ކިހާދުގެ ތަރައްގީއާއި ކުރިއެރުުވުމުގެ މަގްސަދުގައި އުފައްދާފައިވާ ޖަމިއްޔާ ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް) ގެ އަހަރީ އާއްމު ޖަލްސާ ކުލަގަދަ ރަސްމިއްޔާތާއެކު ރޭ ބާއްވައިފިއެވެ. ކިހާދޫ ސްކޫލްގައި ބޭއްވި މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ކިހާދޫގެ އުފަން ދަރިއެއް ކަމުގައިވާ ސިވިލްކޯޓްގެ ގާޒީ ، އަލީ ނަސީރުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލީ ނަސީރު ވިދާޅުވީ ރަށެއް ކުރިއެރުވުމަށް ހަމައެކަނި ސަރުކާރަށް ބަރޯސާ ވުމުގެ ބަދަލުގައި ރައްޔިތުންގެ ބައިވެރިވުން ވެސް މުހިއްމު ކަމަށާއި ތަރައްގީ ހާސިލުކުރެވޭނީ އެރަށެއްގެ ރައްޔިތުންގެ މަސައްކަތުންކަމުގައެވެ. ސަރުކާރުން ރަށްރަށް ތަރައްގީ ކޮށްދޭނެކަމަށް ކުޅިބަލަން ތިބެގެން ރަށް ރަށް ތަރައްގީ ނުވާނެކަމަށާއި، ރައްޔިތުންގެ ބައިވެރިވުުމާއި އެއްބާރު ލުމާ ނުލައި ތަރައްގީ އެއް ނާންނާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
މިޖަލްސާގައި “ކިޑްސް “ގެ ވެބްސައިޓް އިފްތިތާހުކޮށްދެއްވުމާއި ޖަމިއްޔާގެ ވޯކިންގ ޓީޝާޓްވެސް ތައާރަފްކުރުން އޮތެވެ. ވެބްސައިޓް އިފްތިތާހު ކޮށްދެއްވީ ޝަރަފްވެރި މެހްމާން އަލީ ނަސީރުއެވެ.
މި ޖަލްސާގައި ކިޑްސްގެ ރައީސް އިބްރާހީމް ވަސީމްގެ ގެ ވާހަކަ ބިނާކުރެއްވީ ވޭތުވެދިޔަ އަހަރު ޖަމިއްޔާ ހިނގި ގޮތާ ބެހޭ ގޮތުންނާއި ޖަމިއްޔާގެ މަގްސަދުތައް ހާސިލުކުރުމުގެ ގޮތުން ކުރެވުނު މަސައްކަތްތަކާ ބެހޭ ގޮތުންނެވެ.
ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ އުފެއްދިފަހުން އަދި މިވީ އެއް އަހަރު ދުވަހެވެ.