މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން، މާލީ ގޮތުން ހޭލުންތެރި މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، “އެމްއެމްއޭ ފިންލިޓް ފެސްޓް 2026” ގެ މަޒުމޫނު ލިޔުމުގެ މުބާރާތައް މަޒުމޫނު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ސާނަވީ އަދި މަތީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެ އޮތޯރިޓީން ކުރިއަށްގެންދާ މުބާރާތެކެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ގްރޭޑް 8 އިން 10 ގެ ދަރިވަރުންނަށް ޚާއްސަ ކެޓަގަރީއާއި، ގްރޭޑް 11 އިން 12 ގެ ދަރިވަރުންގެ ކެޓަގަރީއެވެ. މި މުބާރާތަށް ހުށަހަޅަން ޖެހެނީ އިނގިރޭސި ބަހުން ލިޔެފައިވާ މަޒުމޫނެވެ.
މި މުބާރާތަށް ހުށަހަޅަން ޖެހެނީ އިނގިރޭސި ބަހުން ލިޔެފައިވާ މަޒުމޫނެވެ. މަޒުމޫނު ލިޔުމަށް ފަސް ތީމެއް ވަނީ ކަނޑައަޅައިފައެވެ. އޭގެ ތެރޭގައި މާލީ ހޭލުންތެރިކަމާއި ފައިސާ ގެންގުޅުމުގައި ޒިންމާދާރުވުމާއި، މާލީ ބައިވެރިވުން އިތުރުވުމާ ގުޅިގެން ލިބޭ ތަނަވަސްކަމާއި، ޒުވާނުންނާއި މާލީ ކުރިމަގު ހިމެނެއެވެ. މީގެ އިތުރުން، ޓެކްނޮލޮޖީއާއި މާލީ ދާއިރާގެ ޑިޖިޓަލް މުސްތަގްބަލް އަދި އިންސާނިއްޔަތާއި މުޖުތަމައުގެ ލާބަޔާއި މަންފާއަށް އިސްކަންދޭ މާލީ ނިޒާމުގެ މައްޗަށް ވެސް މަޒުމޫނު ލިޔެވޭނެއެވެ. ކޮންމެ ދަރިވަރަކަށް ވެސް ހުށަހެޅޭނީ 700 ބަހާއި 1200 ބަހާ ދެމެދުގެ ދިގުމިނުގެ އެއް މަޒުމޫނެވެ.
މި މުބާރާތުން ވަނަތަކަށް ހޮވޭ ދަރިވަރުންނަށް ފައިސާގެ އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 3،000 ރުފިޔާ، ދެވަނައަށް 2،000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 1،000 ރުފިޔާ ލިބޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.




