ބ. މާޅޮހުން އެރަށުގެ އާންމުން ދިރިއުޅުމަށް ތިރީސްހަތަރު ބަންޑާރަ ގޯތި ދޫކޮށްފިއެވެ.
މާޅޮހު ކައުންސިލުން ބުނީ ގޯތި ބޭނުންވާ ފަރާތްތަކަށް މިއަހަރުގެ ތެރޭގައި ފުރުސަތު ހުޅުވާލުމުން ފަންސާހަށްވުރެ ގިނަ ފަރާތުން ގޯއްޗަށް އެދުނު ނަމަވެސް ޝަރުތު ފުރިހަމަވީ ތިރީސް ހަތަރުފަރާތަކުން ކަމުގައެވެ. މާޅޮހު ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ސައީދު ހުކުރު ދުވަހު ވިދާޅުވީ ޝަރުތު ފުރިހަމަވީ އެންމެންނަށް ހުކުރު ދުވަހު ގޯތި ހަވާލުކޮށް ކަންމުޑި އަޅާވެސް ނިމިފައިވާކަމަށެވެ.
” ތިރީސްހަތަރުގޯތި ކަންމުޑިއަޅާ ނިމިއްޖެ. ގޯތި ތައް މިހާރުއެވަނީ ވެރިފަރާތްތަކާ ހަވާލުކުރެވިފައި” ސައީދު ވިދާޅުވިއެވެ.

މާޅޮހު ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުހައްމަދު ސައީދު. ސައީދު ވިދާޅުވީ ރައްޔިތުން ހިތްހަމަޖެހުމަށް އިސްކަން ދޭކަމަށާ، ގޯއްޗަށްއެދޭ ޝަރުތު ފުރިހަމަވާ ކޮންމެ މީހަކަށްވެސް ލަސްނުކޮށް ގޯތިދޭނެކަމަށް / އީވީ ފައިލް ފޮޓޯ
ސައީދު ވިދާޅުވީ މިފަހަރު ދޫކުރި ގޯތިތަކުގެ ބޮޑުމިނަކީ ދެހާސް އަކަފޫޓްކަމަށާ، އަންނަ އަހަރުވެސް ގޯއްޗަށް އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށެވެ. އޭނާ ވިދާޅުވީ ބޭނުންވަނީ ރައްޔިތުން ހިތްހަމަޖެހިގެން ދިރިއުޅުމަށް މަގުފަހި ކޮށްދިނުންކަމަށެވެ.
“ކިހިނެއްތޯ މީހަކާ އިނދެގެން މަންމަގާތުގައި، ބައްޕަގާތުގައި އަބަދު އުޅޭނީ. އުފަލާ ހިތްހަމަޖެހުމާއެކު އުޅެވޭނީ އަމިއްލަ ދިރިއުޅުމެއް އުޅެވޭނޭގޮތް ހަމަޖައްސައިދީގެން. އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދޭން. އަދި އަންނަ އަހަރުވެސް ގޯތި ދޫކުރާނަން” ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ޝަރުތު ފުރިހަމަވެފައިވާ ކޮންމެ މީހަކަށްވެސް ލަސްނުކޮށް ގޯތިދޫކުރާނެކަމަށެވެ.
688 މީހުންގެ އާބާދީއެއް ހިމެނޭ މާޅޮހުގައި މިފަހަރު ދޫކުރި ގޯތިތަކާއެކު މީހުން ދިރިއުޅުމަށް ސަތޭކަ ފަންސާހަށްވުރެ ގިނަ ގޯތި ދޫކުރެވިފައިވާކަމަށް ކައުންސިލުން ބުނެއެވެ. ސައީދު ވިދާޅުވީ އަދި 150 ގޯތި ދޫކުރެވޭހާ ޖާގަ އެރަށުގައި އެބައޮތްކަމަށެވެ.