫލު ކުރަން ދަތިވެގެން މިއުޅެނީ އަހިވަކާޖެހި އަހިވަށް ފާވާ އުސޫލު ހިތަށް އަރާތީއެވެ.
އުސޫލެއްގެ ގޮތުންބަލާއިރު އޭދަފުށީގައި އުފެދިފައިވާ ހުރިހާ ޖަމިއްޔާއަކަށްވެސް ބިން ދޭންޖެހެއެވެ. އެއްބަޔަކަށް ދީފައި އަނެއް ބަޔަކަށް ނުދިނުމަކީ އިންސާފަކަށްނުވާތީއެވެ. އެހެންނަމަވެސް ބިމުގެ އަގު ރަނަށް ވަމުންދާ އޭދަފުށީގައި އުފެދިފައިވާ ކޮންމެ ޖަމިއްޔާއަކަށް ގޯއްޗެއް ދީފިނަމަ ބިން ބޭނުނުންވެގެން އެކަމަށް އެދި އެދި ތިބި ނިކަމެތި ރައްޔިތުންގެ ހައްގުތައް ކޮބައިތޯއެވެ. އެބައި މީހުންގެ ހައްގުތައް ހަނދާންނައްތާލާފައި ފުދި އިތުރުވެފައިވާ ޖަމާއަތްތަކަށް އިސްކަން ދިނުމަކީ ކޮންފަދަ އިންސާފެއް ހެއްޔެވެ؟
ކޮންމެ ޖަމިއްޔާއަކަށް ބިމެއް ދީގެން ނޫނީ ޖަމިއްޔާ އެއް ނުހިންގޭނެ ހެއްޔެވެ. އޭދަފުށްޓަށް ބަލާއިރު ރައްޔިތުންގެ ތަންތަން ކަމުގައިވާ މަލްޓިޕާޕަސް ބިލްޑިންގެ ގެ ކޮންމެވެސް މާލަމެއް ކުއްޔަކާ ނުލާ ޖަމިއްޔާ ހިންގުމަށް ދިނުން ކިހިނެއްވާނެ ހެއްޔެވެ. ބިން ބޭނުންވެގެން މިއުޅެނީ މުދާ ރައްކާކުރާށާއި އިދާރީ ހިންގުމަށެވެ. އެ އިމާރާތުން ވިޔަފާރި ކުރާކަށް ނޫން ވިއްޔާއެވެ.
މިހާރު މިފެންނަ މަންޒަރަކީ ގާނޫނުގެ ފެެހިފޮތް ބަލައިގެން ޖަމިއްޔާތަކަށް ދޫކޮށްފައިވާ ގޯތި ކުއްޔަށް ދީގެން އާމްދަނީ ހޯދުން އެއީ ކުރެވިދާނެކަމަކަށް އޮންނާތީ އެކަމުން ވިޔަފާރި ކުރާ ތަނެވެ. އެކަމަކު ޖަމިއްޔާއަށް އިމާރާތް ދޫ ކޮށްފައިވަނީ އެގޮތުން އާމްދަނީ ހޯދާކަށް ނޫނެވެ. އެހެންކަމަށްވާނަމަ ދެން ކުރިއަށް އޮތްތަނުގައި އޭދަފުށީގައި ކުރަން އޮތް އެންމެ ރަނގަޅު ވިޔަފާރިއަކީ ކޮންމެ ދަމަފިރިއަކު ޖަމިއްޔާއެއް ހިންގުން ނޫންހެއްޔެވެ؟