ސޮނެވާ އިން މާފަރުގައި ކޮވިޑް ޓެސްޓް ކުރެވޭ ލެބޯޓްރީއެއް ހަދަނީ.

މާފަރު-810x470.jpg

މާފަަރު އެއާޕޯޓް--ފޮޓޯ : ހަފްތާ

ރާއްޖޭގައި ލަގްޒަރީ ރިސޯޓުތައް ހިންގައި ތަރައްގީ ކުރަމުން އަންނަ މަޝްހޫރު ސޮނެވާ ގްރޫޕްގެ ފަރާތުން ނ.މާފަރު އެއާޕޯޓުގައި ކޮވިޑް ޓެސްޓްކުރެވޭ ލެބޯޓްރީއެއް ގާއިމް ކުރުމުގެ މަސައްކަތް މިމަހުގެ 25 ވަނަ ދުވަހަށް ނިމޭނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެ އެވެ.

އައިލެންޑް އޭވިއޭޝަން އިން ހިންގާ މާފަރު އެއާޕޯޓަކީ ކޮވިޑް 19 އަށްފަހު އަންނަ މަހު ރާއްޖެ އަލުން ހުޅުވާލާއިރު އިންޓަނޭޝަނަލް ދަތުރުތައް ފަށަން ތައްޔާރުވާ އެއް އެއާޕޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީއަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ކުރިން ވިދާޅުވި ގޮތުގައި، ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުން ޓެސްޓުކުރުމަށް މާފަރު އެއާޕޯޓުގައި ހަދާ ޕީސީއާރު ލެބަކީ ސޮނެވާ ގުރޫޕުގެ ހަރަދުގައި ހަދައިދޭ ތަނެކެވެ.

ސޮނެވާގެ ހަރަދުގައި ހަދާ އެ ލެބަށް ބޭނުންވާ ޕީސީއާރު މެޝިނާއި އެއްޗެހި ހޯދުމާއި ޓެކްނިކަލް ކޮންސަލްޓެންޓް ދިނުމަށް ހަވާލުކޮށްފައިވަނީ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންއަށެވެ. އަދި އެ މަސައްކަތް ހަވާލުކުރިތާ ތިން ހަފުތާ ތެރޭގައި ލެބަށް ބޭނުންވާ ޕީސީއާރު މެޝިން އޭޑީކޭ ޓްރޭޑުން މިއަދު ވަނީ ރާއްޖެ ގެނެސްފައެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލު “ވަން” އަށް ވިދާޅުވީ، މާފަރު އެއާޕޯޓަށް ރާއްޖެ ގެނައި ޕީސީއާރު މެޝިނަކީ މިހާރު އޭޑީކޭގައި ހުރި ވައްތަރުގެ މެޝިނެއް ކަމަށެވެ. އަދި އެ މެޝިނުން ވެސް ދުވާލަކަށް 500 ކޮވިޑް ޓެސްޓު ހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަފްއާލު އިތުރަށް ވިދާޅުވީ، މާފަރުގައި ހަދާ ލެބް ތައްޔާރުކޮށް ނިމުނުހާ އަވަހަކަށް އެތަނުގައި އޭޑީކޭ ޓްރޭޑުން ގެނައި މެޝިންތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެތަނަށް ބޭނުންވާ މީހުން ތަމްރީނުކުރުމުގެ ކަންކަމުގައި އޭޑީކޭ ހޮސްޕިޓަލުގެ ދައުރެއް އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ލެބް ހިންގާނެ ފަރާތެއް އަދި ނިންމާފައިނުވާ ކަމަށް އަފްއާލު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top