ރާއްޖެތެރޭގެ ސިއްހީ މަރުކަޒެއްގައި އަލަށް ގާއިމުކުރި ފުރަތަމަ ފިޒިއޯތެރަޕީ މަރުކަޒު ކ. ކާށިދޫގައި މިއަދު ހުޅުވައިފިއެވެ.
މި ޚިދުމަތް ކާށިދޫގައި ފައްޓަވައިދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޤީލާ ޢަލީއެވެ.
އެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ޤީލާ ވިދާޅުވީ ފިޒިއޯތެރަޕީއަކީ އެކިއެކި އަނިޔާތަކާއި، އުމުރުން ދުވަސްވުމުގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ އުނދަގޫތަކުން އަރައިގަތުމަށް ކޮންމެހެން ބޭނުންތެރި ފަރުވާއެއް ކަމަށެވެ.
އެ ޚިދުމަތް ކާށިދޫގައި ދެވެން ނެތުމުގެ ސަބަބުން އެ ރަށު ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކަކީ ކުޑަ ކަމެއް ނޫން ކަމަށް ޤީލާ ވިދާޅުވިއެވެ. އެގޮތުން ދަތުރުފަތުރުގެ ދަތިތަކާއި މާލެ އައުމަށްފަހު ވެސް ކުރަންޖެހޭ ބޮޑެތި ޚަރަދުތަކުގެ ސަބަބުން އާއިލާތަކަށް ބޮޑު ބުރައެއް އުފުލަންޖެހުނުކަން ޤީލާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ކާށިދޫގެ ސިއްހީ މަރުކަޒުގައި ފިޒިއޯތެރަޕީގެ ޚިދުމަތް ގާއިމުކުރެވިގެން ދިޔުމަކީ އެ ދަތިތަކަށް ނިމުމެއް ގެނެސްދޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ޤީލާ ސިފަކުރެއްވިއެވެ.
”މި ޚިދުމަތް ފެށުމަކީ ހަމައެކަނި މެޝިނުތަކެއް ބަހައްޓައި، ކޮޓަރިއެއް ހުޅުވުމެއް ނޫން، މިއީ އަޅުގަނޑުމެންގެ އަނިޔާ ލިބިފައިވާ މައިންބަފައިންނަށާއި، ޒުވާނުންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ލިބުނު އައު އުންމީދެއް. މިއީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް.“ ޤީލާ ވިދާޅުވިއެވެ.
މި ޚިދުމަތުގެ ސަބަބުން، އިސްރަށްވެހިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ ރަށުގައި އާއިލާގެ ގާތުގައި ތިބެގެން ފަރުވާ ކުރިއަށް ގެންދިއުމުގެ މަގު ފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.




