މާޅޮހު “36 ކުރިގަނޑުލީ ރުއް” ކޮބާ؟

images-1.jpg

ބ. އަތޮޅަކީ ގުދްރަތީ ރީތި ވެއްޓެއް ލިބިފައިވާ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ހޮވާލެވިފައިވާ އަތޮޅެކެވެ. ދުނިޔޭގެ ބަޔޮސްފިޔާ ރިޒާވްގެ ތެރޭގައި ހިމެނޭ ބޮޑު ސަރަހައްދެއް  އަތޮޅުގައި ހިމެނޭ އިރު ބައެއް ރަށްރަށަކީ ދުނިޔޭގައި މަދުން އުޅޭ ދޫނި ބިސްއަޅާ އާލާވާރަށް ރަށެވެ. މިނޫނަސް ގުދުރަތީ އެތައް މުއްސަނދިކަމެއް ބ. އަތޮޅަށް ޚާއްސަ ވެފައި ވެއެވެ. އާދަޔާ ޚިލާފު ސިފަތަކެއް ގަސްގަހާގެއްސަށްވެސް ލިބިފައިވެއެވެ.

ބ. މާޅޮހުގައި މީގެ ތިރީހަކަށް އަހަރު ކުރިން ފެނުނު ގިނަ ކުރިގަނޑުތަކެއްލީ ރުކެއްގެ ވާހަކައަކީ މިދެންނެވިފަދަ ޚާއްސަ ކަމެކެވެ. ދިވެހި ރުކެއްގައި އެއް ކުރިގަނޑަށްވުރެ ގިނަ ކުރިގަނޑު ހުރުމަކީ ވަރަށް ނާދިރު ކަމެކެވެ. އެކަމަކު މާޅޮހުގައި ހުރީ ގިން ކުރިގަނޑުތަކެއް ލާފައި ހުރި ރުކެކެވެ. ބ.އަތޮޅުގެ އިތުރުން ރާއްޖޭގެވެސް ގިނަ ބަޔަކު އޭރު ނަޒަރު ހުއްޓުނު އެރުއް މިހާރު ކޮބާހެއްޔެވެ؟

ރުއްފެނުން

ބ. މާޅޮހުގެ ވެރިކަމުގެ ދާއިރާގައި 40 އަހަރަށްވުރެ ގިނަދުވަސް ވޭތުކުރެއްވައި މިހާރު ވަޒީފާއިން ރިޓަޔާ ކުރައްވާފައިވާ އެރަށު މީނާޒް ޔޫސުފް އަބްދުއްރަހްމާން ވިދާޅުވާގޮތުންނަމަ ކުރިގަނޑުތަކެއްލީ ރުއް މާޅޮހުގެ ވަލުތެރެއިން ފުރަތަމަ ފެނި ފާހަގަކުރެވެން ފެށީ 1980ގެ ފަހުކޮޅުއެވެ. އެރުއް ފެނުނު އިރުވެސް ގިނަ ކުރިގަނޑުތަކެއް ހުރިކަމަށް ޔޫސުފް ވިދާޅުވެއެވެ. އޭނާ ވިދާޅުވީ ދޭތެރެ ދޭތެރެއިން ބައެއްް ކުރިގަނޑުތައް ވެއްޓި މަދުވަމުން ދިޔައީ ކަމުގައެވެ.

“އަޅުގަނޑު ދޯންޏެއް ބަނުމަށް ގަތް ރުކެއް އެރުކަކީ، އެހެންނަމަވެސް ކުރިގަނޑުތަކެއް ހުރެގެން ރުއް ނުކަނޑާ މަޑުކުރީ. އޭރުހުރި 36 ކުރިގަނޑު. ރުކުގައި ކާށިވެސް ހުރި. އެކަމަކު ދުވަސްވަމުން ދިޔަ ވަރަކަށް މަޑުމަޑުން ދޭތެރެ ދޭތެރެއިން ކުރިތައް ވެއްޓެމުން ދިޔައީ”

އޭނާ ވިދާޅުވީ ރުއް ހިމާޔަތްކޮށް ބެލެހެއްޓުމުގެ މަސައްކަތް ފެށީ ދިވެހިބަހާ ތާރީހަށް ހިދްމަތްކުރާ ގައުމީ މަރުކަޒުން އަންގަވައިގެން 1990 ގެ އަހަރުތަކުގެ ތެރޭގައި ކަމަށެވެ. އޭގެފަހުން ރަށު އޮފީހުން އެރުކުގެ ވަށައިގެން ދިހަފޫޓްގެ ސަރަހައްދެއް ކޮށާ ބަލެހެއްޓިއެވެ. ޔޫސުފް ވިދާޅުވީ ރުކުގެ މަޝްހޫރުކަން އަތޮޅު ތެރެއަށް ބޮޑުވިގެން ދިޔައީ ނުވަދިހައިގެ ފަހުކޮޅުގައި ކަމަށެވެ.

“މިރަށަށް އައިސް ރުއްދޮށަށް ދާނެ ވަރަށް ގިނަމީހުން ބަލާލަން. ގެސްޓުންނަށް އަގުނަގައިގެން ރުއް ދެއްކުންވެސް ދުވަސްތަކަކު ކުރިޔަށް ދިޔަ.”

ޔޫސުފް ވިދާޅުވީ ދެހާހުގެ ތެރޭގައި ރުކުގެ ކުރިގަނޑުތައް މަޑުމަޑުން ވެއްޓި ކުރިތައް މަދުވަމުންދިޔަ ކަމަށާ، “އޭގެފަހުން ރަށުއޮފީހުން އެތަން ބެލެހެއްޓުން ދޫކޮށްލީ” ކަމަށެވެ.

ރުއް މިހާރު ކޮބާ؟

މާޅޮހު ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ މުހައްމަދު ސައީދު ވިދާޅުވީ ކުރިގަނޑުތައް ވެއްޓި މިހާރު ހުރީ ރުކުގެ މައިގަނޑު އެކަނި ކަމަށާ، ރުއް ބެލެހެއްޓުމަށް މިހާރު އެއްވެސް މަސައްކަތެއް ނުކުރެވެއެވެ.

“ކުރިގަނޑުތައް ވެއްޓި މުޅިރުއް ހަލާކުވެއްޖެ މިދިޔަ އަހަރުތެރޭގައި.”

ސައީދު ވިދާޅުވީ ކުރިގަނޑުލީ ރުއް ހަލާކުވާން މެދުވެރިވި މައިގަނޑު ސަބަބަކީ ރުއް ހިމާޔަތް ކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުން ކަަމަށެވެ. އެގޮތުން ރުކުގެ ހިމާޔަތުގައި ހުރި ގަސްގަހާގެހި ކަނޑައި އެސަރަހައްދު ސާފުކުރުމުގެ ސަބަބުން ރުއް ބަލިކަށިވީ ކަމަށް ސައީދު ދެކިލައްވައެވެ.

ކޮންމެއަކަސް މިތާރީހީ ރުއް މިހާރުވަނީ ހަލާކުވެ ގޮސްފައެވެ. ރުކުގެ ހަމައެކަނި ފެންނަންހުރީ މައިގަނޑު ގަސްގަނޑެވެ. ވަކަރުގަނޑެވެ.

ކުރިގަނޑުތައް ލީ ރުއް މިހާރު ފެންނަން ހުރިގޮތުގެ ފޮޓޯއެއް / ފޮޓޯ އީވީ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top