އޭދަފުށީގެ މަގުހެދުމުގެ މަސައްކަތް އަންނަ މާޗް މަހު ނިމޭނެ – އެމްއާރްޑީސީ

DSCN0616.jpg

އޭދަފުށިގެ ބޮޑެތި މަގުތަކުގައި ތާރު އަލައިގެން ހެދުމުގެ އަމަލީމަސައްކަތް ފަށާފައިވަނީ އޮކްޓޯބަރ 30ގައި .

އޭދަފުށްޓާއެކު މަގު ހެދުމުގެ މަސައްކަތް ފަށާފައިވާ 10 ރަށުގެ މަސައްކަތްވެސް އަންނަ މާޗްމަހު މުޅިން ނިމޭނެކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ ) އިން ބުނެފިއެވެ.

އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ މިހާރު އެމްއާރްޑީސީގެ ފަރާތުން މަދުހެދުމުގެ މަސައްކަތް ކުރިއަށްގެންދާ 11 ރަށުގެ ތެރެއިން ގިނަ ރަށްރަށުގެ މަސައްކަތުގެ 95 އިން ސައްތަ ނިމިފައިވާކަމުގައެވެ.

އެމްޑީ މިހެން ވިދާޅުވިއިރު އޭދަފުށީގެ މަގުހެދުމުގެ މަސައްކަތް ވޭތުވި ސެޕްޓެމްބަރ 30ގައި ފެށުނު ތަނާހެން ވަނީ ހުއްޓިފައެވެ. ކުރެވިފައިވާ ހަމައެކަނި މަސައްކަތަކީ އުތުރުފަރާތު ބަނދަރުމަގުގައި ކާނުތައް ވަޅުލުމެވެ.

މަސައްކަތް ހުއްޓިފައިވާކަމުގެ އަޑުތައް ރަށު ތެރޭގައި ގަދަވެފައިވަނިކޮށް މިކަމާބެހޭގޮތުން މައުލޫމާތު ސާފުކޮށްލުމުން އޭރު (18އޮކްޓޯބަރ2016 ) އެމްއާރްޑީސީގެ އޭދަފުށީ ސައިޓްގެ މެނޭޖަރ އަހްމަދު ބަޝީރު ވިދާޅުވީ މަގުހެދުމުގެ މަސައްކަތް ނުހުއްޓޭ ކަމަށާއި މަސައްކަތް މެދުކެނޑިފައިވަނީ ކާނުތަކުގެ ސްޓޮކް ހުސްވެފައިވާތީއެވެ. އަންނަހަފްތާގައި ކާނުތަކާއެކު ކާނުތަކާގުޅާ ހޮޅިތައްވެސް އަންނާނެކަމަށް  އެމްއާރްޑީސިއިން ވިދާޅުވެފައިވާކަމަށް އެދުވަހު ބަޝީރު ވިދާލުވިއެވެ.

އެހެންނަމަވެސް އަދިވެސް ކާނުތަކާ އަދި އެއާއެކު އަންނާނެކަމަށް ވިދާޅުވި ހޮޅިތަކެއްވެސް ނާދެއެވެ.

ކަން މިހެން ހުރުމާއެކު އޭދަފުށިގެ މަގުތައް ކުރިއަށް އޮތް ހަތަރުމަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެމްޑީ ވިދާޅުވުމުން އޭދަފުށީގެ ގިނަބަޔަކު ދަނީ އެއީ އެމްޑީ. ކިހިނެއް ހިސާބު ޖައްސަވައިގެން ހެއްދެވި އަންދާސީ އެއް ކަމާމެދު ސުވާލު އުފައްދަމުންނެވެ.

މަގުހެދުމުގެ މަޝްރޫއުތައް މިހާރު ކުރިއަށްދާ ރަށްރަށަކީ އޭދަފުށީގެ އިތުރުން ހއ. ދިއްދޫ، ހދ.ކުޅުދުއްފުށި، ރ. މީދޫ، ރ. އުގޫފާރު، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ތ.ވިލުފުށި، ގއ. ވިލިގިލި، ގދ. ތިނަދޫ، ޏ. ފުވައްމުލަކެވެ.

އޭދަފުށީގެ ބޮޑެތި މަގުތައް ތާރުއަޅައިގެން ހެދުމުގެ މަޝްރޫއުގެ ދަށުން އޭދަފުށީގެ 15މަގު އެއް އަހަރުދުވަހުގެ ތެރޭގައި ހަދާ ނިންމާގޮތަށް ހައުސިން މިނިސްޓްރީއާއި އެކު އެމްއާރްޑީސީ ސޮއިކޮށްފައިވަނީ ޖޫން 2015 ގައެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top