ގައުމީ އެއާލައިން، މޯލްޑިވިއަނުން އިންޑިއާގެ ކޮޗިންއަށާއި ޓްރިވެންޑްރަމަށް ހަފްތާއަކު ހަ ދަތުރު އަޅަން ނިންމައިފިއެވެ.
މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމުގެ ގޮތުން ގެންނަ މި ބަދަލާއެކު، އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ ދެ މަންޒިލަށް ހަފުތާއަކު 6 ދުވަހު ދަތުރުތައް ބާއްވާނެއެވެ.
މޯލްޑިވިއަން އިން ކޮޗިން އަދި ޓްރިވެންޑްރަމަށް މިހާރު ދަތުރުކުރަނީ ހަފުތާއަކު ފަސް ދުވަހެވެ. އެއީ ހޯމަ، ބުދަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. ނަމަވެސް ޑިސެމްބަރު 13 އިން ފެށިގެން މި ދަތުރުތައް އާދީއްތަ ދުވަހު ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އިތުރު ކުރި ދަތުރުތަކަށް ޓިކެޓް ބުކް ކުރުމުގެ ފުރުސަތު މިހާރު އެ އެއާލައިނުން ވަނީ އާންމުކޮށް ހުޅުވާލައިފައެވެ.
އިންޑިއާއަކީ ބޭސްފަރުވާއަށާއި، ވިޔަފާރި އަދި ޗުއްޓީ ހޭދަކުރުމަށް ގިނަ އަދަދެއްގެ ދިވެހިން އަބަދުވެސް ދަތުރުކުރާ ގައުމަކަށް ވާތީ، އެ ގައުމުގެ މަންޒިލްތަކަށް އޮންނަ ޑިމާންޑް އަބަދުވެސް ބޮޑެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 19 ގައި މި ދެ ސިޓީއަށް ކުރާ ދަތުރުތައް ހަފުތާއަކު ފަސް ދުވަހަށް އިތުރުކޮށްފައިވާއިރު، މިއަހަރުގެ ޑިސެމްބަރުގައި މި ގެންނަ ބަދަލަކީ މި ދަތުރުތަކަށް އޮތް ބޮޑު ތަރުހީބަށް އިޖާބަދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
ރާއްޖޭގެ ގައުމީ އެއާލައިނުން މިހާރު ވެސް ދަނީ ބައިނަލްއަގުވާމީ ހަތަރު ގައުމެއްގެ ހަތް މަންޒިލަކަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އޭގެ ތެރޭގައި އިންޑިއާގެ ދެ ސިޓީގެ އިތުރުން، ބަންގްލަދޭޝްގެ ޑާކާ، ޗައިނާގެ ތިން ސިޓީއެއް އަދި އޮސްޓްރޭލިއާގެ މެލްބަން ހިމެނެއެވެ.
ގައުމީ އެއާލައިނުގެ ހިދުމަތް ފުޅާ ކުރަމުން އަންނައިރު މޯލްޑިވިއަންގެ ހިދުމަތަށް މުޅިން އަލަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ވަނީ ގެނެސްފައެވެ. އަދި އިތުރު ވައިޑް ބޮޑީ މަތިންދާބޯޓުތަކެއް ގެނައުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.




