ބ. ގޮއިދުއާއި އޭދަފުށި ހިމެނޭހެން ހަތަރު ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓުން އައްޔަން ކޮށްފި އެވެ.
މި ބޭފުޅުން މަގާމަށް އައްޔަންކުރެއްވިކަން ހާމަކޮށްފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
މެޖިސްޓްރޭޓު ކަމަށް އައްޔަން ކުރެއްވި ބޭފުޅުންނަކީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޒު ޙުސައިން ރަމީޒު، ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޒާ ދިޔާނާ މަޖީދު، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޒާ މަރިޔަމް ޢާސިރާ، އަދި ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އަލްއުސްތާޒު ފަތުޙުﷲ ޢަލީ އެވެ.
މިބޭފުޅުންގެ ތަޢުލީމީ އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލާއިރު، ގޮއިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރެވުނު އަލްއުސްތާޛާ ދިޔާނާ މަޖީދަކީ ޝަރުޢީ ދާއިރާގައި 9 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ފުރިހަމަކުރައްވާފައިވާ ދިޔާނާ ވަނީ މީގެ ކުރިން އޮއިލްބިޒް ޕްރައިވެޓް ލިމިޓެޑްގެ ލީގަލް ކައުންސިލްގެ މަޤާމާއި، ފިއުލް އެކްސްޕްރެސް މޯލްޑިވްސްގެ ހެޑް އޮފް ހިއުމަން ރިސޯސް އެންޑް ލީގަލް އެފެއާޒްގެ މަޤާމުވެސް ފުރުއްވާފައެވެ.
އޭދަފުށީ ކޯޓަށް ޢައްޔަންކުރެވުނު އަލްއުސްތާޛު ޙުސައިން ރަމީޒަކީ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް ލޯ އަދި ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނަރސް) ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ޝަރުޢީ ދާއިރާގައި 5 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ޙުސައިން ރަމީޒު ވަނީ ފަތުރުވެރިކަމާބެހޭ ވުޒާރާގެ ލީގަލް އެސިސްޓެންޓްކަމާއި ޞިއްޙީ ވުޒާރާގެ ލީގަލް އޮފިސަރގެ މަޤާމު އަދާކުރައްވާފައެވެ.
މި ހަތަރު ބޭފުޅުން މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި ވަނީ އެ ބޭފުޅުންނަށް މަރުޙަބާ ދަންނަވާފައެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ ދަށުން ރަށްރަށާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ މެޖިސްޓްރޭޓް ކޯޓުތަކަކީ ޝަރުޢީ ނިޒާމުގެ އެންމެ ތިރީ ގިންތީގެ ފުރަތަމަ މަރުޙަލާގެ ކޯޓުތަކެވެ. މި ކޯޓުތަކުން އެ ރަށެއްގެ ނުވަތަ އެ ސަރަހައްދެއްގެ ޢާންމު ޝަރުޢީ މައްސަލަތަކާއި، ޢާއިލީ މައްސަލަތައް އަދި ކުދިކުދި ޖިނާއީ އަދި މަދަނީ މައްސަލަތައް ބަލައި ހިންގައެވެ.




