ދިވެހިބޭސް ވެރިންގެ ޖަމްޢިއްޔާ އިން ބ. ކެންދޫ ޖަވާހިރުމާގޭ އަދުނާން ޔޫސުފަށް ދިވެހި ބޭސްވެރިކަމުގެ ހަނދާނީ ޝަރަފު އަރުވައިފިއެވެ. އަދުނާން އާއެކު އިތުރު ދެބޭފުޅަކަށްވެސް ވަނީ ދިވެހި ބޭސްވެރިކަމުގެ ހަނދާނީ ޝަރަފު އަރުވައިފިއެވެ. އެދެބޭފުޅުންނަކީ ނ. ތޮޅެންދޫ ހަސަން ގާސިމާއި އަޙްމަދު ސަޢީދު (ފޫޅުމާގެ/ގދ.ގައްދޫ) އެވެ.
އޭބޭފުޅުންނަށް މިޝަރަފް އަރުވާފައިވަނީ 12 ސެޕްޓެންބަރު 2026 ވަނަ ދުވަހުގެ ރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި އެޖަމިއްޔާގެ މމިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގަ އެވެ.
މި ބޭފުޅުންނާ ހަނދާނީ ޝަރަފު ހަވާލުކޮށްދެއްވީ ޖަލްސާ ޝަރަފްވެރި މެހުމާން ރައީސް އޮފީހުގެ ކުރީގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.
މި ބޭފުޅުންގެ ތެރެއިން ޙަސަން ޤާސިމަށް އަރުވާފައިވަނީ ދިވެހި ބޭސްވެރިކަމުގެ ރަން އޮޑިހަނުގެ ޝަރަފެވެ. އަޙްމަދު ސަޢީދަށް އަރުވާފައިވަނީ ދިވެހި ބޭސްވެރިކަމުގެ އިސް ފަންނުވެރިޔާގެ އައްޑަނަ އެވެ. އަދުނާން ޔޫސުފަށް އަރުވާފައިވަނީ ދިވެހި ޤަދީމީ ބޭސްވެރިކަމުގެ ޢިލްމު ދިރުވައި އާލާކުރުމުގެ ޝަރަފެވެ.
މިއީ ދިވެހި ބޭސްވެރިންގެ އަގުވަޒަންކޮށް، ދިވެހި ބޭސްވެރިކަން ކުރައްވާ ފަރާތްތަކަށް ހިތްވަރުދީ، ޒުވާނުން މިދާއިރާއަށް ޝަޢުޤުވެރިކުރުވުމުގެ މަޤުޞަދުގައި ތަޢާރަފް ކުރި ޚިދުމަތުގެ ޝަރަފްތަކެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރަފްވެރި މެހެމާން ޢަބްދުﷲ ނާޒިމް ވިދާޅުވީ ދިވެހި ބޭސްވެރިކަމަކީ ވަރަށް ދޮށީ ދާއިރާއެއްކަމަށެވެ. މި ދާއިރާ ކުރިއަރުވައި އާލާކުރުމަށް 1934 ވަނައަހަރު 7 ސެޕްޓެންބަރުގައި ސަރުކާރުން ގެޒެޓްކުރެއްވި “ޢާންމުޞިއްޙަތާއިބެހޭ” ޤާނޫނުގައި ވަރަށް ތަފްޞީލްކޮށް ހިމަނުއްވާފައިވާކަމަށްވެސް ވިދާޅުވިއެވެ. ރާއްޖެއަށް ފުރަތަމަ ފަހަރަށް އެލޯޕަތީ (ވެސްޓަރން މެޑިސިން) ގެ ޚިދުމަތް ލިބެންފެށީ 25 ޖޫން 1931 ވަނައަހަރުކަމުގައި ވެސް ވިދާޅުވިއެވެ.
ދިވެހި ބޭސްވެރިކަމަކީ ސަރުކާރުގެ ރަސްމީ ނިޒާމުގެތެރެއިން އެކަށީގެންވާ މަސައްކަތްތަކެއް ނުކޮށް މިހާރު ދިވެހި ބޭސްވެރިކަން މިއޮތް ހާލަތުން ކުރިއަށް ގެންދިއުމަކީ ދަތިކަމަކަށްވާނެ ކަމަށް ދެކެވަޑައިގަންނަވާކަމަށް ޝަރަފްވެރި މެހުމާން ވިދާޅުވިއެވެ. އަދި ސަރުކާރުގެ ތެރެއިން އެކަންކަމަށް ކުރެވެން ހުރި މަސައްކަތްތަކުގައި އެހީތެރިކަން ވެދެއްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިހާރުވެސް އެފަދަ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދިވެހި ބޭސްވެރިންގެ އަތުގައި ހުރި ގިނަ ދުވަސްވީ ބޭސްވެރިކަމުގެ ފޮތްތައް ހޯދައި، އެތަކެތި ގިނަ ދުވަހަށް ހުންނާނެހެން ރައްކާތެރިކޮށް ބެލެހެއްޓުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއްކަމަށާއި، އެ މަސައްކަތް ޖަމްޢިއްޔާގެ އިސްނެގުމުމަތިން ޑޮކިއުމެންޓުކޮށް، ބޭސްވެރިން ނުލިޔެ ގެންގުޅުއްވާ އެކިއެކި ބޭސްތައް ޖަމާކޮށް އެކުލަވައިލުމަކީ ވަރަށް ބޭނުންތެރި އެހާމެ މުހިންމު ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ދިވެހި ބޭސްވެރިކަމަކީ ޤައުމީ މުހިންމު ބަހާއެއްކަމަށާއި، ޤައުމީ ތަރިކައެއްކަމުގައި ފާހަގަކުރައްވައި، ދިވެހިންގެ ވެލިއުސްއާއި، ދިވެހިންގެ އުޅުމާއި ވައްޓަފާޅި، އަދި އާދަކާދަ ހިފެހެއްޓުމަށްޓަކައި ދިވެހި ބޭސްވެރިކަން ދިރުވައި އާލާކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއްކަމަށް ވެސް ވިދާޅުވިއެވެ.
މި ޖަލްސާގައި ޖަމްޢިއްޔާގެ މުއައްސިސް ޙަސަން ޤާސިމްގެ އިތުރުން، ޖަމްޢިއްޔާގެ ރައީސް އަޙްމަދު މުޙައްމަދާއި، ޖަމްޢިއްޔާގެ ހިންގާކޮމެޓީގެ މެންބަރުންނާއި، ގިނަ ބޭސްވެރިންނާއި އަދި ޖަމްޢިއްޔާގެ ގިނަ ޢަދަދެއްގެ މެންބަރުންނާއި ހެޔޮއެދޭ ފަރާތްތަކުން ވަނީ ބައިވެފައިވެއެވެ.






