ފުލުހުންގެ ނަމުގައި ސްކޭމްތަކެއް ހިންގާތީ އެ ކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ ސްކޭމްތައް ހިންގަނީ ވައިބާ ފަދަ މެސެޖިން އެޕްތައް މެދުވެރިކޮށް ދިވެހި ފުލުހުންގެ ނަމުގައި ފޭކް އެކައުންޓުތައް ހަދައިގެން މީހުންނަށް ގުޅައި، މެސެޖުކޮށްގެން ކަމަށެވެ.
އެ ސްކޭމުތައް ހިންގުމުގައި ބޭރުގެ ނަމްބަރުތައް ބޭނުންކުރާ ކަމަށާއި އެ ކަން ކުރާ އެކައުންޓުތަކުގެ ނަމުގައި ބަހުގެ ކުށްތައް ހުރުމާއި އޯޓީޕީ ފަދަ އަމިއްލަ މައުލޫމާތު ހޯދަން އެދޭ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން ފޮނުވަމުންދާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ ބަލާބެލުމަށް އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާފައި ހުންނަ ސައްހަ އީމެއިލްތަކެއްގެ ގޮތުގައި، މީހުންނަށް އޮޅޭފަދަ ގޮތަކަށެވެ. އަދި ހަމަލާދޭ ފަރާތްތަކުން މި އީމެއިލްތަކުގައި ނުރައްކާތެރި ލިންކުތަކާއި ފައިލްތައް ހިމަނާފައި ހުންނަނީ ރަސްމީ އިންވިޓޭޝަނެއް، ލިޔެކިޔުންތަކެއް ނުވަތަ ފައިލް-ޝެއަރިންގ ލިންކުތަކެއްގެ ގޮތުގައި ކަމަށްވެސް ފުލުހުން ބުންޏެވެ.
މިފަދަ ނުރައްކާތެރި ލިންކުތަކަށް ވަދެވި ނުވަތަ ފައިލްތައް ހުޅުވިއްޖެނަމަ، ޔޫޒަރނޭމް އަދި ޕާސްވޯޑް ފަދަ މުހިންމު މައުލޫމާތުތައް ހެކަރުންނަށް ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށާއި، އޭގެ ސަބަބުން އިދާރާތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށާއި ނެޓްވޯކަށް ހުއްދަނެތި ވަދެ، ސިސްޓަމްތައް ކޮމްޕްރޮމައިޒްވުމުގެ މަގު ފަހިވެގެންދާނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އެހެންވެ، މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި އެއްވެސް ފަރާތަކަށް ބޭންކް އެކައުންޓުގެ މައުލޫމާތާއި، އޯޓީޕީ އަދި ޕާސްވޯޑް ހިއްސާނުކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ. އަދި ދިވެހި އިދާރާއެއްގެ ނަމުގައި ބޭރުގެ ނަންބަރުތަކުން ކުރާ މިފަދަ ކޯލްތަކަށް ޖަވާބު ނުދިނުމަށާއި ޝައްކުކުރެވޭ މިފަދަ ނަންބަރުތައް ވަގުތުން ބްލޮކްކޮށް ރިޕޯޓް ކުރުމަށްވެސް އެދިފައިވެއެވެ.
މީގެ އިތުރުން، މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށް އާއިލާގެ މެންބަރުންނާއި ރައްޓެހިން، ޚާއްޞަކޮށް ދޮށީ އުމުރުގެ މީހުން ވެދާނެތީ އެފަދަ ފަރާތްތަކަށް މި މައުލޫމާތު ހިއްސާކޮށް ހޭލުންތެރިކުރުވުމަށާއި އަމިއްލަ މައުލޫމާތުގެ ރައްކާތެރިކަން ދެމެހެއްޓުމަށް އަބަދުވެސް ސަމާލުވެ ތިބުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.






