ބ.ފެހެންދޫއަކީ އާބާދީގެ ގޮތުން ބަލާއިރު އަަތޮޅުގެ އެންމެ ކުޑަރަށަށް ވިޔަސް އުފާވެރި މުޖްތަމައެއް އޮތް ރަށެކެވެ. އަސާސީ ބައެއް ޚިދުމަތްތަކުން މަހުރޫމުވެ ދިރިއުޅެން ޖެހިފައިވިޔަސް އެމީހުންގެ ޝަކުވާއެއް ނެތެެވެ. ފަހަރުގައި އެޝަކުވާތައް އަޑުއަހާނެމީހަކު ނެތުމުން ކަމަށްވެސް ވެދާނެއެވެ.
މި އުފާވެރި މުޖްތަމައަށް ޒިޔާރަތްކުރާ މީހުންނަށް އެރަށު މުސްތަފާބެއަކީ އާނަމަކަށް ނުވާނެއެވެ. އެރަށުގެ ކުޑަ އެކަމަކު ބޮޑު މީހާއެވެ. ރަށަށް އެރުމާއެކު ފުރަތަމަވެސް ބައްދަލުކުރަންޖެހޭނީ އޭނާއަށެވެ. އެއީ ފިނި ދަޅެއް ފަދަ އެއްޗަކަށް އިންސާފުކޮށްލަން ކަމަށްވިޔަސް ނޫނީ ފެންވަރާ ރީތިވެލަން ބޭނުންވާ އެއްޗެއް ހޯދަންކަމަށް ވިޔަސް ދާންޖެހޭނީ އޭނާ ގާތަށެވެ. އެހެންގޮތެއް ނެތެވެ. ކުޑަ އެކަމަކު ބޮޑުމީހާއަށް ވަނީ އެހެންވީމައެވެ. އެރަށުގައި ހުރި ހަމައެކަނި ފިހާރައިގެ ވެރިއަކީ އޭނާ ކަމަށް ވާތީއެވެ. ފިހާރަ ބަންދު ކޮށްފައި ހުއްޓަސް އޭނާ ހުރި ތަނަކުން ހޯދައިގެން ނޫންގޮތަކަށް އެއްވެސް އެއްޗެއް ލިބެން ނޯންނާތީއެވެ.
ދާދި ފަހުން އެރަށުގައި އެހެން ފިހާރައެއް ހުޅުވައިފިއެވެ. އެކަމަކު މިވޭތުވެދިޔަ ގިނަ އަހަރުތަކުގައި ފެހެންދޫގެ ރިމޯޓް އޭނާ އަތުލާފައިވަނީ އެންމެ ފިހާރައެއް ހުރުމާއެކު އޭނާގެ ބާރު ކާއެއްޗެތިން ފެށިގެން ގެދޮރަށް ބޭނުންވާ އެންމެ އަސާސީ އެއްޗެއްސާ ޒުވާނުން ބޭނުންވާ އެނަރޖީ ޑްރިންކާއި ސިގިރެޓް ފަދަތަކެއްޗަށް ވެސް އޭނާގެ ބާރު ފޯރުވާފައިވާތީކަމަށް ފެހެންދޫ ޒުވާނަކު ބުންޏެވެ.
ފެހެންދުއަށް ފޭބުމަށްފަހު އަޅުގަނޑުމެންވެސް ކުރިމަތިލާންޖެހުނީ މި ހަގީގަތާއެވެ.
އެފިހާރައިގާ އާއްމުކޮށްބޭނުން ކުރާ ހުރިހާ އެއްޗެއްވެސް އެބަހުއްޓެވެ. އެހެންނަމަވެސް ތަރުކާރީގެ ތެރެއިން ލީީކްސް އާ ކެޕްސިކަމް އާއި ކެއްކުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން ބަޓަރާ ނެސްލޭކްރީމް ފަދަ ތަންކޮޅެއް މަތީ ފެންވަރުގެ އެއްޗެތި ރަށުގެ އާބާދީއަށް ވުރެ ގިނަކަން ފާހަގަކުރެވުނެވެ.
މުސްތަފާ ބުނީ އެތަކެތިވެސް އޮންނަނީ ބޭނުންވާ ވަރަށް ނުގެނެވިފައި ކަމުގައެވެ. “ވާގޮތަކީ މިރަށުގައި ލޯކަލް ޓޫރިޒަމް ތައާރަފްވެ ގެސްޓްހައުސްތައް ފުލްވެފާ ވާއިރު އެމީހުންގެ ކެއުމަށް ބޭނުންވާ އެފަދަތަކެތި ސަޕްލައިކޮށްދެނީ އަހަރެން. އެހެންވީމާ އަބަދުވެސް ބަލަން ދަތިނުވެ ތިޔަކަހަލަ އެއްޗެތިވެސް ގެނެސްފައި ބެހެއްޓޭތޯ.” އޭނާ ބުންޏެވެ.
ފިހާރަ ހިންގާތާ މިހާރު 30 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާކަން ފާހަގަކުރަމުން އޭނާ ބުނީ ވިޔަފާރި ރަނގަޅުކަމަށާއި މައްސަލައަކީ ބޭނުންވާ ވަރަށް މުދާ ނުގެނެވުން ކަމުގައެވެ. އެހެން އެކަން ދިމާވާ ސަބަބުތަކުގެތެރއިން އެއްކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރީ ލޭންދޭން ގެ މައްސަލައެވެ.
“ބައެއް މީހުން އެބަހުރި ހަހާސްރުފިޔާ، އަށްހާސް ރުފިޔާ، މިހެން ގޮސް ތޭވީސް ހާހާ ހަމައަށްވެސް ލޭންދޭނަށް ތަކެތިނަގާފަ. އެކަމަކު އެތަނުން ބައެއް މީހުންނަކީ ވަރަށް ގާތް މީހުންކަމަށްވާތީ އެފައިސާ ހޯދޭނެ ގޮތެއްްވެސް ނެތް. ” ކަންބޮޑުވުން ފާޅުކުރަމުން މުސްތޮފާ ބުންޏެވެ.
މުސްތަފާ ބުނީ ވިޔަފާރިއަށް އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ ލަފާފުރުމުގެ ދަތިކަންކަމުގައެވެ.
“ވާގޮތަކީ ގޮއިދޫ ފެރީން އާއްމު ކޮށް މާލެއިން މުދާ މި ގެންނަނީ. އަނެއްކާ ގޮއިދުއަށް އިތުރު ދަތުރެއްކޮށްގެން އަދި ފިހާރައާ ހަމައަށް މުދާ މި ގެނެވެނީ. އެހެންވީމާ އިތުރު ޚަރަދުތަކެއް ކުރަން ޖެހުމުން މުދަލުގެ އަގަށް ވެސް އެބަދަލު އަންނާނެތާ !” މުދަލުގެ އަގު ބޮޑުވެދާނެ ސަބަބެއް ފާހަގަކުރަމުން އޭނާ ބުންޏެވެ.
މުސްތަފާ ބުނީ އެކި މީހުން ރަށާއި ގައުމަށް ޚިދުމަތްކުރާނީ އެކި ގޮތަށް ކަމަށާއި އުމުރުން މިހާރު ހަތްދިހައާއި ގާތްކުރާއިރު މި ރަށަށް ޒިޔާރަތްކުރާ ގިނަ މީހުންނަށް އޭނާގެ ޚިދުމަތް ކޮންމެވެސް ސިފައެއްގައި ދެވިފައި ހުންނާނެ ކަމުގައެވެ.
“ވަރަށް ފަހުން ދިވެހިބަހުގެ އެކަޑެމީގެ ޓީމެއް މިރަށަށްއައިސް އަޅުގަނޑާ ބައްދަލުކުރި. އެބޭފުޅުން އެދިވަޑައިގަތީ ނައިބު ތުއްތުއާ ބެހޭ މައުލޫމާތެއް އޮތްނަމަ ދިނުމަށް. އަޅުގަނޑަށް އެނގި ހުރި އެއް ޗެއް ބުނެދިނިން.” ( ދިވެހި އަދަބިއްޔާތަށް ގިނަ ޚިދުމަތެއް ކުރައްވާފައިވާ ނައިބު ތުއްތު އަރުވާލައްވާފައި ހުރީ ފެހެންދޫއަށެވެ.)
މުސްތޮފާ ކުރަނީ ހަމައެކަނި މި ފިހާރައިގެ މަސައްކަތެއް ނޫނެވެ. އޭނާއަކީ އެރަށާ އެއްފަޅެއްގައި އޮތް ގޮއިދޫއާ ދެމެދު މީހުންނާއި ތަކެތި އުފުލުމުގެ ޚިދުމަތްވެސް ދޭމީހެކެވެ. އޭނާގެ މި ޚިދުމަތަށް ފެނަކަ ބ.އަތޮޅު ބްރާންޗުންވެސް ބައްއްފަހަރު އެދެން ޖެހެއެވެ.
ފެނަކައިގެ ބ. އަތޮޅު ބްރާންޗްގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ބައެއް ފަހަރު ފެހެންދޫ އިންޖީނުގެއަށް ބޭނުންވާ ޑީސަލް އުފުލުމުގައި މުސްތޮފާގެ އެހީތެރިކަމަށް އެދެންޖެހޭކަމަށާއި އެކަން އޭނާ ވަރަށް ރަނގަޅަށް ކޮށްދޭކަމުގައެވެ.
ހަތްދިހަ އަހަރާ އުމުރު އައިސް ބައްދަލުކުރާއިރު އަދިވެސް ފެހެންދޫ ރައްޔިތުންގެ “މުސްތޮފާބެ” ފެންނަނީ އުމުރަށް ވުރެ މާ ޒުވާންކޮށެވެ. އޭގެ ސިއްރަކީ ހެލިފެލިވެ އުޅުން ގިނަކޮށް މުރާލި ދިރިއުޅުމެއް އުޅޭތީ ކަމުގައި އޭނާ ބުންޏެވެ.
މުސްތޮފާ ބުނީ ދުވާލާއި ރޭގަނޑުވެސް ކޮންމެވެސް މަސައްކަތެއްގައި އުޅުމަކީ އޭނާއަސް ލިބޭ އުފަލެއް ކަމުގައެވެ. އެހެން ކަމެއް ނެތިއްޔާ ރަށު ކޮޅަށްގޮސް މޫދަށް ނަނު އެއްލައިގެން ހުރުމަކީވެސް ވަރަށް ކުރާހިއްވާ ކަމެއްކަމުގައެވެ.
މުސްތޮފާގެ އުއްމީދަކީ ރަށުގެ އެހެން ރައްޔިތުންވެސް އެންމެ ބޮޑު އުއްމީދެވެ. އެރަށް ދެކެ ލޯބިވާ އެންމެންގެ ވެސް އުއްމީދެވެ.ވެ. ލަފާ ފުރުމުގެ ދަތިކަމަށް ހައްލެއް ލިބުމެވެ. އެއީ އެރަށުގެ ރައްޔިތުންނަށް ކުރެވޭ ވަރަށް ވުރެ ބޮޑު ބުރަމަސައްކަތެކެވެ. އެމީހުންގެ ހުރިހާއުއްމީދެއް ގުޅިފައި ހުރީ ސަރުކާރުން ރައްޔިތުންގެ މިއަޑުއަހައި އެކަމަށް ހައްލެއް ލިބޭނެ ދުވަހަށެވެ.