އެފްއޭއެމް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ބާއްވަމުން އަންނަ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ބ. އަތޮޅު ބުރުގައި، މިއަދު އޭދަފުއްޓާއި މާޅޮސް ވާދަކުރި މެޗުން މާޅޮސް މޮޅުވެ އެންމެން ހައިރާން ކޮށްލައިފި އެވެ.
ރާއްޖޭގެ ފުޓްބޯޅަ އާއި ފުޓްސަލްގެ އެންމެ ވަރުގަދަ އެއްބާރު ގޮތުގައި ބެލެވޭ އޭދަފުށީގެ މައްޗަށް މާޅޮހުން ކާމިޔާބީ ހޯދީ 3-0 އިންނެވެ.
އޭދަފުށީ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި މާޅޮހުން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. މި ދެ ލަނޑުވެ އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 6 ވަނަ މިނެޓާއި 10 ވަނަ މިނެޓުގައި މުޙައްމަދު ނަބީލެވެ. މާޅޮހުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 31 ވަނަ މިނެޓުގައި ޖަހައިދިނީ މުޙައްމަދު އަމީމް އިބްރާޙީމެވެ.
މެޗުގައި އޭދަފުށިން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އުފެއްދި ނަމަވެސް، މާޅޮހުގެ ގޯލްކީޕަރު މުޙައްމަދު އާތިފް ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާތައް ދިފާއުކޮށްފައެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދެ ލަނޑު ޖެހި ނަބީލެވެ.
މި ނަތީޖާއާއެކު މި ގްރޫޕް (ގްރޫޕް އޭ) ގައި މާޅޮހާއި އޭދަފުއްޓަށް ވެސް މިވަނީ ތިން ޕޮއިންޓް ލިބިފައެވެ. އޭދަފުށިން ވަނީ ފުރަތަމަ މެޗުގައި ގޮއިދޫ ބަލިކޮށްފައެވެ. ގްރޫޕުގެ ފަހު މެޗުގައި މި މަހުގެ 10 ވަނަ ދުވަހު މާޅޮހާއި ގޮއިދޫ ބައްދަލުކުރާއިރު، ސެމީ ފައިނަލަށް ދާނެ ޓީމުތައް ކަށަވަރުވާނީ އެ މެޗަށް ފަހުގައެވެ.
މީގެ އިތުރުން، ބ. އަތޮޅުގެ ގްރޫޕް ބީގައި މިރޭ ތުޅާދޫ އާއި ދޮންފަނު ބައްދަލުކުރާނެއެވެ. ފުރަތަމަ މެޗުން ފެހެންދޫ އަތުން މޮޅުވެފައިވާ ތުޅާދޫއަށް މި މެޗު އެއްވަރުކޮށްލައިގެން ވެސް ސެމީގެ ޖާގައެއް ލިބޭނެއެވެ.






