ކުޑަކުއްޖަކަށް އަނިޔާ ލިބޭކަން އެނގޭނަމަ ރިޕޯޓްކުރަން އިލްތިމާސްކޮށްފި

0e97d433-3bd9-4516-b897-bea908c0f076.jpg

ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ ގޮތުން އަނިޔާ ލިބެމުން އަންނަ ކުއްޖެއްގެ ކިބައިން ފެނިދާނެ ނިޝާންތައް ދެނެގަތުމާއި ކަމާބެހޭ އިދާރާތަކަށް އެ ކަންކަން ރިޕޯޓު ކުރުމަކީ މުހިންމު ކަމެއް ކަމަށް އާއިލާ އާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ބުނެފިއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރިކުރުމުގެ ދުވަހުގެ މުނާސަބަތުގައި އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮންމެ ކުއްޖަކީ ވެސް ރައްކާތެރި އަދި ކުލުނުވެރި މާހައުލެއްގައި އުޅެބޮޑުވުމުގެ ހައްގު ލިބިފައިވާ ކުއްޖެއްކަން މި ދުވަހު ހަނދާން ކޮށްދޭ ކަމަށެވެ.

މިނިސްޓްރީން ބުނީ ކުޑަކުއްޖަކަށް އަނިޔާ ލިބޭ ކަމުގެ ނިޝާންތައް ފާހަގަވާނަމަ، ލަސްނުކޮށް އިދާރާތަކަށް އެކަން ރިޕޯޓު ކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުން ކޮންމެ ދިވެހި ފަރުދެއްގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށެވެ.

އެގޮތުން، ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް، އެ ކުދިން އުޅެމުންދާ އުނދަގޫ ހާލަތުން އަރައިގަނެ، ވިލުންތެރި ބަޔަކަށް ދައުލަތުގެ އެކި އިދާރާތަކުން ކުރަމުންދާ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނީ މި މަސައްކަތުގައި މުޖުތަމައުގެ ބައިވެރިވުން ވެސް އޮވެގެން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އަދި ކުދިންގެ ކިބައިން ފެންނަ އަނިޔާގެ ނިޝާންތައް ދެނެގަނެ، ކުދިންނަށް ކުރާ އަނިޔާގެ އަމަލުތައް ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކުޑަކުދިންނަށް ލިބޭ އަނިޔާތައް ރިޕޯޓުކުރުމަކީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު (19/2019) ގެ ދަށުން ކޮންމެ ފަރުދެއްގެ މައްޗަށްވެސް ލާޒިމުކުރާ ކަމެއްކަން މި ބަޔާނުގައި ވަނީ ހަނދާންކޮށްދީފައެވެ.

“މިފަދަ ދުވަހެއްގައި އަޅުގަނޑުމެންގެ އަޒުމަކަށް ހަދަންވީ ކުޑަކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ އަނިޔާއިން އެ ކުދިން ރައްކާތެރިކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި އެ މީހެއްގެ ބައިވެރިވުން އިތުރުކުރުމެވެ. ތިމާގެ ފަރާތުން ކުޑަކުއްޖެއްގެ ރައްކާތެރިކަމަށް އަސަރު ކުރާނެ ފަދަ އެއްވެސް ކަމެއް ވިޔަ ނުދިނުމުގެ އިތުރުން އެހެން މީހެއްގެ ފަރާތުން އެ ކުދިންނަށް ކުރިމަތިވެދާނެ އެފަދަ ކޮންމެ ކަމެއް ހުއްޓުވުމަށް މަސައްކަތްކުރުމެވެ،” މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، އެ އުނދަގޫ ހާލަތުން އަރައިގަތުމަށް މުއައްސަސާތަކުން ކުރާ މަސައްކަތުގައި މުޖުތަމައުގެ ދައުރެއް އޮތުން ބޭނުންތެރި ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top