ކައުންސިލްތަކުން ތަޖުރިބާ ހޯދުމުގެ ނަމުގައި ކުރާ ދަތުރުތަކުގެ މަގްސަދު ހާސިލްނުވާ ކަމަށާއި އެކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކައުންސިލްތަކުގެ ބަލަދުވެރި ފަރާތް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސަމާލުކަމަށް ގެނެސްފިއެވެ.
ބައެއް ކައުންސިލްތަކުން ވަނީ މިދިޔަ އަހަރުތަކުގައި ތަޖުރިބާ ހޯދުމާއި އިންވެސްޓްމަންޓްތައް ހޯދުމުގެ ނަމުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ދަތުރުތަކެއް ކޮށްފައެވެ. ކައުންސިލްތަކުން މިހާތަނަށް ކުރި އެއްވެސް ދަތުރެއްގެ މަގުސަދު ހާސިލްވެފައި ނުވާކަމަށް އޮޑިޓަރު ޖެނެރަލް މިހާތަނަށް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގައި ވަނީ ފާހަގަކޮށްފައެވެ.
އެންމެފަހުން ށ އަތޮޅު ކައުންސިލުން ހައްދުންމައްޗަށް ތަޖުރިބާ ހޯދުމުގެ ނަމުގައި ކުރި ދަތުރާ ގުޅިގެންވެސް އޮޑިޓަރު ޖެނެރަލް ވިދާޅުވެފައިވަނީ އެ ދަތުރުން ކައުންސިލަށް މަންފާކުރަނިވި ބޭނުމެއް ހާސިލްވެފައި ނުވާކަމަށެވެ. ށ އަތޮޅު ކައުްނސިލުން ވަނީ ހައްދުންމައްޗަށް ކުރި ދަތުރަށް ޖުމްލަ 269,992 ރުފިޔާ ހޭދަކޮށްފައެވެ. މި ޚަރަދަކީ ދައުލަތުގެ ޚަރަދުތަކުގެ އެފިޝަންސީ މަތިކުރުމާއި ގުޅޭގޮތުން ފިނޭންސުން ނެރެފައިވާ ސާކިއުލާއިން އަންގާފައިވާ އެންގުމާއި އެއްގޮތަށް ކޮށްފައިވާ ޚަރަދެއްކަމުގައި ބެލެވެން ނެތްކަމަށް އޮޑިޓަރުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އޮޑިޓަރު އެލްޖީއޭއަށް ދެއްވި ރައުޔުގައި ބުނެފައިވަނީ، ޓްރެއިނިން އަދި ތަޖުރިބާ އެންމެ ބޮޑަށް ބޭނުންވާ ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމަށް އެސެސްމަންޓެއް ތައްޔާރުކޮށް އިދާރާތަކަށް ޓްރެއިނިން އާއި ތަޖުރިބާ ހޯދުމުގެ ދަތުރުތައް އެ އިދާރާ މެދުވެރިވެގެން ރަނގަޅު ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށެވެ.
ބައެއް ރަށްރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން މިދިޔަ އަހަރުތަކުގެ ތެރޭގައި ތަޖުރިބާ ހޯދުމަށް މެލޭޝިއާ، ތައިލެންޑް އަދި ސްރީލަންކާ ފަދަ ގައުމުތަކަށްވެސް ޒިޔާރަތްކޮށްފައިވެއެވެ.





