ދިވެހި ބަހުގެ ގަވާއިދު ފޮތް އަންނަ މަހު ނެރެން ހަމަޖެހިފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ”އަހާ ފޯރަމް 9“ގައި ހެރިޓޭޖް މިނިސްޓަރު ހީނާ ވިދާޅުވީ ދިވެހި ބަހުގެ ގަވާއިދު ފޮތުގެ މަސައްކަތް ކުރަމުންދާތާ މިހާރު 10 ވަރަކަށް އަހަރުވެފައިވާ ކަމަށެވެ. މި ފޮތުގެ މަސައްކަތް ނިންމައި، އަންނަ މަހު އެ ފޮތް ނެރުމަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ފޮތުގައި، ބަހުގެ ލަފުޒުތައް ބައިބަޔަށް ބަހާލައިގެން ބަލައިލެވޭނެ އުސޫލުތަކުގެ އިތުރުން، މިހާރުގެ ބަހަވީ އިލްމާ ގުޅޭގޮތަށް ޒަމާނާ އެއްގޮތް ކުރުމުގެ މަސައްކަތްތައްވެސް ކުރެވިފައިވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
އަދި، ދިވެހި ރަދީފް ޗާޕުކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަންވެސް މިނިސްޓަރު ހީނާ ވަލީދު ފާހަގަ ކުރެއްވިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ދިވެހި ބަހުގެ އެކެޑަމީން ވަނީ ރަދީފުގެ އާ ވާޝަންއެއް ނެރެފައެވެ.






