
އޭދަފުށި ކުނިގޮނޑު ސާފުކުރުމުގެ މަސައްކަތް ސަރުކާރު މުވައްޒަފުން ކުރަނީ. ކުނިކޮށި އެޅުން މަޑުޖައްސާލަން ކައުންސިލުން ވަނީ އެދިފައި / ފޮޓޯ: ކިއުންތެރިއެއް
އޭދަފުށީ ކުނިކޮށި ހެދުމަށް މިދިޔަ މަހު ބަޔަކާ ހަވާލުކޮށްފައިވީނަމަވެސް އޭދަފުށީގެ ބިންހިއްކުން ނިމެންދެން އެމަޝްރޫއު މަޑުޖައްސާލުމަށް އޭދަފުށީ ކައުންސިލުން އެންވަޔަރުމެންޓް މިނިސްޓްރީގައި އެދިއްޖެއެވެ.
އޭދަފުށީ ކައުންސިލުން ބުނީ ކޮރަލްގޭޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ މިމަޝްރޫއު މަޑުޖައްސާލަން އެދުނީ ބިންހިއްކައިފިނަމަ މިހާރު ކުނިކޮށި އަޅަން ހަމަޖެއްސި ސަރަހައްދު ރަށުގެ މެދުތެރެއަށް ވަންނާނެކަމަށް ފެންނާތީކަމަށެވެ. ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ ދެން އެމަސައްކަތް ފެށޭނީ ބިންހިއްކާ ނިމި ލޭންޑްޔޫސް ޕެލޭންއާ އެއްގޮތަށް ހަމަޖެހޭ ސަރަހައްދެއްގައި ކަމަށެވެ.
“މިހާރު އޮންނާނީ މިނިސްޓްރީގައި ދަންނަވާފައި މަޑުޖައްސާލަން. އެހެންނޫންތޯވާނީ. ބިންހިއްކާ ނިމޭއިރު މިހާރު ކުނިކޮށި އޮތް ސަރަހައްދު އޮންނާނީ ރަށުމެދުގަ. އެހެން އެކަމެއް ނުވާނެ” އަލީ ވަހީދު އިއްޔެ އީވީއަށް ވިދާޅުވިއެވެ.
ބިމުގެ ދަތިކަން ބޮޑުވެ އެކިސަބަބުތަކަށްޓަކައި އޭދަފުށީގެ ކުނިއަޅާ ސަރަހައްދަކަށް މިދިޔަ އަހަރުތަކުގައި އަދި މިހާރުވެސް ބޭނުންކުރަނީ އޭދަފުށީ އިރުމަތީކޮޅު އުތުރުފަރާތު އަތިރިސަރަހައްދެވެ. ކުނިކޮށި އެޅުމަށް ކޮރަލްގޭޓާ ހަވާލުކުރީވެސް މިސަރަހައްދެވެ.
ވޯލްޑް ބޭންކްގެ އެހީގައި 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ ކުނިމެނޭޖްކުރުމުގެ މިޕްރޮޖެކްޓްގެ މަސައްކަތުގެ ތެރެއިން އޭދަފުށީގެ އިތުރުން، ޅ. ނައިފަރާ، ނ. މަނަދޫ ކުނިކޮށި ހަދަން ކޮރަލް ގޭޓާ ހަވާލުކޮށްފައިވެއެވެ.