ޕީއެންސީގެ މުޅި ފަލްސަފާއަކީވެސް ”އެންމެ ފުރަތަމަ ޤައުމު“ އިސްކުރުމުގެ ފަލްސަފާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގެ ސެޝަނެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު އެދިވަޑައިގެންނެވީ، ޤައުމީ ލޯބި އަދި ޤައުމީ ޖޯޝާއެކު އެންމެން ގުޅިގެން މަސައްކަތް ކުރުމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޒުވާނުންނާއި، އިސްރަޙްވެހިންނާއި، އަންހެނުން އަދި ފިރިހެނުން ހިމެނޭހެން އެންމެހައި ރައްޔިތުންނަށް އޮތީ އެކަތިގަނޑެއްގެ ގޮތުގައި ޤައުމީ އެޖެންޑާއައިގެން ކުރިއަށް ދިއުމެވެ.
ޤައުމު އިސްކުރާނަމަ، ސިޔާސީ ޕާޓީތަކުގެ އަމިއްލަ މަސްލަޙަތު އޮންނާނީ އެއަށްވުރެ ފަހަތުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެކި ސިޔާސީ ޕާޓީތަކުން ޤައުމު ތަރައްޤީ ކުރުމަށް ގެންގުޅޭ އެޕްރޯޗް ނުވަތަ ވިސްނުމުގައި ތަފާތުތަކެއް ހުރެދާނެއެވެ.
ނަމަވެސް އެއީ ސިޔާސީ ނިޒާމުގެ ތެރޭގައި މައްސަލައެއް ނޫން ކަމަށާއި، ކޮންމެ ޕާޓީއެއްގައި ހުރި ނަމަވެސް ޤައުމަށް ހެވާ ލާބަ ލިބޭ ކަންކަމަށް ތަރުޙީބުދީ އެއްބާރުލުން ދޭންޖެހޭނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ސަރުކާރުން ނުވަތަ ޕާޓީއަކުން ޤައުމަށް ގެއްލުންހުރި ކަމެއް ކުރާނަމަ، ވަގުތުން ތެދުވެ ޒިންމާދާރުކަމާއެކު އިދިކޮޅުން ވާހަކަދެއްކުމަކީ އިދިކޮޅު ސިޔާސީ ޙަރަކާތުގެ މުހިންމު ދައުރެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.





