
ކަރަންޓް ކެނޑުމުގެ މައްސަލަ ބޮޑުވެގެން ފުޅަދޫ ބަޔަކު މިދިޔަމަހު އެރަށުގައި މުޒާހަރާކުރަނީ. ފުޅަދޫގެ އިތުރުން ފެހެންދުއާ، ކުޑަރިކިލުގައިވެސް ވަނީ އާޖަނަރޭޓަރުތަކެއް ބަހައްޓާފައި / ފޮޓޯ: ފޭސްބުކް
24 ގަޑިއިރު ކަރަންޓް ޔަގީންކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަނުން ކުރިޔަށްގެންދާ ޕްރޮޤްރާމްގެ ދަށުން ބ. އަތޮޅު 3 ރަށްކަމުގައިވާ ފުޅަދޫ، ކުޑަރިކިލު އަދި ފެހެންދޫގައި އާޖަނަރޭޓަރުތަކެއް ބަހައްޓައިފިއެވެ.
މިޕްރޮޖެކްޓްގެ ދަށުން މިދިޔަ ހަފްތާ ފުޅަދޫގައި ބަހައްޓައި ހިންގަން ފަށާފައިވަނީ 80 ކިލޯވޮޓްގެ ޖަނަރޭޓަރެއްކަމަށް އެރަށު ކައުންސިލުން ބުނެއެވެ. 300 އެއްހާ މީހުން ދިރިއުޅޭ ފުޅަދޫ ކައުންސިލުން ބުނީ މިޖަނަރޭޓަރު ބެހެއްޓުމާ ގުޅިގެން ކުރިން ދިމާވަމުން އައި ކަރަންޓް ކެނޑުމުގެ މައްސަލަތައް މިހާރު ހައްލުވެފައިވާކަމަށެވެ.
“ކުރިން ދުވާލަކު ހަތަރު ފަސްފަހަރަކު ކަރަންޓް ދާނެ އާންމުކޮށް. މިހާރު އެކަން ހުއްޓިއްޖެ. އަނެއްކާ އިތުރު ޖަނަރޭޓަރެއް ވަރަށް އަވަހަށް ލިބޭނެކަމަށް ވަނީ” ކައުންސިލުން ވާހަކަދެއްކި އޮފިޝަލަކު އީވީއަށް ވިދާޅުވިއެވެ.
200 އަށްވުރެ ގިނަމީހުންގެ އާބާދީއެއް އޮންނަ ފެހެންދޫގައި ބަހައްޓާފައިވަނީ 50 ކިލޯވޮޓްގެ ޖަނަރޭޓަރެއްކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އެއިދާރާއިން ބުނީ ޖަނަރޭޓަރު މިހާރު އިންސްޓޯލްކޮށް ރަށަށް ކަރަންޓް ދޭން ފަށާފައިވާކަމަށާ، އަދި ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމަށް ބޭނުންވާ ސާމާނުވެސް އެރަށަށް ގެނެސް ވަޅުލުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
ކުޑަރިކިލު ކައުންސިލް އިދާރާއިން ބުނީ އެރަށުގައި 100 ކިލޯވޮޓްގެ ޖަނަރޭޓަރެއް މިދިޔަ ބުރާސްފަތިދުވަހު އިންސްޓޯލްކޮށް ރަށަށް ކަރަންޓް ދޭން ފަށާފައިވާކަމަށާ، މިއީ ރައްޔިތުންނަށް ފެނަކަ ކޯޕަރޭޝަނުން ކޮށްދެއްވި ވަރަށްބޮޑު ފަސޭހައެއްކަމަށެވެ. އެރަށު ކައުންސިލް މެމްބަރަކު ވިދާޅުވީ ކަރަންޓް ބޭނުންކުރާ ނިސްބަތް އިތުރުވަމުންދާގޮތުން މިސައިޒުގެ އިތުރު ޖަނަރޭޓަރެއް އެރަށަށް ބޭނުންވާނޭކަން ފެނަކައިގައި ދަންނަވާނެކަމަށެވެ.
ބ. އަތޮޅުގެ މި 3 ރަށުގައި އާޖަނަރޭޓަރުތައް ބެހެއްޓިއިރު ފެނަކައިން މިދިޔަމަހުވަނީ ރާއްޖޭގެ ބައެއް ރަށްރަށުގެ ކަރަންޓްގެ ހާލަތު ރަގަޅު ކުރުމަށްޓަކައި 77 ޖަނަރޭޓަރު ގަތުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައެވެ. ފެނަކައިގެ އޮފިޝަލަކު ނަންނުޖާގޮތަށް ވިދާޅުވީ މިޖަނަރޭޓަތަކުގެ ތެރެއިންވެސް 3 ނުވަތަ 4 ޖަނަރޭޓަރު ބ. އަތޮޅުގެ ރަށްރަށުގެ އިންޖީނުގެތަކަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.
ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގައިވެސް ފެނާ، ނަރުދަމާ އަދި ކަރަންޓްގެ ހިދްމަތް ދިނުމަށް ހަވާލުވެފައިވަނީ ސަރުކާރުގެ ޔުޓިލިޓީ ކުންފުނި ފެނަކަ ކޯޕަރޭޝަނާއެވެ.