ހއ.ހޯރަފުށީގައި ތާރު އަޅައިގެން ތަރައްގީކޮށްފައިވާ މަގުތަކަށް ފެންޖަހައި ހަފުތާއަކު ދެ ދުވަހު ސާފުކުރުމުގެ މަސައްކަތްކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހާއި ހުކުރުދުވަހު އެވެ.
މި ކަމާގުޅިގެން، ރައްޔިތުން ސަމާލުކަންދޭންޖެހޭ މުޙިއްމު ކަންތައްތަކެއް ހޯރަފުށީ ކައުންސިލުން އާއްމުކޮށްފައިވެއެވެ.
އެ ގޮތުން މަގުތަކަށް އަރާފައިހުރި ވެލި ސާފުކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންކުރާ ވެހިކަލްތަކަށް އުނދަގޫވާ ގޮތަށް މަގުމަތީގައި ބަހައްޓާފައި ހުރި ތަކެތި ނެގުމަށް، ކައުންސިލުން އިލްތިމާސްކޮއްފައިވެއެވެ. އަދި ފެނުގެ އަސަރުކޮށް ހަލާކުވެދާނެ ނުވަތަ ގެއްލުން ވެދާނެ އެއްވެސް ބާވަތެއްގެ އެއްޗެއް މަގުމަތީގައި ހުރި ނަމަ އެ އެއްޗެހި ނެގުމަށް ވެސް ކައުންސިލުން އެދިފައިވެއެވެ.
އޭގެއިތުރުން އެ ދުވަހެއްގައި ސާފުކުރުމަށް ހަމަޖެހިފައިވާ މަގެއް ސާފުކުރެވޭނީ، ދުއްވާ އެއްޗެއްސަށް ނުވަދެވޭ ގޮތަށް މަގު ބަންދުކޮށްގެން ކަމަށް ވެސް އެ ކައުންސިލުން ރައްޔިތުންނަށް މައުލޫމާތު ދީފައިވެއެވެ.




