ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ މެންބަރުންގެ ޢަދަދު 98،000 އަށްވުރެ އިތުރުވެ، ރާއްޖޭގެ ސިޔާސީ ޕާޓީއެއްގައި މިހާތަނަށް އެންމެ ގިނަ މެންބަރުން ހިމެނުނު ފުރަތަމަ ޕާޓީއަށް ވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޕީ.އެން.ސީގައި މިވަގުތު ޖުމްލަ 98،397 މެންބަރުން އެބަތިއްބެވެ. އެ ޕާޓީން ވަނީ މި ހިނގާ އަހަރުގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ ޢަދަދު 100،000 އަށް ގެންދިއުމަށް އަމާޒު ހިފާފައެވެ.
ޕީ.އެން.ސީގެ އިތުރުން ދެން އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު މައި ޕާޓީ ކަމަށްވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގައެވެ. އެ ޕާޓީގެ ދަފްތަރުގައި މިވަގުތު ތިބީ54،201 މެންބަރުންނެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމަށް ކަނޑައަޅާފައިވާ 10،000 މެންބަރުންގެ ޢަދަދު ހަމަވާ ހަމައެކަނި ދެ ޕާޓީއަކީވެސް ޕީ.އެން.ސީއާއި އެމް.ޑީ.ޕީއެވެ.
މީގެ އިތުރުން، ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނުގައި ލާޒިމުކުރާ 3،000 މެންބަރުން ހަމަނުވާ ދެ ޕާޓީއެއްވެސް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި އެބައޮތެވެ. އެއީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީ.އެން.އެފް) އާއި، ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމް ރައީސްކަން ކުރައްވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ) އެވެ. ދަފްތަރުގައިވާ ގޮތުން އެމް.އެން.ޕީގައި 2،873 މެންބަރުން ތިބިއިރު، ޕީ.އެން.އެފްގައި ތިބީ 2،586 މެންބަރުންނެވެ.






