ދުނިޔޭގެ މަޝްހޫރު ބޭސް ކުންފުނިތަކާ އެއްބަސްވުންތައް ހަދައިފިން: ޑރ. ޝާހް

19449e02-6c3b-48c1-aa42-dad81a79dd31.jpg

ސްޓޭޓް ފާމާގެ އައުޓްލެޓެއް، ފޮޓޯ: ސްޓޭޓް ފާމާ

ރާއްޖެއަށް ކުރިމަތިވެފައިވާ ބޭސް ލިބުމުގެ ދަތިކަން ހައްލުކޮށް، މެދުކެނޑުމެއްނެތި ބޭސް ފޯރުކޮށްދިނުމަށްޓަކައި ދުނިޔޭގެ އެންމެ މަގުބޫލު ބޭސް އުފައްދާ ކުންފުނިތަކާއެކު އެއްބަސްވުންތައް އެކުލަވާލައި، ކުރިއާލައި ބޮޑެތި ސްޓޮކްތައް އެތެރެކުރުމުގެ މަސައްކަތް ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމާއިން ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ތިން އަހަރު ފުރުމާ ގުޅިގެން އެމްއެމްޓީވީން ގެނެސްދިން ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ ޑރ. ޝާހު މާހިރު ހާމަކުރެއްވި ގޮތުގައި، ދުނިޔޭގެ މަޝްހޫރު ފާމަސޫޓިކަލް ކުންފުނިތައް ކަމަށްވާ ސެނަފީ އަދި އެސްޓްރާޒެނެކާ ފަދަ ބޮޑެތި މަލްޓިނޭޝަނަލް ކުންފުނިތަކާއެކު މިހާރު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އަދި އިތުރު ކުންފުނިތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އަމާޒަކީ ދިވެހިންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަސްލު ބޭހާއި ވެކްސިން ފަސޭހަކަމާއެކު އަދި ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ޔޫއެންޑީޕީ ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތައް މެދުވެރިކޮށްވެސް ބޭސް އެތެރެކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝާހު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ބޭހުގެ މާކެޓް އޮތް ގޮތަށް އަލިއަޅުއްވާލައްވަމުން ޑރ. ޝާހު ފާހަގަކުރެއްވީ، ރާއްޖެ އެތެރެކުރާ ބޭހުގެ 70 އިންސައްތަ ކޮންޓްރޯލް ކުރަނީ އަމިއްލަ ފަރާތްތަކުން ކަމަށެވެ. އަދި ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނު މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަކީ ވޭތުވެދިޔަ އެކި ވެރިކަންތަކުގައި އެދެވޭ ގޮތެއްގައި ހައްލު ހޯދިފައިނުވާ މައްސަލައެއް ކަމަށާއި، މިކަމަށް ހާއްސަ ދައުލަތުގެ ކުންފުންޏެއް އުފެއްދުމަކީ ކުރީގެ ސަރުކާރުތަކުން ފަސްޖެހިފައި އޮތް ކަމެއް ކަމަށް ވިދާޅުވިއެވެ.

ސިއްހީ ނިޒާމުގެ ރައްކާތެރިކަމަށާއި އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ދައުލަތުގެ ފުރިހަމަ ހިއްސާ އޮންނަ ކުންފުންޏެއް މެދުވެރިކޮށް މި ދާއިރާގެ ކޮންޓްރޯލް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ނަމަވެސް، އެ މަސައްކަތް ކުރިއަށްދާނީ އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ނުވާނޭހެން އެ ފަރާތްތަކާ ވެސް ގުޅިގެން ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ. އެގޮތުން އަމިއްލަ ފަރާތްތަކުން އެތެރެކުރާ ބޭސްތައްވެސް ސަރުކާރުގެ ފާމަސީތަކުން ލިބޭނެ ގޮތް ހަމަޖެއްސުމަށް މަޝްވަރާތައް ދަނީ ހިނގަމުން ކަމަށް ޑރ.ޝާހު ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top