މީގެ އަށެއްކަ އަހަރު ކުރިން އަންހެނަކަށް ސްޓްރޯކެއް ޖެހި ސިކުނޑީގެ ނާރެއެް ފަޅައިގެންގޮސް ވަގުތުން އޮޕަރޭޝަނެއް ކުރަން ޖެހުމުން އައިޖީއެމްއެޗް އިން ކުރި ކާމިޔާބު އޮޕަރޭޝަންގެ ވާހަކައަކީ މުޅި ރާއްޖެ ވެސް ދަންނާނޭ ވާހަކައެކެވެ. އެޚަބަރާއެކު އެންމެ ގަދައަށް ފެތުރިގެން ދިޔަ އަނެއް އަޑަކީ އަވަށްޓެރި ގައުމުތަކާ އެއްވަރަކަށް ސިއްހީ ގޮތުން ރާއްޖެ ކުރިއަރާފައިވާ ވާހަކައެވެ. އެ ހަނދާންތަކާއެކު އަނެއްކާވެސް މުހިއްމުވެގެން މިއުޅެނީ އެ އަންހެނާއެވެ. ބަލި މީހެއްގެ ގޮތުގައެއް ނޫނެވެ. ކާމިޔާބު އަންހެނެއްގެ ގޮތުންނެވެ. މަސައްކަތްތެރި މަންމައެއްގެ ގޮތުންނެވެ. ގެވެހި އާއިލާއެއްގެ ލީޑަރެއްގެ ގޮތުންނެވެ. ދިވެހި އަންހެނުންނަކީ ފިސާރި ބައެއްކަން އަންގައިދީފައިވާ މުރާލި އަނތްބެއްގެ ގޮތުންނެވެ. އޭނާ އަންގައިދޭން ބޭނުންވަނީ އުމުރުގެ ކޮންމެ ހިސާބެއްގައި ވެސް އަތްފައި ކޮށައިގެން މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމުގައި ހުރި ހިތްހަމަޖެހުމާ އޭގެ ބަރަކާތްތެރިކަން ބޮޑުކަމެވެ. މިއީ އޭދަފުށީ ސައްކެޔޮގެ މުނީރާ ޔޫސުފްގެ ވާހަކައެވެ.
ކިއްލި ތަޅައިގެން ފޯއްޕަކެޓް ހަދައިގެން ލިބޭ އާމްދަނީއިން މީހަކަށް އުމުރާގެ އަޅުކަމަށް މައްކާއަށް ދެވިދާނެހޭ އަހައިފިނަމަ އެއީ އެހާ ފަސޭހައިން ގަބޫލު ކުރެވޭ ވާހަކައަކަށް ނުވެހިނގައިދާނެއެވެ. ގިނަދުވަހުން އަދި ވަރަށް ބައިވަރު ކިއްލިހަދައިގެން ނޫނީ ނުކުރެވޭނެކަމަކަށް ހީވެފައި އޮންނާތީއެވެ. އެހާވަރަށް މިމަސައްކަތުގައި ކުރިއަށް ދާނެ ޝައުގުވެރިކަމެއް ނުހުންނާނޭތީއެވެ. އެހެން ނަމަވެސް އެއީ ކުށް ހީއެއް ކަން ސާބިތު ކޮށްދިނީ މުނީރާއެވެ. އޭނާވަނީ ކިއްލިތަޅައިގެން ހޯދި ފައިސާއިން އުމުރާގެ އަޅުކަން ފުރިހަމަކޮށްފައެވެ. އަދި އެވަރުން ފުދި އިތުރުވެސް ވީއެވެ.
މުނީރާ ބުނީ އެންމެ ފުރަތަމަ ނިޔަތްގަތީ އަމިއްލަ މަސައްކަތްކޮށްގެން ލިބޭ ފައިސާއިން މި އަޅުކަން ފުރިހަމަ ކުރުމަށް ކަމުގައެވެ.
“އެހެންވެ ފުރަތަމަ ފެށީ ކުދިކުދި ފޯއް ޕެކެޓް ހަދާފައި ވިއްކަން. ކޮންމެ ހަފްތާއަކު އެއްހާސް ޕެކެޓް ފޯއް މާލެއަށް ފޮނުވަނީ .އެއީ މީގެ ދުވަސްތަކެއްގެ ކުރިން.” މަސައްކަތް ފެށި ގޮތްމުނީރާ ކިޔައިދޭން ފެށިއެވެ.
“އެހެންނަމަވެސް ފޯއް ޕެކެޓް ހެދުމުގެ މަސައްކަތް ކުރާއިރު ފޯއްކޮށާފައި ބާކީ ހުންނަ ކުނޑިފޯއްތައް އުކާލަން ޖެހޭތީ ހިތަށް އެރީ ކިއްލި އުފައްދަން. “
އަށްކުދިންގެ މަންމަ މުނީރާ ބުނީ މިމަސައްކަތުން ކޮންމެ މަހަކުވެސް ހަރަދު ކަނޑާފައި ފައިދާގެ ގޮތުގައި 4000 ވުރެ ގިނަ ރުފިޔާ ލިބުނުކަމަށާއި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އުމުރާ އަށް ދާވަރަށް ފައިސާ އެއްކުރެވުނު ކަމަށެވެ. ދެން އެވާހަކަ ދަރިންގެ ގާތުގައި ދެއްކުމުން އެކުދިންވެސް އުފަލާއެކު މިކަން ބަލައިގަތީ ކަމުގައެވެ.

މުނީރާ އޭނާގެ ފިރިމީހާއާއި، ފިރިހެން ދަރިއަކާއެކު. ކިއްލިތެޅުމުގެ މަސައްކަތުގައި އާއިލާގެ އެހީތެރިކަން ބޮޑުކަމަށް އޭނާބުނި / ފޮޓޯ ފޭސްބުކް
މުނީރާ ބުނީ އުމުރާގެ އަޅުކަމަށްފަހު ރަށަށް އައުމާއެކު ފައިސާގެ ކަންތައް ބަލަހައްޓަމުން ގެންދިޔަ ދަރިފުޅު ބުނި ގޮތުގައި އަދި އެއްފަހަރު ޢުމުރާ ގެ އަޅުކަމަށް ދެވޭވަރަށް ފައިސާ އެބަހުރިކަމަށާއި ނަމަވެސް އޭރު ބާކީ ހުރި ފައިސާއިން 30ހާސް ރުފިޔާ ދަތްތައް މަރާމާތުކުރުމަށް ޚަރަދު ކުރީ ކަމުގައެވެ.
އެއަށް ފަހުވެސް މުނީރާގެ ކިއްލި ވިޔަފާރި ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދިޔައެވެ. ކައިރި ރަށްރަށުންނާއި ރަށްކައިރީގައި ހުރި ރިސޯޓް ތަކުގައި އުޅޭ ކުދިން ވެސް ކިއްލި ފުޅިފުޅިއަށް އޯޑަރުދޭކަމަށެވެ. އެހެންނަމަވެސް ސިއްހީ ހާލަތު ތަންނުދިނުމުގެ ސަބަބުން އެމަސައްކަތް ކުރިން ކުރިވަރަކަށް މިހާރަކު ނުކުރެއެވެ. މިހާރު މަސައްކަތް ކުރަނީ އޭދަފުށީގެ ތިން ފިހާރައަކަށް ފުދޭ ވަރަށެވެ.
މުނީރާގެ މިމަސައްކަތަކީ ހުސްވަގުތުތަކުގައި ޓީވީ ޑްރާމާ ބަލަން ތިބޭ އަންހެނުންނަށްވެސް ލިބުނު ރަނގަޅު މެސެޖެކެވެ. ވަގުތުތައް ބޭކާރު ގޮތުގައި ހޭދަކުރުމަށް ވުރެ މިކަހަލަ ގޮތަކުންވެސް އާމްދަނީ ހޯދުމަކީ އާއިލާގެ އުފާވެރިކަމަށް ހުޅުވާލެާދޮރަކަށް ވާނެއެވެ.
މުނީރާ މި މަސައްކަތް ކުރީ އޭނާއަށް ފިރިމީހާއާއި ދަރިންގެ އަޅާލުމާއި ލޯބި ނުވަތަ ބޭނުންވާ ވަރަށް ފައިސާ ނުލިބިގެން ނޫނެވެ. ބޭނުމަކަށް ވީ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން ދުނިޔެއާއި އާޚިރަތަށް މަސައްކަތް ކުރާށެވެ. އެ މަގްސަދާ ހަމައަށް އޭނާ އަށް ދަތުރު ކުރެވިއްޖެއެވެ.
މުނީރާ ބުނިގޮތުގައި މިހާރު އޭނައަށް ކުރެވޭ އެންމެ އުފާވެރި އިހްސާސަކީ ބުރަމަސައްކަތުން ނަމަވެސް ފިރިމީހާގެ އެހީތެރި ކަމާއިއެކު ހަރުދަނާ ރަނގަޅު ދަރިންތަކެއް ބޮޑެތިކޮށް އެކުދިންގެ އަމިއްލަފައިމަށްޗަށް ތެދުވުމުގެ އުފާވެރި އިހްސާސެވެ.
” މިހާރު އަޅުގަނޑަށް މާމަކިޔާ 5 ކުދިން އެބަތިބި، އަޅުގަނޑުގެ ދަރިންނާއި ދަނބިދަރިންވެސް ވަރަށް ރަނގަޅު އިރާކުރެއްވީއްޔާ، އެންމެ ކުޑަ ދަރިފުޅު ފިޔަވައި ހުރިހާ ދަރިން ވެސް އުޅެނީ ސަރުކާރުގެ ވަރަށް ރަނގަޅު ވަޒީފާ ތަކުގައި، އަޅުގަނޑުގެ މިމަސައްކަތް މިހާ ކާމިޔާބު ކަމާއި އެކު މިގެންދެވުނީ ފިރިމީހާއާއި ދަރިންގެ އެހީތެރިކަންވެސް ލިބިގެން، މިއީ ގޭގައި ތިބޭ ޒުވާން ކުދިންވެސް ކުރަން ވަރަށް ރަނގަޅު މަސައްކަތެއް” ވަރަށް އުފާވެ އިންދެގެން މުނީރާ ކިޔައިދިނެވެ.
މިހާރު އުމުރުން 53 އަހަރުގެ މުނީރާ އަކީ މިހާރުވެސް ތެރޭގެ މަސައްކަތް ކުރަމުން ކޮންމެވެސް މިންވަރަކަށް ކިއްލިއާއި ފޯއްފެކެޓްްގެ މަސައްކަތުގެ އިތުރުން އޯޑަރު ލިބޭ ވަރަކުން ކުޅިރޮށި ފޮނިރޮށި އަދި ރުއްބުޑު ފަދަ ހެދިކާވެސް ހަދަމުން އަންނަ ހީވާގި އަންހެން ކަނބަލެކެވެ.