
ހިލަ ހިފައިގެން އޭދަފުއްޓަށް އައި ބާޖް އޭދަފުއްޓާ، މާއްޑުއާދެމެދު ކަނޑުއޮޅީގައި ބަނދަރުކޮށްފައި. ދެދުވަހެއްގެ ތެރޭގައި އޭދަފުއްޓަށް ހިލަބާލަން ފަށާނެކަމަށް ކައުންސިލުން ބުނޭ / ފޮޓޯ: ފޭސްބުކް
އޭދަފުށިން ހިއްކަން ހަމަޖެހިފައިވާ ބައިގެ ވަށައިގެންޖަހާ ރިވެޓްމަންޓްގެ މަސައްކަތަށް ގެނަސްފައިވާ ހިލަތައް ބާޖުން ނުބޭލި ލަސްވެފައިވަނީ ކަސްޓަމުން ނިންމަންޖެހޭ ބައެއްކަންކަން ނުނިމި ލަސްވެގެންކަމަށް އޭދަފުށީ ކައުންސިލް އިދާރާއިން ބުނެފިއެވެ.
އެއިދާރާއިން ބުނީ ކުރިން ލަފާކުރެވުނު ގޮތަށް ކަސްޓަމުން ނިންމަންޖެހޭ ކަންކަން ނުނިމި ދިޔަނަމަވެސް، އެކަންކަން ނިމި ދެތިންދުވަހެއްގެ ތެރޭގައި ހިލަބާލަން ފެށޭވަރުވާނޭކަމަށެވެ. ކައުންސިލްގެ މެމްބަރ މުހައްމަދު ރިޒާ މިއަދު ވިދާޅުވީ ކަސްޓަމުން ނިންމަންޖެހޭ ކަންކަން މިއަދު ނިމޭނެކަމަށް އެޖެންޓް ބުނެފައިވާކަމަށެވެ.
“މީހަމައެޖެންޓްގެ ފަރުވާކުޑަކަމުން ވެގެން އުޅޭގޮތެއް. ބާލަންބޭނުންވާ މެޝިނަރީ އެހެރީ މިރަށަށް ޖަމާކޮށްފަ. ކަސްޓަމުން މިކަން ނިމޭއިރަށް ބާލަން ފަށަންވީ. އެޖެންޓް އެބަބުނޭ މިއަދު ހަވީރަށް ކަސްޓަމުން ނިމޭނޭ. އެހެންވެއްޖެއްޔާ ދެދުވަހެއް ތިންދުވަހެއްގެ ތެރޭގައި ބާލާނެކަމަށް މިބަލަނީ” ރިޒާ އީވީއަށް ވިދާޅުވިއެވެ.
އޭދަފުށިން ހިއްކާ ސަރަހައްދުގެ ރިވެޓްމަންޓް ޖެހުމަށް މިމަހު 22 ވަނަދުވަހު އައި މިބާޖުގައި 4300 ޓަނުގެ ބޮޑުހިލަ އެބަހުރިކަމަށް ކައުންސިލުން ބުނެއެވެ. އަދި އިތުރު 22000 ޓަނުގެ ހިލަ ގެނައުމަށް ހަމަޖެހިފައިވާކަމަށްވެސް ކައުންސިލުން ކުރިން ބުނެފައިވެއެވެ.