މިއަހަރު ނިމުމުގެ ކުރިން އޭދަފުށީގައި ސީޓީ ސްކޭންގެ ޚިދުމަތް ދެވޭނެ : މިނިސްޓަރު

32e1695f-d7ab-4e16-a7fa-1d65788f938f.jpg

ސީޓީ ސްކޭން ހަދަން ބޭނުން ކުރާ މެޝިން، ފޮޓޯ: އައިޖީއެމްއެޗް

އޭދަފުށި ހިމެނޭހެން ރާއްޖޭގެ ހަތް ރަށެއްގައި ސީޓީ ސްކޭންގެ ޚިދުމަތް މިއަހަރު ނިމުމުގެ ކުރިން ދެވޭނެކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، އަތޮޅުތެރޭގެ ތިން ރަށެއްގައި އަލަށް އެމްއާރްއައިގެ ހިދުމަތް އަދި ހަތް ރަށެއްގައި ސީޓީ ސްކޭނުގެ ހިދުމަތް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ސަރުކާރުން ބާރަށް ކުރިއަށްގެންދާ ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާ އިރު އޭދަފުށީގައި ސީޓީ ސްކޭން ގެ ޚިދުމަތް ދިނުމުގެ ގޮތުން އިތުރު އިމާރާތެއް އެޅުމުގެ މަސައްކަތް ބ.އަތޮޅު ހޮސްޕިޓަލުގެ ގޯތި ތެރޭގައި މިހާރުވެސް ބާރު ދުވެލީގައި ކުރިއަށް ދާކަން ފާހަގަ ކުރެވެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގެ އަތޮޅުތެރޭގެ ތިން ހޮސްޕިޓަލަކުން އެމްއާރްއައިގެ ހިދުމަތް ލިބެމުންދެއެވެ. އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިތުރުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލެވެ. މީގެ ތެރެއިން އުނގޫފާރުގައި މި ހިދުމަތް ގާއިމުކޮށް ހިދުމަތް ދޭން ފަށާފައިވަނީ މި ސަރުކާރުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މީގެ އިތުރުން އަލަށް އެމްއާރްއައިގެ ހިދުމަތް ތައާރަފުކުރުމަށް ސަރުކާރުން ނިންމާފައިވާ ރަށްތަކަކީ ގދ. ތިނަދޫއާއި، ލ. ގަން އަދި ފުައްވަމަލަކު ސިޓީއެވެ. މި ރަށްތަކުގައި އެ ހިދުމަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސީޓީ ސްކޭނުގެ ހިދުމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މާލޭ ސަރަހައްދުން ބޭރުން މިހާރު މި ހިދުމަތް ދެމުންދަނީ ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ފުައްވަމަލަކު ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކަމަށެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އިތުރު ހަތް ރަށެއްގައި މި ހިދުމަތް ގާއިމުކުރުމެވެ. އެ ރަށްތަކަކީ ހއ. ދިއްދޫ، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއެވެ.

މި މަޝްރޫއުތަކަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ގާތުން ސިއްހީ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ޚާއްސަ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެެއް ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top