2035 ވަނަ އަހަރާ ހަމައަށް އަންނަ އިރު، ދުނިޔޭގައި އެންމެ ގިނަވާނީ މުސްލިމުން ކަމަށް ޕިއު ރިސާޗް ސެންޓަރުން ބުނެފި އެވެ.
އިސްލާމް ދީނަށް ވަންނަ މީހުންގެ އަދަދު މުޅި ދުނިޔޭގައި ވެސް އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަކަން ފާހަގަ ކޮށް އެތަނުން ނެރުނު ދިރާސާ ރިޕޯޓެއްގައި ބުނީ 2070 އާ ހަމައަށް އަންނަ އިރު، ދުނިޔޭގެ މުސްލިމުންގެ އާބާދީ 3.6 ބިލިއަނަށް އަރާނެ ކަަމަށެވެ.
މިހާރު މުސްލިމުންގެ އާބާދީ އަކީ 2.07 ޕަސެންޓެވެ. އެއީ މުޅި ދުނިޔޭގެ އާބާދީގެ 25 ޕަސެންޓެވެ.
މިހާރު ދުނިޔޭގައި އެންމެ ގިނަ ބަޔަކު ތަބާވާ ދީނަކީ ނަސާރާ ދީނެވެ. އެކަމަކު 2070 އާ ހަމައަށް އަންނަ އިރު، އެ ދީނުގެ މީހުންގެ އާބާދީ އުޅޭނީ 3 ބިލިއަންގަ އެވެ.
އެ ދީނަށް އުޅޭ މީހުންގެ އާބާދީ ފަހަތަށް ޖައްސާލައި މުސްލިމުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ އިރު، 2020 އިން ފެށިގެން 2070 އާ ހަމައަށްދާ އިރު، ބާކީ މިއޮތް މުއްދަތުގެ ތެރޭގައި އިސްލާމް ދީނަށް ވަންނަ މީހުންގެ ނިސްބަތް 80 ޕަސެންޓަށް އިތުރުވާނެ އެވެ. ނަސާރާ ދީނަށް ބަލާ އިރު އެ ނިސްބަތް އުޅޭނީ އެންމެ 30 ޕަސެންޓްގައި ކަމަށް ޕިއު ރިސާޗް ސެންޓަރުގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އޭގައި ފާހަގަކޮށްފައިވާ ގޮތުގައި މުސްލިމުންގެ އާބާދީ އިތުރަމުން އަންނަ މައިގަނޑު ސަބަބަކީ މުސްލިމު އާބާދީތަކުގައި އުފަންވާ ރޭޓް ވެސް މަތިވަމުން ދިއުމެވެ. އެގޮތުން 2020-2025 އާ ދެމެދު އެކަނި ވެސް މުސްލިމު ކޮންމެ އަންހެނަކަށް ތިން ދަރިން ލިބިފައިވެ އެވެ.
ނަސާރާ ދީނުގެ މީހުންގެ މެދުގައި އެ ނިސްބަތް އުޅެނީ 2.5 ގަ އެވެ.





