ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޚާތަބު ކުރާއިރު މަގާމުގެ ނަމުގެ ކުރިއަށް ”އޮނަރަބަލް“ ގެ ލަގަބު ބޭނުންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގަވައިފިއެވެ.
ޖޭއެސްސީން ނެރުނު ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނާ މުޚާޠަބުކުރާނީ ކޮމިޝަނުން ކަނޑައަޅާފައިވާ ޚާއްޞަ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
އެގޮތުން، އެންމެ މަތީ މަރުޙަލާގެ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަށް “އުއްތަމަ ފަނޑިޔާރު” އަދި އެ ކޯޓުގެ އެހެނިހެން ފަނޑިޔާރުންނަށް ”އޮނަރަބަލް ޖަސްޓިސް“ ގެ ނަމުން މުޚާޠަބު ކުރުމަށް ވަނީ ހަމަޖައްސާފައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރަށް ”ހައިކޯޓުގެ އިސް ފަނޑިޔާރު“ގެ ނަމުން މުޚާޠަބުކުރާއިރު، ހައިކޯޓުގެ އެހެން ފަނޑިޔާރުންނަށް މުޚާޠަބުކުރާނީ ”ފަނޑިޔާރު“ ގެ ނަމުންނެވެ.
އެ ކޮމިޝަނުން ބުނީ، ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ވާހަކަ ދައްކާއިރު އަދި ލިޔެކިޔުންތަކުގައިވެސް މި ލަގަބުތައް މިގޮތަށް ބޭނުންކުރަން ޖެހޭނެއެވެ.
މީގެ އިތުރުން ސުޕީރިއާ ކޯޓުތައް ކަމުގައިވާ ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ފެމެލީ ކޯޓު، ޖުވެނައިލް ކޯޓު އަދި ޑްރަގް ކޯޓު ފަދަ ކޯޓުތަކުގެ އިސް ވެރިންނަށް މުޚާޠަބުކުރާނީ ”އިސް ޤާޟީ“އަދި އެ ކޯޓުތަކުގެ އެހެން ފަނޑިޔާރުންނަށް “ޤާޟީ” ގެ ނަމުންނެވެ. އަދި ނަން ބޭނުންކުރާއިރު އެ ބޭފުޅެއްގެ ލަޤަބާއެކު ”އަލްއުސްތާޛު/އަލްއުސްތާޛާ“ ނުވަތަ ”ޑޮކްޓަރު“ ހިމަނަންޖެހޭނެއެވެ. ކޯޓުތައް ހިންގެވުމާ ޙަވާލުވެ ހުންނަވާ ބޭފުޅުންނަށް ވެސް މުޚާޠަބުކުރާނެ ގޮތް މި އުޞޫލުގައި ވަކިން ވަނީ ފާހަގަކޮށްފައެވެ.
އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކާ ގުޅޭގޮތުން ޖޭއެސްސީން ނިންމާފައިވަނީ، ޖުޑީޝަލް ދާއިރާތަކުގެ އިސްވެރިންނަށް ”(ޖުޑީޝަލް ދާއިރާގެ ނަން) ގެ އިސް މެޖިސްޓްރޭޓް“ގެ ނަމުން އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންނަށް “މެޖިސްޓްރޭޓް” ގެ ނަމުން މުޚާޠަބުކުރުމަށެވެ.
ފަނޑިޔާރުންގެ ޤާނޫނުގައިވާ ގޮތުގެ މަތީން ރާއްޖޭގެ އެކި ދަރަޖައިގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރެވޭއިރު، މިއީ ކޯޓުތަކުގެ ދަރަޖަތަކާ އެއްގޮތަށް ފަނޑިޔާރުންނަށް މުޚާޠަބުކުރުމުގައި އެއްގޮތް އުޞޫލެއް ޤާއިމުކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.





