ހއ. އުތީމު ކަނދުވަލު މިސްކިތް ސަރަހައްދުގައި ތަރައްގީކޮށްފައިވާ ތާރީޚީ ބޮޑުތަކުރުފާނުގެ ޖިހާދުގެ މަންޒަރުތައް ސިފަކޮށްދޭ “ވާހަކަ ވައު” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތު އޮތީ ގައުމީ ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ހއ. އުތީމަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން މިއަދު މެންދުރުފަހުއެވެ.
ދިވެހި ތާރީޚީ ބިނާއެއްކަމަށްވާ އުތީމު ކަނދުވަލު މިސްކިތާ އިންވެގެން އޮތް ގުދުރަތީ ވަލުގެ ތެރޭގައި ތަރައްގީކޮށްފައިވާ “ވާހަކަ ވައު” އަކީ ބޮޑުތަކުރުފާނުގެ މިނިވަންކަމުގެ ޖިހާދުގެ ވާހަކަ ކިޔައިދީ، އޭގެ މަންޒަރުތައް ސިފަކޮށްދޭ ބޯޑުތަކެއްގެ އެހީގައި އެ ޖިހާދު އިހުސާސް ކޮށްދިނުމަށްޓަކައި ތާރީޚުގެ ތެރެއަށް ހިނގާލެވޭ ހިނގާލުމެއްގެ ގޮތުގައި ފަރުމާކުރެވިފައިވާ ޕާކެކެވެ.
ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކުން ވާހަކަ ވަލުގެ މަގުތަކުން ހިނގަމުންދާއިރު، ގަސްގަހާގެހީގެ ތެރެއިން ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދުގެ މުހިންމު ހާދިސާތައް ތަރުތީބުން ފެންނަން ހުންނަ ގޮތަށް ފަރުމާކުރެވިފައިވާ މި ހިނގާލުމުގައި، މިލާދީ ސަނަތުން 1558 ގައި، މާލެ އިސްތިއުމާރު ކުރި ހިސާބުން ފެށިގެން، ހއ. ބާރަށުގައި ކަޅުއޮށްފުންމި ބެންނެވުމާއި، މީލާދީ ސަނަތުން 1573 ގައި ލިބުނު ފަހްރުވެރި ނަސްރާ ހަމައަށް ވާހަކަތައް ގެނެސްދެވިފައިވެއެވެ.
މިއީ ފަންނުވެރިކަމާއި ގުދުރަތީ ރީތިކަމާއި ތާރީހު އެއްތަނަކުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިވެގެންދާގޮތަށް ފަރުމާކުރެވިފައިވާ ޕާކެއް ކަމަށްވީ އިރު، މި މަޝްރޫއަކީ ރައީސް ގައުމިއްޔަތަށް ދެއްވާ ހާއްސަ އަހަންމިއްޔަތާއެކު ގާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދަމަހައްޓައި، ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދަވާ މަޝްރޫއެކެވެ.
”ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫއު“ގެ ދަށުން ސަރުކާރުން އަމާޒު ހިފާފައި ވަނީ އުތީމަކީ ސަގާފީ ފަތުރުވެރިކަމާއި ގައުމީ ތާރީޚުގެ މުހިންމު މަރުކަޒަކަށް ހެދުމަށެވެ.





