ރާއްޖެ ބޮޑު ބަޔަކަށް، ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެއްޖެއެވެ.
ވައިގެ ކޮލެޓީ ދައްކުވައިދޭ އައިކިއުއެއާގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިއަދު އެންމެ ބޮޑަށް ވައި ނުސާފުވެފައި ވަނީ ރާއްޖޭގެ އުތުރަށެވެ. އެގޮތުން އެ ސަރަހައްދުގައި ވައި ނުސާފު މިންވަރު ގިންތިކޮށްފައިވަނީ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) 158 އާއި 165އާ ދޭތެރޭ، ރަތް އެލާޓެއްގެ ގޮތުގައެވެ. އެއީ އާންމުކޮށް އެންމެންގެ ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަސަރުކުރުމާއި ބަލި ޖެހިފައިވާ މީހުންގެ ހާލަތު ގޯސްވުމުގެ ފުރުސަތު ބޮޑުވާ ހާލަތެކެވެ.
އޭގެ އިތުރުން މެދުރާއްޖެ ތެރޭގެ ސަރަހައްދުގައި ވެސް ވައި ނުސާފު ކަމަށް އައިކިއުއެއާގެ ތަފާސްހިސާބުން ދައްކައެވެ. އެއީ އޭކިއުއައި 126 ނުވަތަ ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރަނގަޅު މިންވަރެއްގެ ގޮތުގައެވެ. އެއީ ވެސް، އާންމުކޮށް އެންމެންނަށް، ޚާއްސަކޮށް ނާޒުކު ހާލަތުގައިވާ މީހުންނަށް އުނދަގޫތަކާ ކުރިމަތިވުމާއި ނެވޭލާ ނިޒާމުގެ މައްސަލަތައް ދިމާވުމުގެ ނުރައްކާ އޮންނަ ހާލަތެކެވެ.
މީގެ އިތުރުން ދ. އަތޮޅުގައި ވެސް ވައި ނުސާފުވެފައިވާ ކަމަށް އައިކިއުއެއާއިން ދައްކާއިރު، އެ ސަރަހައްދުގައި އޭކިއުއައި ހުރީ 60ގައެވެ.
އެ ވެބްސައިޓުން ދައްކާ ގޮތުން ދެކުނުގެ ވައިގެ ސާފުމިން ހުރީ ރަނގަޅު މިންވަރެއްގައި ކަމަށެވެ.
އެއާ ކޮލިޓީ އިންޑެކްސް 50 އިން މަތީގައި ހުންނަ ނަމަ އެއީ މޮޑަރޭޓް ލެވަލްއެވެ. ނަމަވެސް އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ހާލަތެކެވެ. އެއާ ކޮލިޓީ އިންޑެކްސް 100 އަށް ވުރެ މަތިވެއްޖެ ނަމަ ހިރާސް ބޮޑު މީހުންނަށް ނުރައްކާ ބޮޑުވާނެއެވެ. އަދި އެއާ ކޮލިޓީ އިންޑެކްސް 150 އަށް ވުރެ މަތިވެއްޖެ ނަމަ އެންމެނަށް ނުރައްކާ ބޮޑުވާނެއެވެ.




