
ރޭގެ މެޗްގައި ޓޮޓެންހަމްގެ ލެނަން ބޯޅަހިފައިގެންދާއިރު ލިވަޕޫލްގެ ސުއަރޭޒް ހުރަސް އަޅަނީ. ފޮޓޯ: ގެޓީއިމޭޖަސް
މިއަހަރު އަދި އިނގެރޭސި ލީގުގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑާއެކު ރޭގަ ޓޮޓެންހަމް އަތުން 4 ލަނޑު 0 ލަނޑުގެ ތަފާތަކުން މޮޅުވެ ލީގުގެ 1 ވަނަ މަގާމަށް ލިވަޕޫލް ޖެހިލައިފިއެވެ.
ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލް ކުޅުނު މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓާ މޮޅަށްވެސް ކުޅުނީ ލިވަޕޫލް އިންނެވެ. ލިވަޕޫލް އިން ޖެހި ފުރަތަމަ ލަނޑަކީ މެޗު ހަމަ ފެށިތަނާ ލިވަޕޫލްގެ ޑިފެންޑަރ ގްލެން ޖޯންސަން ނެގި ހުރަހަކުން ޓޮޓެންހަމްގެ ޑިފެންޑަރ ޔޫނުސް ކާބޫލް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެޓީމުން ޖެހި ދެވަނަ ލަނޑަކީ ޓޮޓެންހަމްގެ ޑިފެންޑަރ ވެޓްރޮޖެން އަށް އަނިޔާވެ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނުކުތް ޑިފެންޑަރ ޑޯސަން އަށް ހެދުނު ގޯހެއްގެ ސަބަބުން ލުއިސް ސުއަރޭޒް ބޯޅަ ހިފައިގެންގޮސް ވައްދާލި ގޯލެކެވެ. މި ލަނޑަކީ މި ސީޒަންގައި ލުއިސް ސުއަރޭޒް ޖެހި 29 ވަނަ ގޯލެވެ. މި ލަނޑާއެކު ސުއަރޭޒް ވަނީ އެއްސީޒަނެއްގައި ލިވަޕޫލަށް އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑް މުގުރާލާފައެވެ. މި ރެކޯޑް ކުރިން އޮތީ ޖުމްލަ 28 ގޯލާއެކު ރޮބީ ފައުލާ އަތުގައެވެ.
ލިވަޕޫލް އިން ޖެހި 3 ވަނަ ގޯލަކީ އަރަމުން އަންނަ ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ ކޮންޓީނިއޯ އޭރިއާ ބޭރުން ގޯލަށް ފޮނުވާލި ބޯޅައެކެވެ. ލިވަޕޫލްގެ ހަތަރުވަނަ ލަނޑަކީ ލިވަޕޫލްގެ ޒުވާން މިޑްފީލްޑަރ ޖޯޑަން ހެންޑަސަން ގޯލަށް ފޮނުވާލި ހިލޭ ޖެހުމެކެވެ.
މި މޮޅާއެކު ލިވަޕޫލް އޮތީ ކުޅުނު 32 މެޗުން 71 ޕޮއިންޓް ލިބި ތާވަލްގެ 1 ވަނާގައެވެ. ދެވަނައިގައި އޮތީ ކުޅުނު 32 މެޗުން 69 ޕޮއިންޓާއެކު ޗެލްސީއެވެ. 3 ވަނައިގައި މެންޗެސްޓަރ ސިޓީ އޮތީ 2 މެޗު މަދުކޮށް ކުޅެގެންނެވެ. އެއީ ކުޅުނު 30 މެޗުން 67 ޕޮއިންޓް ލިބިގެންނެވެ.
ރޭ ކުޅުނު އަނެއް މެޗުން އެވަޓަން، އެސްޓަން ވިލާގެ މައްޗައް ކުރި ހޯދީ 3 ލަނޑު 1 ލަނޑުގެ ތަފާތަކުންނެވެ. މި މޮޅާއެކު އެވަޓަންއަށްވަނީ ގަދަ 4 ގެ އުއްމީދު އާވެފައެވެ.