ބ. މާޅޮހުގައި ގާއިމްކޮށްފައިވާ ފެންޕްލާންޓުން ފުޅީގައި ފެން ބަންދުކޮށް އަންނަމަހުގެ ތެރޭގައި ވިއްކަން ފެށޭނެކަމަށް މާޅޮހު ކައުންސިލުން ބުނެފިއެވެ.
ޔޫއެންޑީޕީގެ ސްމޯލް ގްރާންޓް ފަންޑުން އެއްމިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިގެން މާޅޮހު މާސް ޖަމްއިއްޔާއިން ފެށި މިޕްރޮޖެކްޓްގެ ހުރިހާ މަސައްކަތްތަކެއް އަންނަމަހުގެ ކުރީކޮޅު ނިމޭނެކަމަށް މާޅޮހު ކައުންސިލުން ބުނެއެވެ. މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު އީވީއަށް ވިދާޅުވީ ފެން އުފައްދައި އެރަށު ގޭގެއަށާ، ސޮނެވާފުށީ ރިސޯޓަށް ބޭނުންވާ ވަރަށް ފުޅީގައި ބަންދުކުރުމަށް ތައްޔާރުވެފައިވާކަމަށާ، ފެނުގެ ކޮލިޓީވެސް ޗެކްކޮށް ބަންދުކުރާ ފުޅިވެސް އެރަށަށް ގެނެވިފައިވާކަމަށެވެ.
“ސޮނެވާފުއްޓާއެކު އެއްބަސްވުމުގައި ސޮއިކޮށް ނިމިފައި އޮތީ، އެރިސޯޓްގެ ވަރަށްބޮޑު ބައިވެރިވުމަކާއެކު މިކަން ކުރިޔަށް މިގެންދަނީވެސް. ދެން މާޅޮހުގެ ގޭގެއަށްވެސް ފުޅި ފުޅީގައި ބަނދުކުރާފެން ލިބެން ހުންނާނީ.”
އޭނާ ވިދާޅުވީ މިޕްރޮޖެކްޓަކީ ތިމާވެއްޓާ ރައްޓެހިގޮތަކަށް ހިންގޭ ޕްރޮޖެކްޓެއް ކަމަށްވާތީ، ފެން ބަންދުކުރާނީ 1.5ލިޓަރު އަދި 18 ލިޓަރުގެ ބިއްލޫރި ފުޅީގައިކަމަށާ، ޕްލާސްޓިކް ފުޅިއަށް މާޅޮހުން ނޫނެކޭ ބުނާނެކަމަށެވެ.
“މިދެސައިޒް ގެނެސްފައި އެހުރީ މަސައްކަތް ފަށައިގަތުމަށްޓަކައި، ދެން ފުޅި ރިސައިކަލް ކުރެވޭގޮތަށް ރެޑީވެފައި އެހުރީ” ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ފެން ޕްލާންޓެއް ބަހައްޓައި ރައްޔިތުންނަށް ބޭނުންވާ ފެން ހޯދާދިނުމަށް މާސް އާއި ކައުންސިލް ގުޅިގެން ފެށި މިމަސައްކަތް މިހާބޮޑަށް ފުޅާވީ ސޮނެވާފުށިން މިކަމަށް ޝައުގުވެރިވެ، ޕްރޮޖެކްޓަށް ފަންޑުކުރުމުންކަމަށާ، އެކަމަށްޓަކައި ސޮނެވާފުށީގެ މެނޭޖްމަންޓަށް ޝުކުރު އަދާކުރާކަމަށެވެ.
“ޔޫއެންޑިޕީން ދިނީ މިލިޔަނެއްހާ ރުފިޔާގެ އެހީ. އެފައިސާއިން ޕްލާންޓް ގާއިމްކުރީ، ސޮނެވާފުއްޓަށް ހުށައެޅި ހުށައެޅުމަކާއެކު، އެރިސޯޓުން 35000 ޑޮލަރު އިންވެސްޓް ކުރަން ނިންމީ. އެހިސާބުން ފެންބަންދު ކޮޮށް ވިއްކުމާ ހަމަޔަށް އަންނަންޖެހުނީ”
ޝުޖާއު ވިދާޅުވީ ގާތްގަޑަކަށް 1.5 މިލިޔަން ރުފިޔާ ހަރަދުކުރެވުނު މިމަޝްރޫއުގެދަށުން ރަށުގެ 4 ސަރަހަައްދެއްގައި ރައްޔިތުންނަށް ހިލޭ ފެންދޫކުރާ އިސްކުރު ބަރިތަކެއްވެސް ހުންނާނެކަމަށާ، ވިއްކާ ފެނާ އެތަނުން ދޫކުރާ ފެނުގެވެސް ކޮލިޓީއަށް ތަފާތެއް ނާންނާނެކަމަށެވެ.
އޭނާ ވިދާޅުވީ މިޕްރޮޖެކްޓް އިތުރަށް ފުޅާކޮށް ރިސޯޓްތަކަށް ފެން ވިއްކުމުގެ ވިސްނުން އެބައޮތްކަމަށާ، އެކަމާމެދު ގޮތެއް ނިންމާނީ، ރިސޯޓްތަކާ މަޝްވަރާ ކުރުމަށްފަހުކަމަށެވެ.
މާޅޮހުގައި ޕްލާންޓް ފެން އުފައްދައި ފުޅީގައި ބަންދުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، އެރަށު ކައުންސިލުން މިދިޔަ 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ މާޅޮހުގެ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތައް ގެނެސްދީފައެވެ. އެގޮތުން މާޅޮހުގެ ކުނިކޮށި މެނޭޖްކޮށް ކާދުހެދުމާ، ގަސްކާނާ ވިއްކުމުގެ މަޝްރޫއަކީ މުޅިރާއްޖެއިން ބަލައިގަނެފައިވާ ނަމޫނާ މަސައްކަތެކެވެ.