މުދައްރިސުންގެ ދުވަހު ދިއްދޫގެ ބެލެނިވެރިން މުދައްރިސުންނަށް ދިނީ ސްޓާފް ލައުންޖެއް

WhatsApp-Image-2026-10-05-at-16.38.49-1.jpeg

މުދައްރިސުންގެ ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ މުވައްޒަފުންނަށް ”ސްޓާފް ލައުންޖެއް“ އެ ސްކޫލުގެ ބެލެނިވެރިން ހަދިޔާކޮށްފިއެވެ.

މި ލައުންޖްގައި ސައި ކޮޓަރިއެއްގެ އިތުރުން ވަނީ ފުލީ އިކްއިޕްޑް ކިޗަން ސެޓަޕެއް ވެސް ގާއިމު ކޮށްފައެވެ.

މިއީ އެ ސްކޫލުގެ މުވައްޒަފުންނަށް ހިތްގައިމު މަސައްކަތުގެ މާހައުލެއް ހޯދައިދިނުމަށް ބެލެނިވެރިންގެ ފަރާތުން ދިން ހަދިޔާއެކެވެ.

ބެލެނިވެރިންގެ ފަރާތުން އެ ސްކޫލުގައި ގާއިމުކުރި ސްޓާފް ލައުންޖް އިފްތިތާޙްކޮށް ދިނީ، ހއ. އޭއީސީގެ އެންމެ ގިނަ ދުވަސްވީ  މުވައްޒަފު ޝަހީމާ ނަޞީރެވެ. ޝަހީމާއަކީ 1989 އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ފާއިތުވެ ދިޔަ 37 އަހަރު އެ ސްކޫލުގެ އޮފީހުގައި މަސައްކަތްކުރަމުން އަންނަ އިދާރީ މުވައްޒަފެކެވެ.

ސްޓާފް ލައުންޖް ގާއިމުކުރުމުގެ އެންމެ ބޮޑު ޚަރަދެއް ހަމަޖެއްސީ ބެލެނިވެރިން އިސްވެ ނުކުމެ މަސައްކަތު ދުވަހެއް ފާހަގަކޮށްގެން ހޯދި 166،000 ރުފިޔާގެ އިތުރުން ބެލެނިވެރިންނާއި ސްކޫލްގެ ހުރިހާ މުވައްޒަފުން ގުޅިގެން ބޭއްވި ފަން ފެއަރ އިން ލިބުނު 28،000 ރުފިޔާގެ ތެރެއިން ބަައެއް ޚަރަދުކޮށްގެންނެވެ.

ސްޓާފް ލައުންޖް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓާފް ލައުންޖް ހެދުމަށް ވަރަށް ގިނަ ފަރާތްތަކުގެ ދީލަތި އެހީ ލިބިފައިވާކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު އަސްލަމް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

އެގޮތުން ޕީޓީއޭ އެކްސްކޯގެ މެންބަރުންނާއި ބަދިގެ ކަބަޑު ސެޓްތައް ޖެހުމަށް ފިލާ ހަދިޔާ ކުރުމުގެ އިތުރަށް ސައި ކޮޓަރީ ގައި ބޭނުން ކުރުމަށް ފްރިޖާއި މައިކްރޮވޭވް އަވަނާއި އެހެނިހެން ތަކެތި ދި ފައުންޑޭޝަނާއި، އެހީ ޖަމިއްޔާ އާއި އިންޓަނޭޝަނަލް އެއިޑް ކެންޕެއިން އިން ހަދިޔާ ކޮށްފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

ޓީ މެޝިން ހަދިޔާކޮށްފައިވަނީ ބިގް ސޭވް އިން ކަމަށާއި އަދި ފެނަކަ ދިއްދޫ ބްރާންޗުގެ މުވައްޒަފުން ހިލޭ ސާބަހަށް ކަރަންޓް ވަޔަރިންގެ މަސައްކަތް ކޮށްދީފައިވާކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top