އޭދަފުށީގައި ”ޕިންކް ރިބަން ރަން 2026“ ބާއްވައިފި

ފފފފ.jpg

އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުގައި ކުރިއަށް ގެންދިޔަ ”ޕިންކް ރިބަން ރަން 2026“ އޭދަފުށީގައި ބާއްވައިފި އެވެ.

ބ.އަތޮޅު ހޮސްޕިޓަލާއި އޭދަފުށީ ކައުންސިލްގެ އިތުރުން އެހެން މުވައްސަސާތަކުންވެސް ބައިވެރިވި މި ހަރަކާތް ފަށާފައިވަނީ އިއްޔެ ހަވީރު 4:30 ގައި ބ.އަތޮޅު ހޮސްޕިޓަލުގެ ކުރިމަތިންނެވެ.

ހަރަކާތުގެ ބައިވެރިން އުރަމަތީ ކެންސަރަށް ހޭލުންތެރި ކުރުމުގެ ތަފާތު ޕޯސްޓަރުތަކާއެކު ރަށުގެ ބޮޑެތި މަގުތަކުގައި ހިނގާލުން ކުރިއަށް ގެންގޮސްފައިވާއިރު މި ހަރަކާތް ނިންމާލާފައިވަނީ އުތުރު ބަނދަރު ސަރަހައްދުން ރަސްމީ ފާލަމާ ހަމައިންނެވެ. ނިންމާލުމުގެ ކުރިން ބ.އަތޮޅުހޮސްޕިޓަލްގެ ފަރާތުން އެހޮސްޕިޓަލްގެ ޕަބްލިން ހެލްތު ޔުނިޓްގެ ކޯޑިނޭޓަރ، އާމިނަތު ޝާޒްލީ ވަނީ ބައިވެރިންނާ މުޚާތަބުކޮށް ދުވަހާ މުނާސަބު ވަރަށް މުހިއްމު މައުލޫމާތު ކޮޅެއް ހިއްސާ ކުރައްވާފައެވެ. އޭނާގެ ވާހަކައިގާ ކޮންމެ އަންހެނަކުވެސް ޚާއްސަކޮށް 40 އަހަރުންމަތީގެ އަންހެނުން އުރަމަތީ ކެންސަރަށް ސްކޭން ކުރުމަށް އިލްތިމާސް ކުރެއްވި އެވެ. އަދި މި ޚިދުމަތް އެއްވެސް އަގަކާ ނުލައި މިހާރު ބ އަތޮޅު ހޮސްޕިޓަލުން ލިބެން ހުރިކަން ފާހަގަ ކުރެއްވި އެވެ.

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމުގެ ގޮތުން ރާއްޖޭގެ 56 ސަރަހައްދެއްގައި 4،000 އަށްވުރެ ގިނަ ބައިވެރިންނާއެކު މި ހަރަކާތްވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތް މިއަހަރު ކުރިއަށްގެންގޮސްފައިވަނީ “45 މިނިޓް މިއަދު، ދިރިއުޅުމަށްޓަކައި ދުޅަހެޔޮ އާދައެއް” މި ޝިއާރުގެ ދަށުންނެވެ. މިފަހަރުގެ ހަރަކާތުގައި ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ މީހަކަށް ނުވަތަ އެ ބަލީގައި ދުނިޔެ ދޫކޮށްފައިވާ މީހަކަށް ބިބް ޚާއްސަކުރުމުގެ ފުރުސަތުވަނީ ބައިވެރިންނަށް ހުޅުވާލާފައެވެ.

ކެންސަރ ސޮސައިޓީން ބުނެފައިވާގޮތުގައި މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުމާއި، ސިއްހީގޮތުން ދުޅަހެޔޮ އާދަތައް އާންމުންގެ ކިބައިގައި އަށަގެންނެވުމެވެ. އެގޮތުން ހަކުރު އެކުލެވޭ އެނާޖީ ޑްރިންކް ފަދަ ހަށިގަނޑަށް ގެއްލުންދޭ ބުއިންތަކާއި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނުރައްކާތެރި އާދަތަކުން ދުރުހެލިވުމަށް ބާރުއަޅާ ގިނަ މެސެޖުތަކެއް މި ހަރަކާތުގެ ތެރެއިންވަނީ އާންމުންނަށް ފޯރުކޮށްދީފައެވެ.

ރާއްޖޭގައި އެންމެ އާންމު އެއް ކެންސަރު ކަމަށްވާ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމަށް ކެންސަރ ސޮސައިޓީން މި ހަރަކާތް ފަށާފައިވަނީ 2016 ވަނަ އަހަރެވެ. ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހު ބާއްވަމުން އަންނަ މި ދުވުމަކީ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި، ބަލިން ސަލާމަތްވެފައިވާ މީހުންގެ އިތުރުން އެ މީހުންގެ އާއިލާތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top