ދަރަނި ނުދައްކައި ލަސްކުރުމަކީ، ދޭދޭ އަފުރާދުންގެ މެދުގައި އޮންނަ ލޯތްބާއި ކުލުނު ނެތިދާ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ,”ހަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރިން ދަރަނި އަދާކުރާށެވެ. “މިމައުޟޫއަށެވެ.
ޚުތުބާގައި ބުނެފައިވަނީ, ދަރަނި ދިނުމާއި ދަރަނި ނެގުމަކީ، އިސްލާމް ދީން ހުއްދަކުރާ ކަމެއް ނަމަވެސް ދަރަނި ނަގަން ވާނީ އެ ދަރަނި އަދާކުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި ދަރަނި ދޫކުރި ފަރާތަށް ގެއްލުމެއް ދިނުމުގެ ނިޔަތަކު ނޫން ކަމަށެވެ.
ދަރަނި އަދާކުރަން އަވަސްވެގަތުމަކީ، ދަރަނި ނެގި ފަރާތަށާއި، ދަރަނި ދޫކުރި ފަރާތަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. އަދި ބޮޑެތި ދަރަނިތައް ނަގާން ވާނީ، އެ ފަދަ ދަރަނި އަދާކުރާނެ ގޮތުގެ ހިކުމަތްތެރި ރޭވުމެއް އޮވެގެން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
“ކިތަންމެ ކުޑަ ދަރަންޏެއް ކަމުގައި ވިޔަސް، އަދާނުކުރެވި އޮއްވައި، ދުނިޔެ ދޫކޮށް ދާން ޖެހުމަކީ ނުރައްކާތެރިކަމެކެވެ. އެއީ ފާފަފުއްސެވުމަށް ހުރަސްއެޅިދާނެ ކަމެކެވެ،” ޚުތުބާގައި ބުނެފައި ވެއެވެ.
ދަރަނިވެރިޔާ ނިޔާވުމަށް ފަހު އޭނާގެ ދަރަނި އަދާކުރެވުމަށް ދާންދެން އޭނާގެ ފުރާނަވާހުށީ އެލުވިގެން ކަމަށާއި އިންސާނާ މަރުވުމަށް ފަހު އޭނާގެ ކިބުރުވެރިކަމާއި ޚިޔާނާތްތެރިކަމާއި ދަރަނީގެ ސަބަބުން ސުވަރުގެ ވަނުމަށް ހުރަސް އެޅިދާނެ ކަމަށްވެސް ޚުތުބާގައި ބުންޏެވެ.
ދަރަންޏެއް ނެގުމަށް ވުރެ، އައުލާކަން ބޮޑީ ލިބޭ އާމްދަނީއަކާ އެއްވަރަށް ޚަރަދުތައް ކުޑަކޮށް އިގްތިސާދު ކުރުން ކަމަށާއި ދަރަނި އަދާކުރުމުގެ ނިޔަތުގައި، ދަރަނި ނަގާ މީހުންނަށް ދަރަނި ދެއްކޭނެ ގޮތް، މާތް ﷲ މިންވަރުކޮށްދެއްވާނެ ކަމަށްވެސް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.