ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން، ރައްޔިތުންގެ ސުވާލުތަކަށް މިނިސްޓަރުން ޖަވާބު ދޭން ޚާއްސަކޮށްގެން ގެނެސްދެމުން ގެންދިޔަ ”އަހާ“ ފޯރަމް، މެދުކެނޑުމަކަށް ފަހު މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.
މާދަމާ ރޭ ފޯރަމް ބާއްވާ އިރު، ތިން މިނިސްޓަރަކު ބައިވެރިވާނެ އެވެ. އެއީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާންގެ އިތުރުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
“އަހާ” ފޯރަމް މާދަމާ ރޭ ފަށާނީ ރޭގަނޑު 9:00 ގަ އެވެ.
ފޯރަމްގައި ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުސަތު ޕީއެސްއެމުން މިހާރު އޮތީ ހުޅުވާލައިފަ އެވެ. އަދި ފޯރަމްގައި ބައިވެރިވެ ސުވާލު ކުރަން ބޭނުންވާ އާއްމުންނަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ޕީއެސްއެމުން ބުނީ ނަން ނޯޓްކުރުމާއި ސުވާލު ބަލައިގަތުން ކުރިޔަށް ދާނީ ޕީއެސްއެމް އެއާ އެޕް މެދުވެރިކޮށް ކަމަށެވެ.
ކޮންމެ ދެ މަހަކުން އެއް މަހު ބާއްވާ ގޮތަށް “އަހާ” ފޯރަމް ބާއްވަން ނިންމައި އެންމެ ފުރަތަމަ ފޯރަމް ބޭއްވީ ޖެނުއަރީ 25، 2024 ގަ އެވެ. އަދި އެންމެ ފަހުން ފޯރަމް ބޭއްވީ މިދިޔަ އަހަރުގެ ޖުލައި 14 ގަ އެވެ.




