މިނިވަން ޗެންޕިއަންޝިޕްގައި އޭދަފުށި ބައިވެރިވުމާމެދު ސުވާލު އުފެދިއްޖެ

eydhafushi-footballa-team.jpg

އަންނަ މާޗްމަހު ފެށުމަށް ހަމަޖެހިފައިވާ މިނިވަން ޗެންޕިއަންޝިޕް މިއަހަރުގެ މުބާރާތުގައި އޭދަފުށީ ފުޓްބޯޅަ ޓީމު ބައިވެރިވުމާމެދު އޭދަފުށީ ކައުންސިލުން ސުވާލު އުފައްދައިފިއެވެ.

އޭދަފުށީ ކައުންސިލުން މިކަމާމެދު ސުވާލު އުފެއްދީ މުބާރާތުގައި ބައިވެރިވުމާ ބެހޭގޮތުން އެކައުންސިލްގެ މެމްބަރ މުހައްމަދު ރިޒާ އިއްޔެ އީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ. ރިޒާ ވިދާޅުވީ މިނިވަން ޗެންޕިއަންޝިޕަކީ ވަރަށްބޮޑު ހަރަދެއް ހިނގާކަމެއްކަމަށާ، މިއަހަރުގެ މުބާރާތުގައި ބައިވެރިވުމާމެދު އެއްޗެއްބުނަން ދަތިކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގެ ތަޖުރިބާއަށް ބަލާއިރު މިއަހަރު މުބާރާތުގައި ބައިވެރިވާން ކައުންސިލުން ނިންމާނެކަމާމެދުވެސް ޝައްކުއުފެދޭކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑަކަށް ހިޔެއް ނުވޭ މިހާރު ކައުންސިލްގައި ތިއްބެވި އެއްވެސް ބޭފުޅަކަށް އަތްމައްޗަށް ނަގަން ކެރިދާނެކަމަކަށް. މިބުނީ މުބާރާތުގައި ބައިވެރިވާން އަތްނަގަން ނުކެރޭނެކަމަށް. އަސްލުވާގޮތަކީ ފައިސާ ނެތީ. ހަރަދުކުރާނެ ފައިސާ ނެތި ކިހިނެއްތޯ އެއްބަސްވާނީ” ރިޒާ ވިދާޅުވިއެވެ.

ރިޒާ ވިދާޅުވީ ކައުންސިލުން ނިންމާގޮތެއް އަންނަ ހަފްތާތެރޭގައި އެނގޭނެކަމަށާ، ބައިވެރިވާން ކައުންސިލުން އެއްބަސްނުވިޔަސް އަމިއްލަގޮތުން ބަޔަކު އެދިއްޖެނަމަ އެފުރުސަތު އެބަޔަކަށް ދޭނެކަމަށެވެ.

“އެހެންނޫން އަމިއްލަގޮތުން މާދަމާ ބަޔަކު އައިސް އޭދަފުށީ ޓީމް ބައިވެރިކުރަން ހުށައަޅައިފިއްޔާ އަޅުގަނޑުމެން ދޫކޮށްލާނީ އެބަޔަކަށް”

ރިޒާ ވިދާޅުވީ ފާއިތުވި ދެއަހަރު މުބާރާތުގައި ކުޅެގެން އެފްއޭއެމުން ދޭންޖެހޭ ފައިސާވެސް އަދި ނުލިބިވާކަމަށާ، އެފައިސާ ނުލިބި އޮތުމަކީވެސް މުބާރާތަށް ޓީމު ފޮނުވަން ކައުންސިލުން ފަސްޖެހޭ ސަބަބެއްކަމަށެވެ.

“2015 ވަނައަހަރު އެބައޮތް ލައްކައެއްހާ ރުފިޔާ ނުލިބި. 2016 ވަނައަހަރު އެއްލައްކައަށްވުރެ ގިނަވާނެ. އެފްއޭއެމުން ކޮންމެ ހަފްތާއަކުވެސް ބުނޭ ޖަމާކުރާކަމަށް، އެކަމަކު އަދި ނުވޭ”

މިނިވަންކަމަށް 50 އހަރު ފުރުމާ ދިމާކޮށް 2015 ވަނައަހަރު މުޅީރާއްޖެއަށް ހުޅުވާލައިގެން ފެށި މިނިވަން ޗެންޕިއަންޝިޕްގެ ފުރަތަމަ މުބާރާތުގައި އޭދަފުށީ ޓީމްވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި މިދިޔަ އަހަރު މުބާރާތުގެ ޗެންޕިއަންކަން ހޯދީވެސް އޭދަފުށީ ފުޓްބޯޅަ ޓީމެވެ.

މިނިވަން ޗެންޕިއަންޝިޕް މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކަށް އެފްއޭއެމުން ހަމަޖައްސާފައިވަނީ މިމަހުގެ 29 ވަނަދުވަހެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top