
ގުރުއާން ކިޔެވުމުގެ މުބާރާތެއްގެ އިނާމް ދިނުމުގެ ޖަލްސާއެއްގައި ކުދިންތަކެއް މަޑުކޮށްލައިގެން. 14 އަހަރުގެ ކުޑަކުއްޖަކު ރާއްޖޭގައި ވަނީ ގުރުއާން ހިތުދަސްކޮށްފައި / ފޮޓޯ: އިންޓަނެޓް
އުމުރުން އެންމެ 14 އަހަރުގައި ހުޅުމާލެ 10152 ރިފްދާ މުޙައްމަދު ރަޝީދު ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ކަމަށް ކީރިތި ޤުރުއާން އާއި ބެހޭ މަރުކަޒުން ހާމަ ކޮށްފިއެވެ.
އެ މަރުކަޒުން ބުނީ މިއީ މިއީ އެ މަރުކަޒުން ކުރިއަށް ގެންދާ 500 ޙާފިޒުން އުފެއްދުމުގެ ޕްރޮގްރާމް ގެ ދަށުން ހިތުދަސްކޮށްފައިވާ ކުއްޖެއް ކަމުގައެވެ. މީގެ އިތުރުން 18 އަހަރުގެ ކުއްޖެއް ކަމުގައިވާ މއ.ވެލަވަރު ޢައްޒާމް ޙަލީމް ވެސް ވަނި ކީރިތި ޤުރުއާން ހިތުދަސްކޮށް ޙާފިޒުންގެ ކޮމިޓީ އަށް ކިޔައިދީފައެވެ.
އިސްލާމިކް މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމް ގެ ދަށުން ފުވައްމުލަކުގައި ވެސް އަންނަނީ 40 ޙާފިޒުން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.
މި ޕްރޮގްރާމްގެ ދަށުން ހިތުދަސްކުރާ ޤުރުއާންގެ ކޮންމެ ފޮތަކަށް 500 ރުފިޔާ ދޭ ގޮތަށް ހަމަޖެހިފައި ވެއެވެ. މާލޭގެ އިތުރުން ކީރިތި ޤުރުއާން އާއި ބެހޭ މަރުކަޒު ހުންނަނީ ޅ. ނައިފަރު ، ގދ. ގައްދޫ، ޏ.ފުވައްމުލައް، އަދި ސ. ހިތަދޫ ގައާއި ފ. ނިލަންދޫ ގައެވެ.