އޭދަފުށީ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ކުރިޔަށްގެންދާ ސްޕޯޓްސް އެރީނާގެ ތިން ކޯޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
އޭދަފުށީ ކައުންސިލުން ބުނީ ތިން ކޯޓުގެ ތެރޭގައި ހަދަން ހަމަޖެހިފައިވަނީ ބަށި، ނެޓްބޯޅަ، ވޮލީ ކޯޓްކަމަށެވެ. ކައުންސިލް މެންބަރު މުހައްމަދު ރިޒާ ވިދާޅުވީ މިކޯޓްތައް ތަރައްޤީކުރެވޭނީ އެންމެ ޒަމާނީ ފެންވަރަށް ކަމަށާ، ކޯޓްތައް ހަދާ ނިމޭއިރު ވަސީލަތްތައް ގާއިމް ކުރެވިފައި ހުންނާނެކަމަށެވެ.
“ހަމައެންމެ ފެންވަރު ރަނގަޅުކޮށް މިހަދަނީ. ވަސީލަތްތަކޭ މިދެންނެވީ، ކުޅެން ބޭނުންވާާ ދާގަނޑު، ޕޮޓް އަދި އެހެނިހެން އައިޓަމްތައްވެސް ފުރިހަމަ ވެފައި ހުންނާނީ ނިމޭއިރު.”
ރިޒާ ވިދާޅުވީ ކޯޓްތަކާއި، ފުޓްބޯޅަ ދަނޑުގެ ފެންސް މަސައްކަތްތައް އަންނަ މަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރާކަމަށާ، އަމާޒަކީ އަންނަމަސް ނިމޭއިރު މިތަންތަން ކުޅިވަރު ކުޅޭ އާންމުންނަށް ހުޅުވާލުންކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުން މުޅިރާއްޖޭގައި ކުރިޔަށްގެންދާ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން އޭދަފުށީގައި 2015 ވަނައަހަރުވަނީ ފުޓްސަލް ދަނޑެއްވެސް އަޅާފައެވެ.