މިއަހަރުގެ ފުރަތަމަ ދިހަ މަސްދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެވްރެޖް އޮކިއުޕަންސީ ރޭޓް ހުރީ 55.3 އިންސައްތައިގައި ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެކޮމޮޑޭޝަން ޖާގަ ބޭނުންކުރެވުނު މިންވަރު ނުވަތަ އޮކިއުޕަންސީ ރޭޓް އެންމެ މަތީގައި ހުރީ ރިސޯޓުތަކުގައެވެ. އެގޮތުން ރިސޯޓުތަކުގެ އޮކިއުޕަންސީ ރޭޓް 64.7 އިންސައްތައިގައި ހުރިއިރު، ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ 40.3 އިންސައްތައިގައެވެ. މީގެއިތުރުން، ހޮޓެލްތަކުގެ އޮކިއުޕަންސީ ރޭޓް 29 އިންސައްތައިގައި ހުރިއިރު، ސަފާރީ އުޅަނދުތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ 25.1 އިންސައްތައިގައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމުލަ 1.9 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.2 އިންސައްތަ ދަށް އަދަދެއް ނަމަވެސް، ކޮންމެ އަހަރެއްގެވެސް ފަހުކޮޅަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ކަމަށްވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ފަތުރުވެރިން އަންނަ މިންވަރު އިތުރުވާނެއެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ ޖުމުލަ ފަތުރުވެރިންގެ 73.8 އިންސައްތަ ކަމަށްވާ 1.4 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ ޖުމުލަ ފަތުރުވެރިންގެ 21.8 އިންސައްތަ ކަމަށްވާ ހަތަރު ލައްކައަށްވުރެ ގިނަ ފަތުރުވެރިންނެވެ.





