އަލަށް އިމާރާތް ކުރަމުންދާ 12 ކްލާސްރޫމްގެ ހަތަރުބުރީގެ އިމާރާތް ނުނިމޭތީ، 2017ވަނަ އަހަރު ދިރާސީ އަހަރުފެށޭއިރު ސްކޫލްގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުނުކުރެވޭނެކަމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނެފިއެވެ.
އެމަރުކަޒުން ކުރިން ބުނަމުން އައީ އާއިމާރާތް މިއަހަރު ނިންމުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވޭކަމަށާ، އުއްމީދަކީ އިމާރާތް ނިމި ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު، އެއްދަންފަޅިއަށް ކިޔެވުން ބަދަލުކުރުންކަމުގައެވެ. ނަމަވެސް އީވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސް އޮފިޝަލް ވިދާޅުވީ އުއްމީދުކުރި ވަރަށް އިމާރާތުގެ މަސައްކަތް ކުރިޔަށް ނުދިޔަ ކަމަށާ، އިމާރާތް ނިމޭނީ ފުރަތަމަ ސެމިސްޓާގެ ތެރޭގައި ކަމަށް ލަފާކުރެވޭކަމުގައެވެ.
“ފުރަތަމަ މަސައްކަތް ފެށިގެން ކުރިޔަށް ދިޔައިރު ހީވި ނޮވެމްބަރމަހު ނިމޭނޭ. ކޮންޓްރެކްޓަރވެސް އެގޮތަށް މަސައްކަތް ކުރީ. އެކަމަކު މިދިޔަ 2 މަހެއްހާދުވަހު އެކި ސަބަބުތަކާހުރެ އިމާރާތުގެ މަސައްކަތް ވަރަށް ބޮޑަށް މަޑުޖެހުނީ. އެހެންނުވިނަމަ ޔަގީން މިހާރު ހުންނާނީ ނިމިފައި. އެހެންނަމަވެސް ކީއްތޯ ކުރާނީ. ދެން ހީވަނީ ފުރަތަމަ ސެމިސްޓާގެ ތެރޭގައި ނިމޭނެހެން. ހިނގާ ބަލާމާ”
އޮފިޝަލް ވިދާޅުވީ ދިރާސީ އަހަރު ފެށޭއިރު އެއްދަންފަޅިއަށް ބަދަލުނުކުރެވުނު ނަމަވެސް 2 ވަނަ ސެމިސްޓަރ އިން ފެށިގެން އެއްދަންފަޅިއަށް ބަދަލުކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމުގައެވެ.
މިދިޔަ ޖެނުއަރީމަހު މާރިސް ކޮންސްޓްރަކްޝަނާ ހަވާލުކޮށް ކުރިޔަށްގެންދާ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 12 ކްލާސްރޫމްގެ އާއިމާރާތުގެ މަސައްކަތަކީ ވޯލްޑްބޭންކާއި ދިވެހިސަރުކާރާއި ގުޅިގެން ހިންގާ “އެންހޭންސް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް” ގެ ދަށުން އިމާރާތްކުރެވޭ ތަނެކެވެ. މިއިމާރާތް އެޅުމަށް 9.3 މިލިޔަން ރުފިޔާ ޚަރަދުވާނޭކަމަށް ޖެނުއަރީމަހު އެޑިއުކޭޝަނުން ބުނެފައިވެއެވެ.
1978 ވަނައަހަރުން ފެށިގެން ތައުލީމް ދެމުންއަންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ވޭތުވެދިޔަ އަހަރު 800 އަށްވުރެ ގިނަކުދިން ތައުލީމް ހާސިލް ހާސިލްކުރިއެވެ.