ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ ރެޑްވޭވް ކުންފުނިން 50 މިލިއަން ރުފިޔާ އިންވެސްޓްކޮށްގެން ހުޅުމާލޭގައި ހިންގަމުން އަންނަ ސުޕަރމާކެޓް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އަތުލާނެކަމުގެ އިންޒާރު ދީފައިވަނީ “ބަހަނާއެއް ދައްކާފައި އަޅުގަނޑުމެންގެ އަތުން އެތަން އަތުލަން ” ކަމުގައި އެމްޕީ ސަލީމު ވިދާޅުވެއްޖެއެވެ.
ސަލީމު “މިހާރު ” އަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވީ އޭނާގެ ކުންފުނިން ހުޅުމާލޭގައި ހެދި ފިހާރަ އާއެކު ހުޅުވަން ނިންމާފައިވާ ކެފޭއާއި ގުދަން މި މަހުގެ ނުވަވަނަ ދުވަހުގެ ކުރިން ނުހުޅުވައިފިނަމަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެތަން އަތުލާނެކަމުގެ ނޯޓިސް ލިބިފައިވާ ކަމުގައެވެ.
“އެ ފިހާރަ ކުއްޔަށް ހިފަން ހެދި އެގްރިމަންޓް ބުނާ ގޮތުން ކެފޭ ހުޅުވަން ޖެހެނީ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން. އެކަމަކު މިހާރު ނޯޓިސް ފޮނުވާފައި އޮތީ މި މަހުގެ ނުވައެއްގެ ކުރިން ހުޅުވަން. އަޅުގަނޑުމެން މިހާރު މިދަނީ ކެފޭ އެ ދުވަހުގެ ކުރިން ހުޅުވަން މަސައްކަތްކުރަމުން،” އޭނާ ވިދާޅުވި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ ހުޅުމާލޭގައި ރެޑްވޭވް އަށް ފިހާރައާއެކު ކެފޭއެއް ހުޅުވަން ދިން މުއްދަތު އޮތީ މިދިޔަ ޖޫން 16ގައި ހަމަވެފައި ކަމަށާއި އެ މުއްދަތުގައި ކެފޭ ނުހުޅުވޭތީ އެކުންފުނިން ސިޓީއަކުން ތިން މަސްދުވަސް އިތުރުކުރުމަށް އެދުމުން ދެމަސް ދުވަސް އިތުރަށް ދީފައިވާނޭ ކަމުގައެވެ. އެހެންނަމަވެސް އެކުންފުންޏަށް ދީފައިވާ މުއްދަތު މިމަހު 9ގައި ހަމަވާނެކަމުން ދީފައިވާ މުއްދަތުގައި ކެފޭ ނުހުޅުވައިފނަމަ އެއްބަސްވުމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނޭ ކަމުގައެވެ.
އެކަމަކު އެޗްޑީސީން ފޮނުވި އެ ސިޓީގައިވާ ގޮތުން ދެ މަސް ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ. ނަމަވެސް އެ ސިޓީގަައި ބުނެފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހުގެ ކުރިން އެ ކެފޭ ހުޅުވަން ޖެހޭނެ ކަމަށެވެ. އަދި އެންމެ ފަހުން އިއްޔެ ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ މުއްދަތުގެ ކުރިން ކެފޭ ނުހުޅުވައިފި ނަމަ ފިހާރަ އާއި ގުދަނުގެ އެއްބަސްވުން ވެސް ބާތިލުކުރާނެ ކަމަށެވެ.
ޕީޕީއެމް ދަބަޔަކަށް ބެހި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުގައި ސަލީމް މަސައްކަތް ކުރައްވަން ފެށުމުން ސަލީމް ވިދާޅުވީ ގެދޮރާއި މުޅި މުދާ އެއްކޮށް ސަރުކާރަށް ނެގިޔަސް އިސްލާހަށް ކުރާ މަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމަށެވެ.
“އަޅުގަނޑު އެތަން މި ހިންގަނީ މާލެ އަށްވުރެ ހެޔޮ އަގުގައި އެތަނުގައި ދިރިއުޅޭ މީހުންނަށް ތަކެތި ވިއްކަން ވަރަށް ބޮޑު ހޭދައެއްކޮށްގެން. އެހެން ހިންގަނިކޮށް އެއްބަސްވުމާ ހިލާފު ނުވަނީސް މި އިންޒާރުދިނީ އެތައް ހާސް ރައްޔިތުންނަށް އަނިޔާވެރިވުމަށް،” އޭނާ ވިދާޅުވި އެވެ.
ރެޑްވޭވުން 15 އަހަރަށް ކުއްޔަށް ހިފައިގެން ހިންގާ ފިހާރައިގެ ފުރަތަމަ ފަސް އަހަރު ކުލީގެ ގޮތުގައި 230،000ރ. މަހަކު ދައްކަން ޖެހެ އެވެ.
ސަލީމް ވިދާޅުވީ އެތަނަށް ދައްކަން ޖެހޭ ކުލި ވެސް ބަރާބަރަށް ދައްކަމުން ދާކަމަށާއި މިހާތަނަށް ދައްކަން ޖެހޭ ފައިސާއެއް ނޯންނާނެކަމުގައެވެ.