ވަޒީފާގެ ބާޒާރު ހަރުދަނާކުރަން ”މައި ކެރިއަރ ޕޯޓަލް“ އިފްތިތާހު ކޮށްފިއެވެ.
މި ޕޯޓަލް މެދުވެރިކޮށް ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތައް ގުޅުވައިދީ، ކެރިއާސް ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެއެވެ.
ނޭޝަނަލް ކެރިއަރސް ސަރވިސް (އެންސީއެސް) އިން ތަރައްގީކުރި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާނެވެ.
މި ޕޯޓަލްގެ މައިގަނޑު މަގުސަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ކެރިއަރ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލައި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ނިޒާމެއް ގާއިމުކުރުން ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
އިއްޔެ އިފްތިތާހުކުރި މި ޕޯޓަލްގައި ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން، މުސްތަގުބަލު ބައްޓަންކުރުމަށް އެހީތެރިވެދޭނެ ތަފާތު ވަސީލަތްތައް ހިމެނެއެވެ.
އޭގެ ތެރޭގައި، ވަޒީފާ ހޯދާ ފަރާތްތަކާއި ތަމްރީނު ލިބިފައިވާ ކައުންސިލަރުން ސީދާ ގުޅުވައިދީ، އަމާޒުތައް ކަނޑައެޅުމަށާއި ފަރުދީ ގޮތުން ބޭނުންވާ އިރުޝާދު ފޯރުކޮށްދޭ ކެރިއަރ ގައިޑަންސް ހިމެނެއެވެ. އަދި މަސައްކަތުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް އެކުލަވާލާ އެކްޝަން ޕްލޭންތައް މޮނިޓަރ ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފައެވެ.
ހޯމް މިނިސްޓްރީން ބުނިގޮތުގައި، މީގެ ސަބަބުން ހާސިލުކުރެވިފައިވާ ކާމިޔާބީތަކާއި އިތުރަށް ތަރައްގީކުރަންޖެހޭ ހުނަރުތައް ފަސޭހައިން ދެނެގަނެވޭނެއެވެ. ހަމައެހެންމެ، ވަޒީފާގެ ފުރުސަތުތައް އިއުލާނުކުރުމާއި، މީހާގެ ހުނަރާ ގުޅޭ ވަޒީފާތައް އޮޓޮމެޓިކުން ހުށަހަޅައިދިނުމުގެ އިތުރުން، ވަޒީފާއަށް ކުރިމަތިލުމުގެ މަރުހަލާ ލުއިފަސޭހަކޮށް އަވަސްކޮށްދޭނެއެވެ.
އެންސީއެސްގެ އިސްނެގުމާއެކު ތަރައްގީކުރި މި މަސައްކަތަށް ފަންޑުކޮށްފައިވަނީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ ”ސެއިލްސް“ (SAILS) ޕްރޮޖެކްޓުންނެވެ.
މި މަސައްކަތަކީ ދިވެހިންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން، ގާބިލު އަދި ހުނަރުވެރި ޒުވާން މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ”މޯލްޑިވްސް 2.0“ ގެ ތެރެއިން ކުރެވޭ މަސައްކަތެކެވެ.
ވަޒީފާ ހޯދާ ފަރާތްތަކަށާއި ވަޒީފާދޭ ފަރާތްތަކަށް މިހާރުން ފެށިގެން www.mycareer.gov.mv މެދުވެރިކޮށް މި ޕްލެޓްފޯމުގެ ބޭނުން ހިފޭނެއެވެ.





